Roadha Mihaaru
ޑޮމެސްޓިކް ފްލައިޓުތައް ނޯތު އޭޕްރަނަށް ބަދަލުކޮށްފި

ޑޮމެސްޓިކް ފްލައިޓުތައް ނޯތު އޭޕްރަނަށް ބަދަލުކޮށްފި

27 ޑިސެމްބަރ 2020

ރާއްޖެ އަންނަ ފްލައިޓްތައް ގިނަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި ބާރުބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން ޑޮމެސްޓިކް ފްލައިޓުތަކަށް މީހުން އެރުމާއި ބޭލުން، ނޯތު އޭޕްރަންއަށް އިއްޔެ ބަދަލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަންނަ ފްލައިޓްތައް ގިނަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި ބާރުބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން ޑޮމެސްޓިކް ފްލައިޓުތަކަށް މީހުން އެރުމާއި ބޭލުން، ނޯތު އޭޕްރަންއަށް އިއްޔެ ބަދަލުކޮށްފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ގޮތުން ގެނައި މި ބަދަލާ އެކު ޑޮމެސްޓިކް ޓާމިނަލަށް ދަތުރުވެރިން ގެންނާށާއި ބޯޓުތަކަށް އުފުލާނީ ބަސްތަކުގައި ކަމަށެވެ.

ކުރިން ނަމަ ޑޮމެސްޓިކް ފްލައިޓްތައް އާންމުކޮށް ޕާކްކޮށްފައި އޮންނަނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގަ އެވެ.

ނޯތު އޭޕްރަންއަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަަން އަންނަ މަހުޖަނުންގެ ޖެޓްތައް ޕާކްކުރަން ހާއްސަކުރި ސަރަހައްދެކެވެ. އެކަމަކު އަމިއްލަ ޖެޓްތައް މިހާރު ޕާކްކުރަނީ، އާ ރަންވޭއާ އިންވެގެން، އިރުމަތީ ފަރާތުގައި ހަދާފައި އޮންނަ އޭޕްރަންގަ އެވެ.

"މި ބަދަލުގެ ސަބަބުން މިހާރު ވަރަށް ބޮޑު ފަސޭހަތަކެއް ލިބިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރަންވޭ ހުސްކުރަން ލިބުނު ފަސޭހަ އެވެ. ރަންވޭ ބިޒީވެގެން ގިނަ އިރު މަތީގައި ބޯޓުފަހަރު އޮންނަ އޮތުމަށް ރަނގަޅު ހައްލެއް މި ވަގުތު ލިބިއްޖެ ކަމަށް ވެސް، އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް އޮތުން މި ދުވަސްވަރު ވަނީ މުޅިން ބަދަލުވެފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއަށް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އަދި މިއަދު ވެސް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވެ އެވެ.

އެމްއޭސީއެލް ޓްވީޓް

މި މަހުގެ މިހާތަނަށް 70،000 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ. މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ގާތްގަނޑަކަށް ހޭދަވި ހަތަރު މަހަށް ފަހު ޖުލައި 15 ގައި ހުޅުވާލުމާ އެކު، އެއް މަސް ތެރޭގައި މިހާތަނަށް އައި އެންމެ ގިނަ އަދަދެވެ.

ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވެ، ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަނީ ފުލްވެފަ އެވެ.