Roadha Mihaaru
ޖޯން ބޭނުން ވަނީ ސަލްމާނާ "ތަޅާފޮޅަން"

ޖޯން ބޭނުން ވަނީ ބޮކްސް އޮފީހުގައި ސަލްމާނާ ކުރިމަތިލާން

18 މާޗް 2021

ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" މެއި 13 ތާވަލުކޮށް، ފިލްމުގެ ރަސްމީ ޕޯސްޓަރު ނެރުމާ އެކު ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ވެސް ހަމަ އެ ތާރީހުގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" މެއި 13 ތާވަލުކޮށް، ފިލްމުގެ ރަސްމީ ޕޯސްޓަރު ނެރުމާ އެކު ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ވެސް ހަމަ އެ ތާރީހުގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމު އެންމެ ފަހުން ތާވަލުކޮށްފައި އޮތް ތާރީހަކީ ފިތުރު އީދާ ދިމާކޮށް މެއި 14 އެވެ. އެކަމަކު މިހާރު މި ވަނީ ރިލީޒްކުރާ ދުވަސް އެއް ދުވަސް އަވަސްކޮށް ސީދާ ސަލްމާންގެ ފިލްމާ އެއް ދުވަހެއްގައި ގެނެސްދޭން ނިންމައިފަ އެވެ.

އެހެންވެ މި އަހަރުގެ ފިތުރު އީދަކީ ހަމަ ރަނގަޅަށް ވެސް ބޮކްސް އޮފީހުގައި ސަލްމާނާއި ޖޯން "ތަޅާފޮޅާނެ" ދުވަހެކެވެ. މީގައި ފޭނުން އެންމެ ބޮޑަށް ބަލާނީ ވިޔަފާރީގައި ކުރި ހޯދާނީ ކޮން ފިލްމެއްތޯ ބެލުމެވެ.

ޖޯންރާގެ ގޮތުން ބަލައިފި ނަމަ "ރާދޭ" އާއި "ސަތިޔަމޭވް ޖަޔަތޭ 2" އަކީ ވެސް އެކްޝަން ފިލްމުތަކެވެ. ޖޯންގެ ފިލްމަކީ އޭނާ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ދެވަނަ ބައެވެ. މި ފިލްމުގެ ބަތަލާ އަކީ ޕްރޮޑިއުސަރު ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް ހިމެނެ އެވެ.

ސަލްމާންގެ ފިލްމާ އެއް ދުވަހެއްގައި ޖޯންގެ ފިލްމު ގެންނަން ނިންމުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ދެ ފިލްމުގެ ޕްރޮމޯޝަން ވެސް ވަރަށް ވާދަވެރިކޮށް ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. ސަލްމާނަކީ އަބަދު ވެސް އޭނާއާ ގަދަކޮށް ހިފަންއުޅޭ މީހުންނަށް ވަރުގަދަ އަށް ރައްދުދޭ ތަރިއަކަށްވާތީ އޭނާގެ "ރާދޭ" ބޮކްސް އޮފީހުގައި ކުރި ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ އެވެ. އަނެއްކޮޅުން ޖޯން އަކީ ސަލްމާނާ މާ ގާތް ގުޅުމެއް އޮންނަ އެކްޓަރަކަށް ނުވާތީ އޭގެ ބަދަލު ވެސް ސަލްމާން ހިފަން މަސައްކަތްކުރާނެ އެވެ.

ދެ ތަރިންގެ މެދުގައި ގުޅުމެއް ނެތަސް މިހާތަނަށް ސަލްމާނާއި ޖޯން އެކީގައި ހިއްސާވި ފިލްމުތަކުގެ ތެރޭގައި 2006 ގެ "ބާބުލް" އާއި 2007 ގެ "ސަލާމޭ އިޝްގް" ހިމެނެ އެވެ.

މެއި 13 އަށް "ސަތިޔަމޭވް ޖަޔަތޭ 2" ތާވަލުކުރި އިރު، ޖޯންގެ "މުމްބާއީ ސާގާ" މާދަމާ ސިނަމާތަކަށް އަންނާނެ އެވެ.