Roadha Mihaaru
ސަލްމާންގެ "ރާދޭ" އަންނަ އަހަރުގެ ފިތުރު އީދަށް

ސަލްމާންގެ "ރާދޭ" އަންނަ އަހަރުގެ ފިތުރު އީދަށް

29 ޑިސެމްބަރ 2020

ކުރިން މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން އުޅުނު ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް ސަލްމާން ޚާން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން އުޅުނު ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކޮށްފާނެކަމުގެ އިޝާރާތެއް ސަލްމާން ޚާން ދީފި އެވެ.

އާދީއްތަ ދުވަހު 55 ވަނަ އުފަން ދުވަސް ފާހަގަކުރި އެކްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ "ރާދޭ" އޮތީ ނިމިފައި ކަމަށާއި މިހާރު އިންތިޒާރުކުރަނީ ފިލްމު އަޅުވާނެ ރަނގަޅު ރަނގަޅު ދަނޑިވަޅަކަށް ކަމަށެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކުރި ފިލްމު މި އަހަރުގެ މެއި 22 ގައި އަޅުވަން ރޭވި ނަމަވެސް އެކަން ނުވީ ކޮވިިޑް-19 ގެ ބަލިމަޑުކަމާ ހެދި އިންޑިއާގެ ސިނަމާތައް މާޗްގައި ބަންދުކޮށް، ފިލްމީ މަސައްކަތްތައް ވެސް ހުއްޓާލަން ޖެހުމުންނެވެ. މި ސަބަބާ ހުރެ "ރާދޭ" ގެ މަސައްކަތް އެއްކޮށް ނިންމައިލެވުނީ އިންޑިއާގެ ލޮކްޑައުން އުވައިލުމުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ސަލްމާން ބުނީ ފިލްމު އަޅުވަން ބޭނުން ވަނީ ސިނަމާތަކުގެ ވިޔަފާރި ކުރިއެކޭ އެއްގޮތަށް ހިނގައި ގަނެ، ކުރިއެކޭ އެއްގޮތަށް އާންމުން ސިނަމާތަކަށް ވަންނަން ފެށި އިރަކުން ކަމަށެވެ.

"އެހެންވެ ކުރިއަށް އޮތް އީދުގައި ފިލްމު ރިލީޒްކުރެވިދާނެ ކަމަށް ބަލައިގެން އަހަރެމެން މި ތިބީ. މީގައި އެންމެ މުހިއްމު ކަމަކީ ޓިކެޓް ގަނެގެން ސިނަމާތަކަށް ވަދެ ފިލްމު ބެލުމަކީ ރައްކާތެރިކަމެއްކަން އާންމުންނަށް ކަށަވަރުވެފައި އޮތުން،" ސަލްމާން ބުންޏެވެ. "އެހެން ނޫން ކަމަށް ވަންޏާ ހިއެއް ނުވޭ މީހުން ހަރަދުކޮށްފައި ސިނަމާތަކަށް ވަންނާނެހެނެއް."

އޭނާ ބުނިގޮތުގައި ކޮވިޑްގެ ހާލަތު މަޑުމަޑުން މިހާރު ރަނގަޅުވަމުން އަންނާތީ "ރާދޭ" އަންނަ އަހަރުގެ ފިތުރު އީދުގައި ބެލުންތެރިންނަށް ގެނެސްދިނުމަކީ އުންމީދެކެވެ.

"އެހާތަނަށް އަންނަ އިރު އެފަދަ މާހައުލެއް އޮތް ކަމަށް ވަންޏާ ފިލްމު ގެނެސްދެވޭނެ. އެހެން ނޫނީ އަނެއްކާ ވެސް ޖެހޭނީ ރަނގަޅު ދަނޑިވަޅަކަށް މަޑުކުރަން." ސަލްމާން ބުންޏެވެ.

"ރާދޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަބަންގް 3" އަށް ފަހު ސަލްމާނާއި ޕްރަބޫދޭވާ އެކީގައި މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ފުރަތަމަ ގެނެސްދިން ފިލްމަކީ 2009 ގެ "ވޯންޓެޑް" އެވެ.

އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ރާދޭ" ފެ ކާސްޓްގައި ޑިޝާ ޕަޓާނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް އަދި ޒަރީނާ ވައްހާބް ހިމެނެ އެވެ. އަދި ފިލްމުގެ އައިޓަމް ލަވައަކުން ޖެކްލިން ފެނަންޑޭޒް ފެނިގެންދާނެ އެވެ.

ސަލްމާން މި ވަގުތު އަންނަނީ ޅިޔަނު އާޔޫޝް ޝަރުމާއާ އެކު ކުޅޭ "އަންތިމް" ގެ މަސައްކަތްކުރަމުންނެވެ.