Roadha Mihaaru
"މިކްސް ޗެމްޕިއަންޝިޕުން ބެޑްމިންޓަނަށް ފައިދާވާނެ"

މިކްސް ޗެމްޕިއަންޝިޕުން ބެޑްމިންޓަނަށް ފައިދާވާނެ: ޒަޔާން

31 ޑިސެމްބަރ 2020

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގެ ސަބަބުން ރާއްޖޭގެ ބެޑްމިންޓަނަށް ފައިދާވާނެ ކަމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަދި މުއައްސިސް ޒަޔާން ޒަކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގެ ސަބަބުން ރާއްޖޭގެ ބެޑްމިންޓަނަށް ފައިދާވާނެ ކަމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަދި މުއައްސިސް ޒަޔާން ޒަކީ ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެކު އެއް ހަފްތާ އަށް ބޭއްވި މި މުބާރާތަކީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ބޭއްވި ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. ހުރިހާ މެޗެއް ކާމިޔާބުކުރި ރިވައިވަލް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ ބަލިކޮށްފަ އެވެ.

ޒަޔާން "މިހާރު" އަށް ބުނީ މިއީ ރިވައިވަލް އިން އަނެއްކާ ވެސް ކުރިއަށް އެޅި ފިޔަވަޅެއް ކަމަށާއި ކްލަބްގެ އަސްލު މަގުސަދާ ހަމައަށް ވާސިލްވާން މީގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ކްލަބްގެ އަސްލު ޓާގެޓަކީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުން. އެ މަގުސަދަށް ބަލާއިރު މި ގޮތަށް ނެޝަނަލް ލެވަލްގައި ލިބޭ ކާމިޔާބީ ވާނެ ހިތްވަރަކަށް. މި ގޮތަށް މިއީ ދެ ވަނަ ކާމިޔާބީ ހަގީގަތުގައި މިއީ ކުރިއަށްދާން މުހިއްމު ސްޓެޕެއް،" ޒަޔާން ބުންޏެވެ.

މިއީ މިދިޔަ އަހަރު ޖޫން މަހު ވުޖޫދުކުރި ރިވައިވަލް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގައި ލިބުނު ދެ ވަނަ ކާމިޔާބީ އެވެ. އެ ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޓީމު އިވެންޓް ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ރިވައިވަލް އިން ވަނީ މިދިޔަ އަހަރު ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގެ ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ.

ޒަޔާން ބުނީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތަށް ފަހު ބެޑްމިންޓަންގައި އަށް ވަރަކަށް ކްލަބް އެކްޓިވްކޮށް މަސައްކަތްކުރަން ފަށައި މި ފަހަރުގެ މިކްސް ޗެމްޕިއަންޝިޕްގައި ވެސް އަށް ޓީމު ބައިވެރިވިިއިރު މީގެން ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެެވެ.

"ސޯޝަލް މެމްބަރުންގެ ތެރެއިން ވެސް މުބާރާތުގައި ކުޅެވޭނެ ކުޅުންތެރިން ފެނިގެންދިޔަ. އަނެއްކޮޅުން ވަރަށް ވާދަވެރިކޮށް މެޗުތަކެއް ވެސް ފެނުނު. ދެން މި އަށް ކްލަބް އެކްޓިވްކޮށް އޮވެ ކުޅުންތެރިން ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތަށް ދާނަމަ ހަގީގަތުގައި އެއީ ބެޑްމިންޓަނަށް ލިބޭނެ ކުރިއެރުމެއް. އެކަން އެބަފެނޭ ކްލަބްތަކުން،" ޒަޔާން ބުންޏެވެ.

Extremely proud of these two boys, for making it into the final of the BAM Mixed Team Championship 2020. Despite not...

Posted by Zayan Zaki on Monday, 28 December 2020

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ ގައުމީ ރޭންކިންގެ ގަދަ 15ގެ ތެރޭގައި ހިމެނޭ ހަތަރު ކުޅުންތެރިއަކަށެވެ. އެ ގޮތުން ރިވައިވަލް ޓީމުގައި ހިމެނީ ޒަޔާންގެ އިތުރުން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ އިތުރުން އަހުމަދު ތޯއިފް އެވެ. ރިވައިވަލް ސްކޮޑުގައި ދެން ތިބި ކުޅުންތެރިންގެ ތެރެއިން ގަދަ 15 ގައި ހިމެނޭ ދެ ކުޅުންތެރިއަކު ވަނީ ލޯން އުސޫލުން އިންޑޯ ސްޕޯޓްސް އަށް ދޫކޮށްލައިފަ އެވެ. އެއީ އައްފާން އަލީ އާއި ރިޝްވާން ޝިޔާމް އެވެ.

ޒަޔާން ބުނީ ކޮންމެ ގޮތެއް ވިޔަސް ބެލީ އައްފާން އާއި ރިޝްވާން އަށް މި މުބާރާތުގައި ކުޅެވޭނެ ގޮތެއް ހޯދުން ކަމަށާއި އެ ގޮތުން އިންޑޯ ސްޕޯޓްސްއާ ވާހަކަ ދައްކައިގެން އެ ފުރުސަތު ދޭން ނިންމުމުން އެ ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އެ މީހުން (އައްފާން އާއި ރިޝްވާން) ވަރަށް ރަނގަޅަށް ޕާފޯމްކުރި މުބާރާތެއް. އިންޑޯ ފައިނަލްއާ ހަމައަށް ގެންދަން އައްފާން އާއި ރިޝްވާން އަދި ޓީމުގައި ހުރި ގައުމީ ޓީމުގެ އާކިފް ވެސް ރަނގަޅަށް ކުޅުނު. ހަގީގަތުގައި މި މުބާރާތުން ރިޝްވާން އާއި އައްފާން ޕާފޯމްކުރުން އެއީ އަޅުގަނޑުމެން ކްލަބަށް ޕޮޒިޓިވް ކަމެކޭ ބުނެވޭނީ،" ޒަޔާން ބުންޏެވެ.

އުއްމީދަކީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވޭ ވަރަކަށް ބެޑްމިންޓަނުގެ ހަރަކާތްތައް އިތުރުވުން ކަމަށާއި މިހާރު އޮތްގޮތުން އިންޓަނޭޝަނަލް ބެޑްމިންޓަން އިވެންޓުތައް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކަމަށް އޭނާ ބުންޏެވެ.