Roadha Mihaaru
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި

ދައުލަތުން ބަލަހައްޓާ ކުދިން ރަށްރަށް، ފުރަތަމަ ބެޗު އޭދަފުއްޓަށް

24 ޑިސެމްބަރ 2020

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގަ އާއި ފިޔަވަތީގައި ތިބޭ 17 ކުއްޖަކު ބ. އޭދަފުއްޓަށް މިއަދު ބަދަލުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގަ އާއި ފިޔަވަތީގައި ތިބޭ 17 ކުއްޖަކު ބ. އޭދަފުއްޓަށް މިއަދު ބަދަލުކޮށްފި އެވެ.

މިއީ ހިޔާ އަދި ފިޔަވަތީގައި ތިބޭ ކުދިންނަށް އުފާވެރި، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި އާ ކަމެކެވެ. އޭދަފުށީގެ އިތުރުން، ހއ. ދިއްދު އާއި ށ. ފުނަދު އާއި ދ. ކުޑަހުވަދު އާއި ޏ. ފުވައްމުލަކަށް ކުދިން ބަދަލު ކުރާނެ އެވެ.

ދައުލަތުން ބަލަހައްޓާ ކުދިން ގޮވައިގެން، އެއާޓެކްސީގައި، ބ. އޭދަފުއްޓަށް މިއަދު ވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ. އެ ރަށުގައި އެ ކުދިން ތިބޭނީ، ހުރިހާ ރަށެއްގައި ވެސް ހަދާފައިވާ "އަމާން ހިޔާ"ގަ އެވެ.

އެއީ ދެ ބުރިއަށް ހަދާފައި ހުންނަ ބޮޑު ގެ އެކެވެ. ކުދިންގެ އަދަދަށް ބަހާލައި، ކޮންމެ ދެ ކުއްޖަކަށް ކޮޓަރިއެއް ހުންނައިރު، ޑައިނިން ރޫމަކާއި ލައިބްރަރީ އަކާއި އިންޓަނެޓް ކެފޭ އަކާއި ހެލްތު ރޫމެއް ހުރެ އެވެ. ކުދިންނަށް ކުޅެވޭ ގޮތަށް، ތަނުގެ ގޯތިތެރެ ފައްކާކޮށްފައި ވެ އެވެ. އެ ގެއާ ޖެހިގެން، އިދާރީ އިމާރާތެއް ވެސް ވަނީ ހަދައިފަ އެވެ. ކުދިންގެ ހިދުމަތުގައި 30 މުވައްޒަފުން އެތަނުގައި އުޅެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝާ ވިދާޅުވީ، ބޭނުމަކީ ތޮއްޖެހިފައިވާ ހިޔާތަކުން ކުދިން ޖާގަ ތަނަވަސް ތަނަކަށް ބަދަލުކޮށް، އާއްމުންގެ އަޅާލުމާއި ލޯބި އެ ކުދިންނަށް ފޯރުކޮށްދިނުން ކަމަށެވެ. "އަމާން ހިޔާ" ގައި ތިބޭ ކުދިންނަށް އެހެން އާއިލާތަކަށް ޒިޔާރަތް ކުރެވޭނެ އެވެ. އަދި އެހެން ކުދިންނާއެކު ކުޅިވަރު ކުޅެ، ކުޑަކުދިންނަށް އާއްމުކޮށް އޮންނަ ހުރިހާ ފުރުސަތުތަކެއް އެ ކުދިންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެ ކުދިންނާއެކު އަބަދު ވެސް ކެއާޓޭކަރުން އުޅޭނެ. އެ ކުދިންގެ ހުރިހާ ކަމެއް، ކައުންސިލާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލާއި ފުލުހުން ވެސް މޮނީޓާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށް އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ކުރާ ކަމެއް،"

މިނިސްޓަރު ވިދާޅުވިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެނީ މައިންބަފައިން އިހުމާލުވުމާއި ބަންދުގައި ތިބުމުން، އެ މީހުންގެ އަޅާލުމާއި ލޯބި ގެއްލިފައި ތިބި ކުދިންނެވެ. އެހެންވެ، އެއީ ވަރަށް ބޮޑެތި ހިތާމަތަކެއް ތަހައްމަލު ކުރަމުންދާ ކުދިންތަކެއް ކަމަށް ވިދާޅުވި އެވެ. އެކަމަށް ސަމާލުކަން ދީ، ކުދިންގެ ހިދުމަތުގައި ކައުންސިލިން ދޭ މީހުންނާއި އެހެނިހެން ހިދުމަތްތައް ވެސް ފަސޭހައިން ލިބޭނެ ކަމަށް އާއިޝާ ވިދާޅުވި އެވެ.

ރަށްރަށަށް ކުދިން ފޮނުވުމުގެ އަނެއް މަގުސަދަކީ ކުދިންގެ މެދުގައި އޮތް އާއިލީ ލޯބި ދެމެހެއްޓުމެވެ. ހިޔާތަކުގައި ގިނައިން ތިބެނީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށް ވިޔަސް، ވަކި އުމުރަކަށް ދިޔުމުން ދެ މަރުކަޒަކަށް ކުދިން ބަދަލު ކުރެ އެވެ. އުމުރުން 13-18 އަހަރާ ދެމެދުގެ ކުދިން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭއިރު އޭގެ ހަގަށް ތިބޭ ކުދިން ބައިތިއްބަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތު އޮންނަ ގޮތުން ކުދިންގެ މެދުގައި އޮންނަ އެ އެއްބަނޑުއެއްބަފާ ކަމުގެ އެޓޭޗްމެންޓް ވެސް އެބަކުޑަވޭ. މައިންބަފައިން ނެތުމުގެ ސަބަބުން އެ ކުދިންނަށް، އާއިލީ ގުޅުން ވަރަށް މުހިއްމު. އެހެންވެ، އަޅުގަނޑުމެން އާ ޕްރޮޖެކްޓް މި ފެށީ ވެސް އެ ގުޅުން ބަދަހި ވާނެ ފަދަ ގޮތަކަށް،" އާއިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭދަފުއްޓަށް ބަދަލު ކުރީ ވެސް ހަތަރު އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ. އެއީ ފިޔަަވައްޗާއި ހިޔާގައި ތިބި ކުދިން އެއްކޮށްލައިގެންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެހެން ރަށްރަށުގައި ހުންނަ "އަމާން ހިޔާ" ތައް އަންނަ އަހަރުގެ ތެރޭގައި ހުޅުވައި، އިތުރު ކުދިން އެތަނަށް ބަދަލު ކުރާނެ ކަމަށެވެ.