Roadha Mihaaru
ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް

ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް

28 ޑިސެމްބަރ 2020

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގެ ގްރޫޕްގެ ސްޓޭޖުގެ ފަހު މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)އާ ވާދަކުރަން ރިވައިވަލް ސްޕޯޓްސް ކްލަބަށް ޖެހިއްޖެ އެވެ.

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގެ ގްރޫޕްގެ ސްޓޭޖުގެ ފަހު މެޗުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގައި އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)އާ ވާދަކުރަން ރިވައިވަލް ސްޕޯޓްސް ކްލަބަށް ޖެހިއްޖެ އެވެ.

ފުރަތަމަ ސެމީގައި މިއަދު ހަވީރު ގްރޫޕް އޭގެ އެއް ވަނަ އިންޑޯ ސްޕޯޓްސް ކުޅޭނީ ގްރޫޕް ބީގެ ދެ ވަނަ ހޯދި ކްލަބް ސްކޯ (ސީއެސް)އާ އެވެ. ޔޫވީ ދެ ވަނަ ހޯދީ ރޭ އެ ޓީމުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން ރިޓަޔާކުރުމުން އެ މެޗުން ލިބުނު މޮޅާ އެކީ އެވެ. ގްރޫޕް ބީގެ އެއް ވަނަ ހޯދި ރިވައިވަލް ސެމީގައި އައިބާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ އެވެ.

އިއްޔެ ރިވައިވަލް އިން ކުޅުނު މެޗުގައި ގޯޅި ސްޕޯޓްސް ކްލަބް އަތުން ވަނީ ހަތް ގޭމުން ވެސް މޮޅުވެފަ އެވެ. ރިވައިވަލްގެ ކުޅުންތެރިޔާ ޒަޔާން ޒަކީ އިއްޔެގެ މެޗުގައި ނުކުޅެ އެވެ. ފުރަތަމަ ފިރިހެން ޑަބަލްސްގައި އަހުމަދު ތޯއިފް މުހައްމަދާއި އިބްރާހިމް ރާޝިއުގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ގޯޅީގެ މުހައްމަދު ހިޝާމް އާއި އަހުމަދު ޝަފްރާޒްގެ ޕެއާ ބަލިކޮށްފަ އެވެ. އެއީ 11/15 އިން ފުރަތަމަ ސެޓުން ބަލިވެފައި ވަނިކޮށް ފަހަތުން އަރައި ދެން ކުޅުނު ދެ ސެޓު 15/07، 11/07 އިން ގެންގޮސްގެންނެވެ.

ފުރަތަމަ އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ 15/11، 15/11 އިން ގޯޅީގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިމިނަތު ސާނާގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި ނަބާހާ އާއި ރާޝިއުގެ ޕެއާ ވަނީ ގޯޅީގެ މައިސާ އާއި އިބްރާހިމް ޒިޔާއުގެ ޕެއާ ބަލިކޮށްފަ އެވެ. އެއީ 15/09، 15/13 އިންނެވެ. ދެ ވަނަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި އަހުމަދު ވަސީމްގެ ޕެއާ ވަނީ 15/11، 15/06 އިން ގޯޅީގެ ހިޝާމް އާއި މުހައްމަދު މުސާދުގެ ޕެއާ ބަލިކޮށްފަ އެވެ.

ދެ ވަނަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި ޝިޔާނާގެ ޕެއާ ވަނީ ގޯޅީގެ އައިމިނަތު ހުދާ އާއި ކަމީލާ މުހައްމަދު އާރިފްގެ ޕެއާ 15/11، 15/07 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ އަހުމަދު ރިޔާޒް އާއި ނަބީހާގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ގޯޅީގެ އަހުމަދު މުއާޒް އާއި ސާނާގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ގޭމުގައި ރިވައިވަލްގެ ވަސީމް އާއި މުހައްމަދު ޝާރިމްގެ ޕެއާ ވަނީ 15/04، 15/06 އިން ގޯޅީގެ މުއާޒް އާއި މުސާދުގެ ޕެއާ ބަލިކޮށްފަ އެވެ.

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕަކީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަނުން މާލެ ސަހަރައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ މުބާރާތެވެ.