Roadha Mihaaru
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު

ނީލަކަންތާ؛ މިއީ ދުނިޔޭގެ އެންމެ ހަލުވި ހިއުމަން ކަލްކިއުލޭޓަރު

27 އޯގަސްޓް 2020

ބަތަލާ ވިދިޔާ ބާލަން މިދިޔަ މަހު ފެނުނު ފިލްމު "ޝަކުންތަލާ ދޭވީ" އަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. ހިތު ހިސާބަށް މޮޅުކަމުން ޝަކުންތަލާ މަޝްހޫރުވީ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ވިދިޔާ ބާލަން މިދިޔަ މަހު ފެނުނު ފިލްމު "ޝަކުންތަލާ ދޭވީ" އަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. ހިތު ހިސާބަށް މޮޅުކަމުން ޝަކުންތަލާ މަޝްހޫރުވީ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުންނެވެ.

އިންޑިއާގެ ޒުވާނަކު މިހާރު ވަނީ ޝަކުންތަލާ ހޯދި ކަހަލަ ޝަރަފެއް ހޯދައިފަ އެވެ. މިއީ އިންޑިއާގެ ހައިދަރުއާބާދަށް ނިސްބަތްވާ 21 އަހަރުގެ ނީލަކަންތާ ބާނޫ ޕްރަކާޝް އެވެ. އޭނާ ވަނީ މި މަހުގެ 15 ގައި ލަންޑަނުގައި ބޭއްވި މައިންޑް ސްޕޯޓްސް އޮލިމްޕިއަޑް (އެމްއެސްއޯ) ގައި ހިސާބަށް ކިހާ ކުޅަދާނަކަން ސާބިތުކޮށްދީ އެ މުބާރާތުގައި އިންޑިއާ އަށް މެންޓަލް ކަލްކިއުލޭޝަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑެލް ހޯދައިދީފަ އެވެ.

ހިސާބުގެ ދާއިރާ އިން މިހާރު ވެސް އެންމެ ދުނިޔޭގެ ހަތަރު ރެކޯޑެއް އޮތް އަދި 50 ލިމްކާ ރެކޯޑް އޮތް ނީލަކަންތާ އަކީ ދިއްލީ ޔުނިވަސިޓީ (ޑީޔޫ) ގައި ހިސާބު ކިޔަވާ ދަރިވަރެކެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި މި ދަރިވަރު ބުނީ ހިސާބުގެ އިލްމުގައި ދުނިޔޭގެ ވަރުގަދަ ޝަހުސިއްޔަތުން ކަމަށްވާ ޝަކުންތަލާ އާއި އެމެރިކާގެ ސްކޮޓް ފްލެންސްބާގް ފަދަ އިލްމުވެރިން ހޯދި ފަދަ މަގާމެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން އެންމެ އުފާވާ ކަމަކީ އިންޑިއާ އަށް ރީތި ނަމެއް ހޯދައިދެވުމުން،" ނީލަކަންތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ލަންޑަން މުބާރާތުގައި ވާދަކޮށްގެން އިންޑިއާގެ ނަން ރަން އަކުރުން ފަވައިލުމުގެ ޝަރަފު ލިބުމަކީ ވަކިން ހާއްސަ އުފަލެކެވެ. ސަބަބަކީ ލަންޑަންގެ އެ މުބާރާތަކީ ސިކުނޑީގެ ހުނަރު ވަޒަންކޮށްލަން ލިބޭ އެންމެ ބޮޑު ފުރުސަތަށްވުމެވެ. މި ފަހަރުގެ މުބާރާތުގައި ނީލަކަންތާ ރަން ވަނަ ހޯދީ 13 ގައުމެއްގެ 30 ބައިވެރިއަކާ ވާދަ ވެސްކޮށްގެންނެވެ. އޭގެ ތެރޭގައި އުމުރުން 60 އާ ގާތްކޮށްފައި ތިބި މީހުން ވެސް ހިމެނުނެވެ.

"އަހަންނަނަށް ލިބުނު ރަން މެޑެލަކީ އޮލިމްޕިކްގައި ފިިޒިކަލް ކުޅިވަރެއްގައި ވާދަކޮށްގެން ރަން މެޑެލް ހޯދުމާ ހަމަ އެއްވަރުގެ ކާމިޔާބީއެއް." ވަރަށް ކުޑައިރުއްސުރެ ހިސާބަށް ހާއްސަ ޝައުގުވެރިކަމެއް ދޭން ފެށި ނީލަކަންތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހިސާބުގެ އިލްމުގެ ދާއިރާ އިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ އެ އިލްމަށް ލޯބިކުރާ ދަރިވަރުންނަށް ކުރިއަށް ދެވޭނެ ލެބެއް "ވިޝަން މެތު" ގެ ނަމުގައި ވުޖޫދަށް ގެނައުމެވެ. އަދި އޭގެ ދަށުން އެތައް މިލިއަން ކުދިންތަކަކަށް ހިސާބު އުނގަންނައިދޭން ބޭނުންވާ ކަމަށް ބުންޏެވެ.

"ހިސާބު އިލްމަކީ ވަރަށް މުހިއްމު ދާއިރާއެއް. ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ހިސާބާ ވެސް ގުޅިފައި އޮންނަ ދުވަހެއް. މިއީ އިންސާނުންނާ ވަކިވުމެއް ނެތް ގުޅުން ބޮޑު އިލްމެއް. މީގެ ބޭނުންތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް އަންނާނީ ބޮޑުވަމުން،" ނީލަކަންތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ވިޝަން މެތު" ހަގީގަތަކަށް ހަދައިދޭން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަރަށް އިސް ދައުރެއް އަދާކުރެއްވިދާނެ އެވެ. އެހެންވެ މޯދީގެ އެހީ މިކަމަށް އެދޭ ކަމަށް ބުންޏެވެ.

"މޯދީ ލީޑްކުރައްވައި މިކަމަށް މަގުފަހިކޮށްދެއްވަން މަސައްކަތްކުރައްވައިފި ނަމަ މި އިނިޝިއޭޓްވިވާ އެކު އިންޑިއާގެ ނަން ހިސާބުގެ ދާއިރާ އިން އިތުރަށް ވިދުވާލަން އަހަރެމެންނަށް ފުރުސަތު ލިބޭނެ." ނީލަކަންތާ ބުންޏެވެ.