Roadha Mihaaru
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭން ނިންމައިފި

31 ޑިސެމްބަރ 2020

މާދަމާ ފަށާ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށް ދޭން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާދަމާ ފަށާ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށް ދޭން ނިންމައިފި އެވެ.

އެ ކޯޓުން ބުނީ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭން ނިންމިޔަސް، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކުރަން ވަކި ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8 އިން މެންދުރު 1:45 އާ ހަމައަށް ކަމަށާއި އެކަމަކު ނުރަސްމީ ގަޑީގައި ހަވީރު 4 އިން ރޭގަނޑު 9:30 އާ ހަމައަށް ވެސް ކޯޓުގައި ކައިވެނިކޮށް ދޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ބުނީ އަންނަ އަހަރު ކޯޓުން ބޭރުގައި އާންމު އުސޫލުން ކައިވެނިކޮށް ދޭނީ ހަވީރު 4 އިން ރޭގަނޑު 9:30 އާ ހަމައަށް ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން މެއި 19 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނީ ރޭގަނޑު 9:45 އިން 10:45 އާ ދެމެދު ކަމަށް އެ ކޯޓުން ބުންޏެވެ. ޖުލައި، 16 ވަނަ ދުވަހުގެ ފެށިގެން ޖުލައި، 27 ވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ދޭނީ ރޭގަނޑު 8 އިން 9:30 އާ ހަމައަށް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ރޯދަ މަހު ކައިވެނި ކޮށްދޭން ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ކައިވެނި ކޮށްދޭން ދުވަސްތައް ފެމިލީ ކޯޓުން ދުރާލާ އިއުލާން ކުރެ އެވެ. މީގެ ކުރިން ބައެއް ބަންދު ދުވަސްތަކާ ދިމާކޮށް ކައިވެނިކޮށް ނުދޭ ގޮތަށް ނިންމާފައިވެ އެވެ. އެހެންވުމުން މިއީ ފެމިލީ ކޯޓުން އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ނިންމި ފުރަތަމަ ފަހަރެވެ.