Roadha Mihaaru
ޕީޖީން އަންގައިގެން ޝިޔާމްގެ މައްސަލަ އޭސީީސީން ބަލަނީ

ޕީޖީ އަންގައިގެން ޝިޔާމްގެ މައްސަލަ އޭސީސީން އަލުން ބަލަނީ

19 އޯގަސްޓް 2020

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ނިންމައި ފައިލްކުރި މައްސަލަ އަލުން ބަލަން އެ ކޮމިޝަނަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ނިންމައި ފައިލްކުރި މައްސަލަ އަލުން ބަލަން އެ ކޮމިޝަނަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަންގައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ރިވިއުކޮށްދޭން ޕީޖީ އެދިވަޑައިގަތުމުން މައްސަލަ އަލުން ބަލަން ނިންމާފައިވާ ކަމަށެވެ. ކުރިން އެ މައްސަލަ ބެލި ޓީމު ނޫން އެހެން ޓީމެއް އެކުލަވާލައި ތަހުގީގު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާ އަށް ޝިޔާމް ބޭނުންކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް އޭނާ ހުށަހެޅި މައްސަލައިގައިވެ އެވެ.

ޝިޔާމްގެ ބައްޕަ ވީއައިޕީ ފެސިލިޓީގައި ބެހެއްޓި މައްސަލަ ނިންމައި، އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި، އޭނާ އެ ގޭގައި ދިރިއުޅުއްވުން ހަމަޖެހުނީ ޝިޔާމްގެ އެންގެވުމުގެ މަތިންނެވެ. އެ ކޮމިޝަނުން ބުނީ، އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިއުންތަކުން އެނގެ އެވެ.

އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.

އޭސީސީގެ މި ނިންމުމަކީ ޝިޔާމަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމުގެ ތުހުމަތާ އެކު ކޮމިޝަންގެ މެމްބަރުންގެ މައްސަލަ އަމިއްލަ ފަރާތަކުން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.