Roadha Mihaaru
ދެ ވަނަ ދަރިފުޅު ދިނީ ތެލަސީމިއާއަށް ޝިފާއެއް!

ދެ ވަނަ ދަރިފުޅު ދިނީ ތެލަސީމިއާއަށް ޝިފާއެއް!

28 ޑިސެމްބަރ 2020

ދެ ކެރިއަރުންގެ ގޮތުގައި މީގެ 16 އަހަރު ކުރިން، ނާސިހު ޖަމާލާއި ޝަހީދާ އަހުމަދު، ހަޔާތުގެ ގޮށް ޖަހާލީ އައިސްދާނެ ރާޅުގެ ބިޔަކަން އެނގި ތިބެ އެވެ. ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު ބޮޑު ނަމަވެސް އޭރު އެ މީހުން ހިތްހަމަޖައްސާލީ، ބަލިވެ އިނުމުން ޓެސްޓު ހަދައިގެން ލޭ އަޅާ ކުއްޖެއްތޯ ބެލޭނެތީ އެވެ. ކައިވެންޏަށް ހަތަރު އަހަރު ފަހުން، ޝަހީދާ ބަނޑުބޮޑުވި އެވެ. އެކަމަކު ހެދި ޓެސްޓުތަކުން ބަލި ކުއްޖެއްކަން ޔަގީންވި ނަމަވެސް އެ ކުއްޖާ އެބޯޓްކޮށްލުމުގެ ހިތްވަރެއް އެ މީހުންނަކަށް ނުލިބުނެވެ.

ދެ ކެރިއަރުންގެ ގޮތުގައި މީގެ 16 އަހަރު ކުރިން، ނާސިހު ޖަމާލާއި ޝަހީދާ އަހުމަދު، ހަޔާތުގެ ގޮށް ޖަހާލީ އައިސްދާނެ ރާޅުގެ ބިޔަކަން އެނގި ތިބެ އެވެ. ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު ބޮޑު ނަމަވެސް އޭރު އެ މީހުން ހިތްހަމަޖައްސާލީ، ބަލިވެ އިނުމުން ޓެސްޓު ހަދައިގެން ލޭ އަޅާ ކުއްޖެއްތޯ ބެލޭނެތީ އެވެ. ކައިވެންޏަށް ހަތަރު އަހަރު ފަހުން، ޝަހީދާ ބަނޑުބޮޑުވި އެވެ. އެކަމަކު ހެދި ޓެސްޓުތަކުން ބަލި ކުއްޖެއްކަން ޔަގީންވި ނަމަވެސް އެ ކުއްޖާ އެބޯޓްކޮށްލުމުގެ ހިތްވަރެއް އެ މީހުންނަކަށް ނުލިބުނެވެ.

ތެލަސީމީއާ ކުއްޖެއް ގޮވައިގެން، ވޭތުވެ ދިޔަ 12 އަހަރު، އެ މީހުންގެ ދިރިއުޅުން ހިތްދައްޗެވެ. ލޭ ހޯދަން މާ އުނދަގޫ ނުވި ނަމަވެސް، ކޮންމެ ފަހަރަކު ދަރިފުޅު އުފުލަން ޖެހޭ ވޭނަށް ކެތްކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެ މީހުންގެ ދެ ވަނަ ދަރިފުޅު، މީގެ ދުވަސްކޮޅެއް ކުރިން އުފަންވީ ބޭބެއަށް އުއްމީދަކާ އެކުގަ އެވެ. ތެލަސީމިއާ ބަލިން މުޅިން ސަލާމަތްވުމަށް، ހަދަން ޖެހޭ ބޯންމެރޯ ޓްރާންސްޕްލާންޓްގެ އެހީއެއްގެ ގޮތުގަ އެވެ.

ތެލަސީމިއާ ބަލީގެ ޝިފާއެއްގެ ގޮތުން މީގެ ކުރިން ވެސް ޓްރާންސްޕްލާންޓް ހަދަ އެވެ. އެކަމަކު ޝާހިދާގެ ދެމަފިރިންނަކީ ތެލެސީމިއާގެ ބަލި ނުހުންނަ އަދި އެޗްއެލްއޭ ދިމާވޭތޯ ޔަގީންކުރުމަށް ފަހު، އައިވީއެފް މެދުވެރިކޮށް ދަރިއެއް ހޯދި ފުރަތަމަ ދިވެހިންނެވެ.

"އަޅުގަނޑުމެން ދެ އަހަރު ވަންދެން މެލޭޝިޔާގައި ތިބެގެން މި ފަރުވާ ހޯދީ. އިރާދަކުރެއްވީތީ ދެ ވަނަ ފިރިހެން ދަރިފުޅު އުފަންވީ، އޭނާއަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަކަށް، ފުރަތަމަ ދަރިފުޅުގެ ޝިފާއެއްގެ ގޮތުގައި،" ޝަހީދާ، 38، ކިޔައިދިނެވެ.

ދަރިފުޅުގެ ފަރުވާއަށް ދިގު ދަތުރެއް

ތެލެސީމިއާ ބަލީގެ ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. އެކަމަކު ލޭގެ ގުރޫޕް ދިމާވާން ޖެހޭ ގޮތަށް، ދިފާއީ ނިޒާމުގައި ހިމެނޭ ހިއުމަން ލިއުކޮސައިޓް އެންޓިޖެންޓް ނުވަތަ އެޗްއެލްއޭ ދިމާވާ މީހުން، އާއިލާ ތެރެއިންނާއި ބޭރުން ވެސް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެޗްއެލްއޭ ދިމާވެއްޖެ ނަމަ، އޭނާގެ ބޯންމެރޯއިން ލޭ ނަގައިގެން ތެލަސީމިއާ ބަލީގެ މީހާއަށް އަޅަނީ އެވެ. އެކަމަކު މިކަން ކާމިޔާބުވުމުގެ އޮތީ އެންމެ ހަ ޕަސެންޓެވެ.

ޝަހީދާގެ ދެމަފިރިންނާއި ހައިރެކްސް އައިވީއެފް ޕްރޮސީޖާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ދިވެހި ޑޮކްޓަރު، ސަލީމް، (ކ-2) އާއި ލެބޯޓަރީގެ އިތުރު ޑޮކްޓަރުން ފޮޓޯއަކަށް ހުއްޓިގެން

ޝަހީދާގެ ދެމަފިރިންނާއި ހައިރެކްސް އައިވީއެފް ޕްރޮސީޖާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ދިވެހި ޑޮކްޓަރު، ސަލީމް، (ކ-2) އާއި ލެބޯޓަރީގެ އިތުރު ޑޮކްޓަރުން ފޮޓޯއަކަށް ހުއްޓިގެން

މެލޭޝިޔާގެ ޖެނެޓިކް ލެބޯޓަރީ، ޖެނެމިކްސްލެބުން މިކަމަށް ހައްލެއް ހޯދައިދިން އިރު މިއީ އޭޝިއާ ސަރަހައްދުން ވެސް މި ހިދުމަތް ދޭ ހަމައެކަނި ތަނެވެ. މި ލެބޯޓަރީގައި އިސްކޮށް މަސައްކަތް ކުރައްވަނީ ވެސް ދިވެހި ޑޮކްޓަރެކެވެ. މެލޭޝިޔާގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު ސަލީމް ކިޔައިދެއްވި ގޮތުގައި މިއީ، ދިގު އެކަމަކު އެންމެ ފުރިހަމަ ނަތީޖާ ނެރެވޭނެ ފަދަ ޕްރޮސީޖާއެކެވެ.

އާއްމުކޮށް އައިވީއެފް ހަދަނީ، އަންހެން މީހާގެ ބިހާއި ފިރިހެން މީހާގެ ދަރިފަނި ފާޓިލައިޒްކޮށްގެން ނުވަތަ މުޑުވައްކޮށްގެން އެމްބްރިއޯއެއް ހަދައިގެންނެވެ. ސަލީމް ދެއްވީ ވެސް ހަމަ އެފަދަ ފަރުވާއެކެވެ. އެކަމަކު ތަފާތަކީ، ތެލަސީމިއާ ބަލީގެ ކުއްޖާއާ ދިމާވާ އަދި ލޭ އަޅާ ބަލި ނެތް އެންބްރިއޯއެއް ހަދަން ޖެހުމެވެ. މި ފަރުވާގައި، ދޮށީ ކުއްޖާގެ އުމުރާއި ސިއްހީ ހާލަތާއި ބޯން މެރޯ ހެދިދާނެތޯ ފަދަ ކަންތައްތައް ބަލަން ޖެހެ އެވެ. މަންމަގެ އުމުރަށް ވެސް ބަލައި، ކިތައް ބިސް ނެގޭނެތޯ ޔަގީން ކުރެ އެވެ.

"އާއްމުކޮށް އައިވީއެފް ފަށާފައި އެމްބްރިއޯތައް ފާޓިލައިޒް ކުރަނީ. އެކަމަކު މި ޕްރޮސީޖާގައި، އެބަ ޖެހޭ ސްޕާމް އާއި ބިސް ނަގާފައި ފާޓިލައިޒްކޮށްފައި، 5-7 ދުވަސް އިންކިއުބޭޓްކޮށް، އެ ރަނގަޅިއްޔާ އޭގެ ކައިރި ފަށުން ހައެއްކަ ސެލް ނަގަން. އެ ސެލްތައް އަޅުގަނޑުމެން ލެބޯޓަރީގައި މި ޓެސްޓު ކުރަނީ އެޗްއެލްއޭ ދިމާވޭތޯ ބަލަން. ތެލަސީމިއާ ހުރިތޯ ބަލަން،" ސަލީމް ވިދާޅުވި އެވެ.

"މި ގޮތަށް ވިއްސަކަށް އެމްބްރިއޯ ފާޓިލައިޒް ކުރަން ޖެހޭ. ދެން ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު، މެޗުވާ އެމްބްރިއޯއެއް [ރަހިމުގައި] މި އިމްޕްލާންޓް ކުރަނީ."

މަންމަގެ ރަހިމަށް އެމްބްރިއޯ ލުމަށް ފަހު ވެސް 15 ހަފުތާ ފަހުން، އެޗްއެލްއޭ ދިމާވޭތޯ ޓެސްޓު ކުރަން ޖެހެ އެވެ. ސަލީމް ވިދާޅުވި ގޮތުގައި ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅުދަނޑިން ނަގާ ސްޓެމްސެލް އަކީ، ދޮށީ ކުއްޖާގެ ތެލެސީމިއާގެ ފަރުވާ އެވެ. މި ސެލްތައް ޖެހޭނީ އެ ކުއްޖާއަށް ޓްރާންފިއުސް ކުރާށެވެ.

ތެލަސީމިއާ ކުއްޖެއްކަން ޔަގީންވީމައި މިހާރު ގިނަ މީހުން އެބޯޓް ކުރަނީ. އެކަމަކު އަޅުގަނޑުމެން މި ދޭ ހިދުމަތުން ދެ ކުދިންގެ އެޗްއެލްއޭ 100 ޕަސެންޓް މެޗުވާނެ

ސަލީމް ވިދާޅުވީ މި ފަރުވާ ފެށުމުގެ ކުރިން، އެތިކަލް ކޮމެޓީއަކަށް، ފަރުވާ ހޯދާ މަގްސަދު އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ. އެއީ މީގެ ބޭނުން ނަހަމަ ގޮތުގައި ކުރިއަ ނުދިނުމަށެވެ. ލޭގެ ކެންސަރު ޖެހިފައިވާ މަންމަ ނުވަތަ ބައްޕަގެ ފަރުވާއަކަށް، އައިވީއެފް ހަދައިގެން ދަރިފުޅުގެ ސްޓެމްސެލް ބޭނުން ކުރެވޭއިރު، މިފަދަ ގޮތަކަށް އެ ބޭނުން ނުކުރާނެކަން، ދާއިރާގެ ތަޖުރިބާކާރަކާއި ލޯޔަރަކާއި ސޯޝަލް ވޯކަރެއް އިންނަ ކޮމެޓީއަށް ޔަގީންކޮށްދޭން ޖެހެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިހެއުމަށް ފަހު އެއްލާލައި ފޫޅުދަނޑިން ސްޓެމް ސެލް ނެގުމަށް ފަހު، ކުޑަކުއްޖާގެ ދައުރު އެ ފަރުވާގައި ނިމުނީ އެވެ. ޓްރާންސްޕްލާންޓަށް ދޮށީ ކުއްޖާ ތައްޔާރުވަންދެން، އެ ސެލްތައް ރައްކާ ވެސް ކުރެވޭނެ އެވެ.

ތެލެސީމިއާ ވާރުތަކުރާ ދެމަފިރިން، މަންމަގެ ބަނޑުގައި އޮންނަ ކުއްޖާއަކީ ލޭ އަޅާ ކުއްޖެއްތޯ ޔަގީންކުރަނީ ބަނޑަށް 14 ހަފުތާގައި ހަދާ ޓެސްޓަކުންނެވެ. ސަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ޑޮކްޓަރުން ވެސް، މި ޓެސްޓު ހެދުމަށް އޭނާއަށް ސާމްޕަލް ފޮނުވަ އެވެ. އެކަމަކު އޭނާގެ ލެބޯޓަރީން މިހާރު ދޭން ފަށާފައިވާ އައިވީއެފްގެ މި ހިދުމަތަކީ ސަލީމްގެ ބަހުން ނަމަ، "އެއްވެސް ކުއްޖަކަށް އިހާނެތި ނުވާ ގޮތަށް ކުރާ ކަމެކެ"ވެ.

"ތެލަސީމިއާ ކުއްޖެއްކަން ޔަގީންވީމައި މިހާރު ގިނަ މީހުން އެބޯޓް ކުރަނީ. އެކަމަކު އަޅުގަނޑުމެން މި ދޭ ހިދުމަތުން ދެ ކުދިންގެ އެޗްއެލްއޭ 100 ޕަސެންޓް މެޗުވާނެ. ގުދުރަތީ ގޮތުން ވިހައިގެން އެ ދިމާވާނީ އެންމެ ހަ ޕަސެންޓް،" ކިޔަވާ ނިންމުމަށް ފަހު، މެލޭޝިޔާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސް ވެފައިވާ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށް 30،000-40،000 ރިންގިޓް (114,000-152،000 ރުފިޔާ)އަށް ދޭ މި ޕްރޮސީޖާގެ މައުލޫމާތު ގިނަ ދިވެހިންނަކަށް އަދި ނޭނގެ އެވެ.

މި ފަރުވާ ހޯދަން ދަރިފުޅު ގޮވައިގެން މިދިޔަ ދެ އަހަރު ޝާހިދާ މެލޭޝިޔާގައި އިން އިރު، އޭނާގެ ފިރިމީހާއަށް ހުންނަން ޖެހުނީ، އާމްދަނީ ހޯދަން ރާއްޖޭގަ އެވެ. އެކަމަކު އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާ ފޮންޏެވެ. ދެ ދަރިންނާ އެކު އާއިލާ އެނބުރި ރާއްޖެ އަންނަން ތައްޔާރުވަނީ ދޮށީ ދަރިފުޅުގެ ވޭނީ ދިރިއުޅުމަށް ނިމުމެއް ގެނެވުނު ކަމުގެ އުއްމީދާ އެކުގަ އެވެ.