Roadha Mihaaru
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި

މޯލްޑިވިއަން އާއި އެމިރޭޓްސް ގުޅިގެން ހިދުމަތްދޭ އެއްބަސްވުން އާކޮށްފި

14 ސެޕްޓެމްބަރ 2023

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިން އެމިރޭޓްސް އާއި މޯލްޑިވިއަން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން ހެދި އެއްބަސްވުން އާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިން އެމިރޭޓްސް އާއި މޯލްޑިވިއަން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން ހެދި އެއްބަސްވުން އާކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ، އެމިރޭޓްސްއާ އެކު ހެދި އެއްބަސްވުމާ އެކު 16 މަންޒިލަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.

މި ދެ އެއާލައިނުން އެންމެ ފުރަތަމަ އިންޓަލައިން އެގްރީމެންޓެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ އާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ، އެމިރޭޓްސް އާ އެކު ހެދި އެއް ބަސްވުމުގެ ދަށުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ދަތުރު ކުރާ ދަތުރުވެރިންނަށް އެއް ޓިކެޓަކުން ދެ އެއާލައިންގެ ދަތުރުތައް ކުރެވޭނެ ކަމަށެވެ. މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިންޓަނޭޝަނަލް ދަތުރުތަކާއި ޑޮމެސްޓިކް ދަތުރުތައް ގުޅުވާލައިގެން ދަތުރުކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދްނާން ކާޒިމް ވިދާޅުވީ، މި އެއްބަސްވުން އާކުރެވުމުން، ކަސްޓަމަރުންނަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށެވެ. އެގޮތުން ރާއްޖެ އައިސް ޑޮމެސްޓިކް ދަތުރުތައް ކުރަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

"މި ގެނައި ބަދަލުގެ ސަބަބުން އެންމެ ޓިކެޓަކުން، ބޭނުންވާ މަންޒިލަށް ދަތުރު ކުރެވޭނެ. މި އެއްބަސްވުން އާ ކުރުން މެދުއިރުމައްޗާއި ޔޫރަޕާއި އެފްރިކާ އާއި އެމެރިކާ އިން ދަތުރު ކުރާ ކަސްޓަމަރުންނަށް ވެސް ކުރިއާލާ މުޅި ދަތުރު ޕްލޭން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓްތައް ބާއްވާ އެއް އެއާލައިނެވެ. އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެވްރެޖުކޮށް ދުވާލަކު ހަތަރު ފްލައިޓް ޖައްސަ އެވެ.