Roadha Mihaaru
ކުދިން އުޅޭ ގޮތް ބެލުމަކީ އިތުރަށް ޓްރިގާ ވާނެ ކަމެއް

ފިޔަވަތީގެ މައްސަލަގަނޑު: "އެއްވެ، އެ ކުދިން އުޅޭ ގޮތް ބެލުމަކީ އިތުރަށް ޓްރިގާ ވާނެ ކަމެއް"

18 ސެޕްޓެމްބަރ 2021

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ، "ފިޔަވަތި" ގައި އުޅޭ ކުދިންތަކެއް ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުން، އެ ތަނުގައި ރޭ އަލިފާން ރޯކޮށް، މައްސަލަ ހޫނުވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެ އަމަލު ހިންގި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިދިޔަ ތިން ދުވަހު އެ މަރުކަޒުގެ ބައެއް ކުދިންގެ ފަރާތުން "ފެންނަ ކަންތައްތަކާ ގުޅިގެން" އެ މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިހާރު ވެސް އެ ދެ އިދާރާގެ މުވައްޒަފުންގެ ޓީމެއް "ފިޔަވަތި" ގެ ކުދިންނާއި މުވައްޒަަފުންނާއެކު ހަރަކާތްތެރިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

"...ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއްކަން ފާހަގަކުރަމެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވައި ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް، މި ސާވިސް އިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހައި ފަރުދުންގެ އެއްބާރުލުން ދިނުމަކީ މި ސާވިސްގެ އެދުމެކެވެ،" ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުން ކުދިންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް، އެ ކުދިންގެ ކަރާމާތައް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ބެހެއްޓުމަކީ އެދުމެކެވެ.

"ފިޔަވަތި" ގައި މައްސަލަ ހޫނުވާން ދިމާވި ސަބަބެއް ޖެންޑާ މިނިސްޓްރީގެ ބަޔާނަކު ވެސް ނެތެވެ. އެކަމަކު އިއްޔެ އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ، ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތަކާ އެއްޗެހި ވެސް ހަލާކުކޮށްފައި ވެ އެވެ.

"ފިޔަވަތި" ގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ދިޔަ އެވެ.