Roadha Mihaaru
ފެނުނީ ކޮރަޕްޓުވެ ހާލުގައި ޖެހިފައިވާ މަންޒަރު: ޖަމީލް

ޖަލްސާ އިން ފެނުނީ ވެރިކަން ކޮރަޕްޓްވެ ހާލުގައި ޖެހިފައިވާ މަންޒަރު: ޖަމީލް

05 ނޮވެމްބަރ 2016

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާ އިން ފެނުނީ އެމަނިކުފާނުގެ ވެރިކަން ކޮރަޕްޓުވެ، ހާލުގައި ޖެހިފައިވާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާ އިން ފެނުނީ އެމަނިކުފާނުގެ ވެރިކަން ކޮރަޕްޓުވެ، ހާލުގައި ޖެހިފައިވާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާ އަށް ފާޑުވިދާޅުވެ، ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ދެކެން ބޭނުން މޫނެއް، އަހާ ހިތްވާ އަޑެއް ނެތް ކަމަށެވެ.

ޖަމީލް ކުރެއްވި ޓުވީޓް.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ޖަމީލް ފާޑުވިދާޅުވެފައި މިވަނީ، ފައިސާ ދީގެންނާއި މަޖުބޫރުން ޖަލްސާގައި ބައިވެރިކޮށްފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ޖަލްސާ އަށް ރަށްރަށުން އައި މީހުންނަށް ފައިސާ ދިން ކަމަށް ވިދާޅުވެ، ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ ނައިބު އަބްދުލް މަތީން މުހައްމަދު ވަނީ މިއަދު ޓްވީޓެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރީ ޖަލްސާ އަށް އައި މީހުން މާލޭގައި ނިކަމެތިވިޔަ ނުދޭން ކަމަށެވެ.

ޕީޕީއެމް ދެ ފަޅިފައިވާއިރު "އަސްލު" ނަމުގައި ރައީސް ޔާމީން ފެކްޝަނުން މި ޖަލްސާ ބޭއްވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން ބާއްވަން އުޅުނު ޖަލްސާ އަށް ހުރަސްއެޅުމަށް ފަހު އެވެ. ޕީޕީއެމްގެ ރައީސް އަދާކުރައްވާ ރިހާ ޒިންމާތަކެއް ސިވިލް ކޯޓާއި ހައި ކޯޓުން، ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމާ އެކު ޕާޓީ އޮފީހުގައި ހުރި މުދާތައް ގެންގޮސް އިދާރީ ހުރިހާ ކަމެއް ވެސް ގެންދަނީ ރައީސް ޔާމީންގެ ފެކްޝަނުންނެވެ.

ޖަލްސާ އަށް ޖަމީލް ފާޑުވިދާޅުވިޔަސް ރައީސް ޔާމީންގެ ފެކްޝަނުން ބުނެފައިވާ ގޮތުގައި ރޭގެ ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން 4،000 އަށް ވުރެ ގިނައީ ރަށްރަށުން ސީދާ ޖަލްސާ އަށް ގެނައި މީހުން ކަމަށް އެ ފެކްޝަނުން ބުނެފައިވެ އެވެ. އަދި އެއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން މާލޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށް ވެސް ރައީސް ޔާމީންގެ ފެކްޝަނުން ބުނެ އެވެ.