Roadha Mihaaru
ޖެނެރަލް ޝިޔާމަށް ކޮރަޕްޝަންގެ ދައުވާކޮށްފި

ޖެނެރަލް ޝިޔާމަށް ކޮރަޕްޝަންގެ ދައުވާކޮށްފި

30 ޑިސެމްބަރ 2020

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ބެހެއްޓެވި މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ބެހެއްޓެވި މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމަށް އުފުލީ ވީއައިޕީ ގޭގައި ބައްޕަ ބެހެއްޓެވުމުގެ އިތުރުން ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި ކަމަށެވެ. އެތަނުގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ބައްޕަގެ ދިރިއުޅުއްވުމުގެ ކަންކަން ޝިޔާމް ހަމަޖެއްސެވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދައުވާ މިކުރީ ޕީޖީ އަންގަވައިގެން އޭސީސީން ހިންގި ތަހުގީގަށް ފަހު އެވެ. ކުރީގެ ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް ފައިލްކޮށްފައި އޮތީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއްގެ ގޮތުގަ އެވެ.

ޝިޔާމްގެ ބައްޕަ ވީއައިޕީ ފެސިލިޓީގައި ބެހެއްޓި މައްސަލަ ކުރީގެ ކޮމިޝަނުން ނިންމައި، އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި، އޭނާ އެ ގޭގައި ދިރިއުޅުއްވުން ހަމަޖެހުނީ ޝިޔާމްގެ އެންގެވުމުގެ މަތިންނެވެ. އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިއުންތަކުން އެނގޭ ކަމަށް ވެސް އޭރު އޭސީސީން ބުނެފައިވެ އެވެ.

އެކަމަކު މި ފަހުން ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެ ކަމަށެވެ.