Roadha Mihaaru

ދެ ލޮލުގެ ފެނުން ގެއްލިފައިވާ ޝައިހް އިބްރާހީމްގެ ބޭސްފަރުވާއަށް އެހީ ހޯދަނީ

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ޝައިހް އިބްރާހީމްގެ ދެ ލޮލުގެ ފަރުވާއަށް އެހީ ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ޑިސެމްބަރ 2025

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ. ދެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.

ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ވަނީ ގެއްލިފަ އެވެ.

ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.

ސިއްހީ މި މައްސަލަތަކުގައި ފަރުވާއަށް ޝައިހް މުހައްމަދު އިބްރާހިމަށް އެހީ ބޭނުންވާތީ، އެހީ ޖަމިއްޔާ އިން ވަނީ ފަންޑު އެއްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެހީ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަހުމަދު އިގްބާލް ވިދާޅުވީ އެ ޖަމިއްޔާއިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ޝައިހް މުހައްމަދު އިބްރާހިމަށް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް ޕޯޓަލެއް ހަދައިފަ އެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ޝައިހް މުހައްމަދު އިބްރާހިމްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެ ނަމަ ނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

@eheeofficial

ޝެއިޚް މުޙައްމަދު އިބްރާޙީމް (ނައިފަރީ)ގެ ވާހަކަ އަޑު އެހިންތަ؟ މި ވީޑިއޯގެ އިތުރުން ތިރީގައިވާ ޝެއިޚްގެ އިންޓަވިއުވެސް ބަލާލާ. އަދި ޝެއިޚްއަށް ދިމާވެފައިވާ ދަތި އުނގަދޫކަމުގައި އެހީތެރިވުމަށް "އެދިހަ"ގައި ހެދިފައިވާ ހާއްސަ ޕޭޖް ވެސް ބަލާލާ އިތުރު މީހުންނަށް ހިއްސާކޮށްލާ! . ޝެއިޚްގެ އިންޓަވިއު: https://youtu.be/ntSshSnuCi8 . އެދިހައިގެ ލިންކް: https://edhiha.mv/campaigns/j86bQnYZ

♬ original sound - EHEE JAMIYYA

މަދީނާއިން އިލްމު އުނގެނިވަޑައިގެން ޝައިހް މުހައްމަދު އިބްރާހިމް ދިރިއުޅުއްވަމުން ގެންދެވީ އުފަންރަށް ނައިފަރުގަ އެވެ. އެ ރަށު ސްކޫލް، މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ލޮލުގެ ހާލަތު ދެރަވެ މިހާރު މަސައްކަތެއް ނުކުރައްވަ އެެވެ.

އޭނާއަކީ އެކި ދާއިރާތަކުން ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން އޭނާގެ ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.