Roadha Mihaaru
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟

ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟

15 ސެޕްޓެމްބަރ 2024

ފެމެލީ ކޯޓުގެ ގާޒީންނާއި އިސް ބޭފުޅުންގެ ފޯނުތަކަށް މިދިޔަ ހަފުތާތެރޭ، ކައިވެނި ރުޖޫއަކުރުމާ ގުޅޭ ގޮތުން އެކި ކަންކަން އޮޅުންފިލުވަން ގިނަ މެސެޖްތަކެއް ލިބުނެވެ. މިކަމުގައި ސުވާލުތައް ކުއްލިއަކަށް ގިނަވި ސަބަބެއް ކަމަށްވީ ސޯޝަލް މީޑިއާގައި، މަޝްހޫރު ޝެއިހަކު އާންމުކުރި ވީޑިއޯއަކާ ހެދި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފެމެލީ ކޯޓުގެ ގާޒީންނާއި އިސް ބޭފުޅުންގެ ފޯނުތަކަށް މިދިޔަ ހަފުތާތެރޭ، ކައިވެނި ރުޖޫއަކުރުމާ ގުޅޭ ގޮތުން އެކި ކަންކަން އޮޅުންފިލުވަން ގިނަ މެސެޖްތަކެއް ލިބުނެވެ. މިކަމުގައި ސުވާލުތައް ކުއްލިއަކަށް ގިނަވި ސަބަބެއް ކަމަށްވީ ސޯޝަލް މީޑިއާގައި، މަޝްހޫރު ޝެއިހަކު އާންމުކުރި ވީޑިއޯއަކާ ހެދި އެވެ.

"ރަޖުއީ ވަރިއަކަށްވާ ނަމަ، ފިރިމީހާއަށް އަނބިމީހާ ކޮންމެ ގަޑިއެއްގައި ވެސް ރުޖޫއަކޮށްފީމޭ ބުނެ ރުޖޫއަ ކުރެވިދާނެ. އެއީ އަނބިމީހާގެ ރުހުމެއް ނެތް ކަމަށްވީ ނަމަވެސް، އަދި ވަލީވެރިޔާގެ ރުހުން ނެތް ކަމަށްވީ ނަމަވެސް. ފިރިމީހާގެ ހައްގެއް އެއީ ކޮންމެ ގަޑިއެއްގައި އިއްދައިގެ މުއްދަތުގެ ތެރޭގައި ރުޖޫއަ ކުރުމަކީ،" އިއްދައާ ގުޅޭ ގޮތުން އެ ވީޑިއޯގައި ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިއްދައިގެ މުއްދަތުގެ ތެރޭގައި ފިރިމީހާ "ރުޖޫއަކޮށްފީމޭ" ބުނާއިރަށް ކައިވެނި ރުޖޫއަވާނެ އެވެ. އެކަމުގައި އަންހެން މީހާގެ ރުހުމެއް ބޭނުމެއް ނުވެ އެވެ. އެކަމަކީ އިލްމްވެރިންގެ މެދުގައި ހިލާފެއް އޮތް ކަމެއް ނޫނޭ ވެސް ވިދާޅުވެ އެވެ.

މި ވާހަަކައާ އެކު، އެންމެ ގިނައިން އަމާޒުވި ސުވާލަކީ؛

● ކައިވެނި ރުޖޫއަކުރަން ކޮންމެހެން ކޯޓަށް ދާން ޖެހޭތަ؟

● ޝެއިހް ވިދާޅުވި ގޮތަށް، ދުލުން ބުނެލާ ބަހަކުން ރުޖޫއަ ކުރުމުގެ ކަންކަން ފުރިހަމަވޭތަ؟

● ކައިވެނި ރުޖޫއަކުރަން އަނބިމީހާގެ ރުހުން އޮންނަން ޖެހޭތަ؟ ނުވަތަ އެއީ ފިރިމީހާއަށް ލިބިފައި އޮތް މުތުލަގު ހައްގެއްތަ؟

ފެމެލީ ކޯޓާ ހަމައަށް މި ސުވާލުތައް މިދިޔަ ހަފުތާގެ ތެރޭގައި މާ ގިނައިން ދިޔަ އެވެ. އެކަން އެހެންވީ އިރު ކައިވެނި ރުޖޫއަކުރުމާ ގުޅޭ ތަފާތު އެކި މައްސަލަތައް ކޯޓުގައި މިހާރުވެސް އެބަ ހިނގަ އެވެ. ހިތުހުރި ގޮތަކަށް ބައެއް މީހުން އެކަން ކުރަމުންދާތީ، ހީނުކުރާ ފަދަ ބޮޑެތި އިޖުތިމާއީ މައްސަލަތައް ދަނީ ނުކުންނަމުންނެވެ.

އާއިލާއާ ބެހޭ ގާނޫނުގައި މިކަން އެހާ ހަރުކަށިކޮށް އެ އޮންނަނީ އެހެންވެ އެވެ. ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައި އޮންނަނީ "ރަޖުއީ ވަރިއަކުން ވަރިކުރުމަށް ފަހު، ކާވެނި ރުޖޫއަ ކުރަނީ ރާއްޖޭގައި ނަމަ، ކާވެނި ރުޖޫއަ ކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ޝަރުއީ ހަމަތަކުގެ މަތިން" ކަމަށެވެ.

ނަމަވެސް ކާވެނި ރުޖޫއަ ކުރުމަށް އަންހެން މީހާ އިއުތިރާޒު ކޮށްފި ނަމަ، އޭނާ އެ އިއުތިރާޒުކުރީ ޝަރުއީ ގޮތުން މަގުބޫލު ސަބަބެއް އޮވެގެން ކަމަށްވާ ނަމަ، އެ ދެމީހުންގެ ކައިވެނި، ކޯޓުން ރުޖޫއަކޮށްދީގެނެއް ނުވާނެ ކަމަށް ގާނޫނުގައި ބުނެފައި އެބަ އޮތެވެ.

އަދި، އެއްވެސް މީހަކު އޭނާގެ އަނބިމީހާ ވަރިކުރުމަށް ފަހު ގާނޫނުގައިވާ ގޮތުގެ މަތިން ކައިވެނި ރުޖޫއަ ކުރުމެއް ނެތި ދެމަފިރިއަކު ފަދައިން އުޅުމަކީ ކުށެއް ކަމަށާއި ފިރިހެނަކާ އެކު އެގޮތަށް އުޅޭ އަންހެނާ ވެސް ކުރަނީ ކުށެއް ކަމަށް ގާނޫނުގައި ބުނެ އެވެ. މި ކުށަށް ގާނޫނުގައި ޖޫރިމަނާގެ އަދަބު ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ގާނޫނުގައި މި ބުނާ ވާހަކައާ އެ ޝެއިހްގެ ވާހަކަ ދިމައެއް ނުވެ އެވެ. އޮޅުންތައް ގިނަވީ އެހެންވެ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް ގާނޫނުގައި އޮތް ގޮތާ ހިލާފަށް، ހާއްސަކޮށް އާއިލީ މައްސަލަތަކުގައި އާންމުންނަށް އޮޅުންއަރާނެ ގޮތަށް ދީނީ މައުލޫމާތު ގެނެސްދިނުމަކީ. މީގެ ސަބަބުން ވަރަށް ނޭދެވޭ ކަންކަމާ ކުރިމަތިލާން ޖެހިދާނެ. ގާނޫނުގައި މި ކަންކަން ބަޔާންކޮށްފައި މި އޮންނަނީ މުހިންމު ބޭނުމެއްގައި،" ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކައިވެންޏާއި ވަރީގެ ކަންކަން ކޯޓަށް ނުގޮސް އަމިއްލަ އަމިއްލައަށް ނިންމުމުގެ މައްސަލަތައް ޝެއިހުންގެ މިފަދަ ވާހަކަތަކާ އެކު، އިތުރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފެމިލީ ކޯޓަށް އެބަ އޮތެވެ.

ދެ މީހަކު މާލެ ސަލްޓަން ޕާކްގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ދެ މީހަކު މާލެ ސަލްޓަން ޕާކްގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ވަރި ސާބިތު ކުރުމުގެ މައްސަލަ ހިފައިގެން ކޯޓަށް ދާއިރު ތިންފަށް ވެފައި އެބަ ތިބެ އެވެ. އެކަމަކު ރެކޯޑުން ދައްކާ ގޮތުން އެ މީހުން ތިބެނީ ފުރަތަމަ ކައިވެނިގެ މަތީގަ އެވެ. ކަންވީ ގޮތް ބަލާއިރު، ފިރިހެންމީހާ އޭނާގެ އަނބިމީހާ ކުރިން ދެ ފަހަރެއްގެ މަތިން އަނގަބަހުން އޮންނަނީ ވަރިކޮށްފަ އެވެ. ނަމަވެސް، އެ ވަރި ސާބިތުކުރަން ކޯޓަށް ނުގޮސް، ކައިވެނި ދެ ފަހަރު ރުޖޫއަކޮށްގެން ތިބީ އެވެ. މި ހާލަތުގައި ކޯޓަށް އެއީ ތިންވަނަ ވަރީގެ ގޮތުގައި ކަނޑައެޅޭނެ ގޮތެއް ނޯންނާނެ އެވެ. ކޯޓުން ކޮށްދިނީ ފުރަތަމަ ވަރި އެވެ. އެކަމަކު، އެމީހުންގެ ހިތުގައި އެއީ ތިންވަަނަ ވަރި އެވެ.

މި އުފެދެނީ ކިހާ ބޮޑު ޝައްކުތައް ހެއްޔެވެ؟

ކައިވެނި ރުޖޫއަ ކުރުމުގައި އަނބިމީހާގެ ރުހުމެއް އޮންނަން ނުޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބައެއް ފިރިހެނުން، އިއްދައިގެ މުއްދަތުގައި އަންހެން މީހާއަށް ޖެއްސުމަށް ރުޖޫއަ ކުރުމާއި ގަދަކަމުން ގުޅުން ހިންގުމުގެ ޝަކުވާތައް ވެސް އެބަ އޮތެވެ. އަދި، އިއްދައިގެ މުއްދަތުގެ ތެރޭގައި އަންހެންމީހާއާ އެކު ގުޅުން ހިންގުމަކީ ފިރިހެން މީހާއަށް އޮތް ހައްގެއްގެ ގޮތުގައި ދެކޭ މައްސަލަތައް ވެސް އެބަހުއްޓެވެ. ރުޖޫއަކޮށްފައި ކަމަށް ބުނެ ފިރިއެއްގެ ވާޖިބު އަދާނުކޮށް، އަންހެން މީހާ އެހެން މީހަކާ ކައިވެނި ކުރަން ހުރަސް އަޅަމުންދާ މައްސަލަތައް ވެސް ކޯޓުތަކާ ހަމައަށް އައިސްފައި އެބަ ހުއްޓެވެ.

ނަމަވެސް، ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނުގައި އޮތް ގޮތުން، ކައިވެންޏެއް ރުޖޫއަ ކުރެވޭނީ ކޯޓަށް ގޮސްގެން އެކަންޏެވެ. އަދި، ރުޖޫއަ ކުރުމުގައި އަންހެން މީހާގެ ރުހުން ވެސް ކޯޓުން ހޯދަ އެވެ. ގާނޫނުގައިވާ ގޮތަށް، އަންހެން މީހާ ކައިވެނި ރުޖޫއަ ކުރަން ޝަރުއީ ގޮތުން މަގުބޫލު ސަބަބެއް އޮވެގެން އިންކާރު ކޮށްފި ނަމަ، އެ ރުޖޫއަ ކޯޓުން ބަލައެއް ނުގަންނާނެ އެވެ. މިސާލަކަށް، ފިރިހެން މީހާއަކީ އަނިޔާކުރާ މީހެއް ނަމަ، ހަރަދު ނުކުރާ މީހެއް ނަމަ ނުވަތަ އެ މީހަކީ މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި އުޅޭ މީހެއް ކަމަށް އަންހެން މީހާ ބުނާ ނަމަ، އެއީ މަގުބޫލު ސަބަބެއް ކަމަށް ކޯޓުން ބަލައިގަނެ އެވެ.

ކައިވެނި ރުޖޫއަ ކުރުމުގައި އަންހެން މީހާގެ ރުހުން އޮތްކަން ޔަގީން ކުރުމަކީ ފެމެލީ ކޯޓުން ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ ކަމެކެވެ. ކައިވެންޏެއް ރުޖޫއަ ކުރަން ކޯޓަށް ހުށަހަޅާ ފޯމްގައި އަންހެން މީހާގެ ސޮޔާއި އިނގިލީގެ ނިޝާން ނެތަސް އެ ފޯމެއް ކޯޓުން ބަލައި ވެސް ނުގަނެ އެވެ. އަދި ސޮޔާއި އިނގިލީގެ ނިޝާނާ އެކު ހުށަހަޅާ ފޯމްތައް ވެސް އަންހެން މީހާއަށް ގުޅައިގެން ނުވަތަ ހާޒިރުކޮށްގެން އޭގެ ސައްހަކަން ކޯޓުން ކަށަވަރު ކުރެ އެވެ.

އެހެންވެ، އަންހެންމީހާއާ ގަދަކަމުން އޭނާގެ ރުހުން ނެތި ރުޖޫއަ ކުރުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫނެވެ.

ދެ މީހަކު ކައިވެންޏަށް ފަހު ފެމެލީ ކޯޓު ބޭރުގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ދެ މީހަކު ކައިވެންޏަށް ފަހު ފެމެލީ ކޯޓު ބޭރުގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

އަންހެނަކު، އޭނާ ވަރިކުރި ފިރިހެން މީހާއާ އެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ ބުނެ ހުއްޓާ ކައިވެނި ރުޖޫއަކޮށް، ގަދަކަމުން އަނބިމީހާ ކަމަށް ދެކިގެން އުޅުނު މައްސަލައެއް ހައި ކޯޓާ ހަމައަށް ދިޔުމުން އެ ކޯޓުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ކޯޓުން ބޭރުގައި ކައިވެނި ރުޖޫއަ ނުކުރެވޭނެ ކަން ވަރަށް ސާފުކޮށް އެ ހުކުމްގައި ވެސް ކަނޑައަޅާފައިވެ އެވެ. ކޯޓުން ބޭރުގައި ރުޖޫއަ ކުރެވިދާނެ ކަމަށް ދެކޭ ބައެއް އިލްމުވެރިން ވެސް، އަންހެން މީހާގެ ރުހުމަކާނުލައި ކުރާ ރުޖޫއައަށް އިންކާރު ކުރެ އެވެ.

ކައިވެންޏެއް ރުޖޫއަކުރާ ނަމަ، ސުލްހެވެރިކަމާ އެކު ދިރިއުޅުމުގެ ނިޔަތް އޮންނަންވާނެ ކަމާއި އެހެން ނޫން ނަމަ ރުޖޫއަ ސައްހަ ނުވާނެ ކަމަށް ގަބޫލު ކުރައްވާ އިލްމުވެރިން އެބަ ތިއްބެވި އެވެ.

ފެމިލީ ކޯޓުން ހައި ކޯޓާ ހަމައަށް ދިޔަ އެހެން މައްސަލައެއްގައި ދެ މީހަކު ކޯޓުން ބޭރުގައި ރުޖޫއަކޮށްގެން އުޅެނިކޮށް ދަރިއަކު ލިބުނެވެ. ދަރި ލިބުމާ އެކު ކައިވެނި ރުޖޫއަ ކުރި ކަމަށް ފިރިހެން މީހާ އިންކާރުކޮށް އަންހެން މީހާއާ އެކު ނޫޅޭ ކަމަށާއި އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށް ތުހުމަތުކުރި އެވެ. ނަމަވެސް، ފިރިހެން މީހާއާ އެކު އެއް ގެއެއްގައި އުޅުނު ކަމަށް ބުނެ އަންހެން މީހާ އަށް ޖެހުނީ ކޯޓަށް ދާށެވެ. އެ މައްސަލާގައި ދަރި ލިބިފައިވަނީ ދަރި ލައްވާ މުއްދަތުގައި ކަމަށް ވާތީ ދަރީގެ ނަސަބު ފިރިހެން މީހާއަށް ލެއްވި ނަމަވެސް، އެ ކައިވެނި އެއީ ރުޖޫއަކޮށްފައި އޮތް ކައިވެންޏެއް ކަމަށް ކޯޓުން ކަނޑައެއް ނާޅަ އެވެ.

މިއަށް ވުރެ ވެސް ސީރިއަސް މައްސަލައެކެވެ. މިފަހުން ފުލުހުންނާ ހަމައަށް ވެސް ދިޔަ މި މައްސަލާގައި ދެ މީހަކު ކޯޓުން ވަރި ސާބިތު ކުރުމަށް ފަހު ކޯޓުން ބޭރުގައި އަމިއްލައަށް ރުޖޫއަވެގެން ދިރިއުޅެމުންދިޔަ އެވެ. އެ އުޅުމުގައި ދެ މީހުންނަށް ދަރިއަކު ލިބި ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމާ ހަމައިން ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުނެވެ. ކުއްޖާގެ ބައްޕަގެ ނަން އިދާރާތަކުން ސެޓްފިކެޓް ޖަހައިނުދިނުމުގެ ސަބަބުން މައްސަލަ ފުލުހަށް ހުށަހެޅީ އެވެ. އަދި، އެމީހުންނަކީ ކައިވެނި ރުޖޫއަކޮށްގެން އުޅުނު ބައެއް ކަން ސާބިތު ކުރަން ކޯޓަށް ވެސް ދިޔައީ އެވެ.

ކުއްޖާ ބޮޑުވަމުން އަންނައިރު، މިހާތަނަށް ވެސް އެ ކުއްޖާގެ އައިޑީކާޑްއާ މެދު ހިލާފު އެބަ އޮތެވެ. އެ ކުއްޖާގެ ބައްޕަގެ ނަން ޖެހެންވާނެ ކަމަށް މައިންބަފައިން ބުނަމުންދާއިރު، އިދާރާތަކަށް އެކަން ކޮށްދެވޭނެ މަގެއް ނެތެވެ. ހުރިހާ ގެއްލުމެއް ކުއްޖާއަށެވެ.

އެންމެކުރިން ފެމެލީ ކޯޓުން އަމަލު ކުރަމުން ދިޔަ ގޮތަށް ބަލާއިރު، ވަރި ސާބިތު ކުރުމަށް ފަހު އިއްދައިގެ މުއްދަތުގައި ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރިޔަސް އެ ރުޖޫއަ ކޯޓުން ބަލައިގަނެ އެވެ. ރުޖޫއަ ކުރުމަށް ފަހު ކައިވެނި ރަޖިސްޓްރީ ކުރަން ހުށަހަޅާ ހާލަތުގައި، އެއީ ޝަރުއީ ހަމަތަކުގެ މަތިން ކޮށްފައިވާ ރުޖޫއައެއް ނަމަ، ކައިވެނި ރަޖިސްޓްރީކޮށްދެ އެވެ. އެކަމަކު، ގާނޫނުގައި ބުނާ ޖޫރިމަނާގެ އަދަބު އެ މީހުންނަށްދެ އެވެ.

ނަމަވެސް، މިހާރު ފެމިލީ ކޯޓުން މިގޮތަށް ވެސް އަމަލެއް ނުކުރެ އެވެ. ކޯޓަށް ހުށަހަޅައިގެން، ކޯޓު މަރުހަލާގެ ތެރެއިން ނޫން ގޮތަކަށް ކައިވެންޏެއް ރުޖޫއައެއް މިހާރަކު ނުކުރެވޭނެ އެވެ. މިކަން މިގޮތަށް ފުރޮޅިގެން ދިޔައީ ހައި ކޯޓާ ހަމައަށް އައި މުޅި ނިޒާމް ސިއްސުވާލި މައްސަލައަކާ ގުޅިގެންނެވެ.

އެއީ ކޯޓުތަކުން ކައިވެނި ރުޖޫއަ ކުރުމުގެ މައްސަލަތަކުގައި ގާނޫނުގެ އިތުރުން މަސްދަރެއްގައި ގޮތުގައި މިހާރު ބަލަމުން އަންނަ ހައި ކޯޓުގެ މުހިންމު ހުކުމެވެ. "ދެ ފިރިން"ގެ މައްސަލައިގެ ގޮތުގައި މަޝްހޫރުވި އެ ގަޒިއްޔާގެ ހުކުމް ހައި ކޯޓުގެ އޭރުގެ ތިން ފަނޑިޔާރުން ކަމަށްވާ އަލީ ސަމީރާއި އަބްދުﷲ ހަމީދު އަދި ޝުއައިބު ހުސެއިން ޒަކަރިއްޔާ ނެރުއްވަން ޖެހިވަޑައިގަތީ ވެސް އާއިލީ، އިޖުތިމާއީ އަދި ނަސަބީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް މުޖުތަމައު ހިނގައިދާނެތީ އެވެ.

އެ މައްސަލާގައި، ކައިވެނިކޮށްގެން އުޅުނު ދެ މީހަކު ވަރިވުމަށް ފަހު، އެ ވަރި ކޯޓުގައި ރަޖިސްޓްރީކުރި އެވެ. އިއްދައިގެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ދެ މީހުން އެކީގައި އުޅެން ބޭނުންވެ، ކައިވެނި ރުޖޫއަ ކުރާ ކަމަށް ބުނެ، އެކުގައި އުޅެން ފެށި އެވެ. އަންހެން މީހާ އެ ރުޖޫއަ ކޯޓުގައި ރަޖިސްޓްރީކުރަން އެތައް ފަހަރަކު އެދެމުން ވެސް، ފިރިހެން މީހާ އެކަމަށް ސަމާލުކަމެއް ނުދިނެވެ.

ދެން އުފެދުނު މައްސަލަތަކަށް ފަހު، އަންހެންމީހާ އިއްދައިގެ މުއްދަތު ހަމަވުމުން އޭނާގެ ރަށަށް ބަދަލުވެ، އެހެން މީހަކާ ކައިވެނި ކުރި އެވެ. އަންހެން މީހާގެ އަތުގައި އޮތީ ވަރީގެ ސެޓްފިކެޓެއް ކަމުން، އަނގަބަހުން ކުރި ރުޖޫއައަކީ ކޯޓުގެ ނިޒާމްގެ ތެރެއަަށް ވަދެފައި އޮތް ކަމަކަށްނުވާތީ، ކައިވެނިކޮށްދިނެވެ. އެކަމަކު، ކުރީގެ ފިރިމީހާ ކޯޓަށް މައްސަލަ ހިފައިގެން އައީ އެހެން ކައިވެންޏެއް ކުރި އަންހެން މީހާއަކީ އޭނާގެ އަނބިމީހާ ކަމަށް ބުނަމުންނެވެ.

އެ މައްސަލާގައި ދެ ފިރިހެނުން ތިބީ އަންހެން މީހާއަކީ އެ މީހުންގެ އަނބިމީހާކަން ސާބިތުކޮށްދޭށެވެ. މިހާ ހިސާބަށް ކަންތައް ދިޔައިރު، އަންހެން މީހާ އިނީ ދެވަނަ ކައިވެންޏަށް ބަލިވެ އެވެ. ކޯޓާ ހަމައަށް އައި މި މައްސަލައަކީ ފަނޑިޔާރުންނަށް ވެސް ސިހުން ގެނުވި ތަފާތު މައްސަލައެކެވެ. އެ މައްސަލާގެ ހުކުމްގައި ވަރަށް ތަފްސީލްކޮށް ކައިވެނި ރުޖޫއަކުރުމުގެ ވާހަކަތައް ލިޔަން ޖެހުނީ އެހެންވެ އެވެ.

ދެ މީހަކު ކައިވެންޏަށް ފަހު ފެމެލީ ކޯޓު ބޭރުގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ދެ މީހަކު ކައިވެންޏަށް ފަހު ފެމެލީ ކޯޓު ބޭރުގައި: ކޯޓަށް ނުގޮސް ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ކުރާ ނަމަ އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުތުމަކީ ކައިރި ކަމެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ހައި ކޯޓުން ނެރުނު އެ ހުކުމްގައި ބުނެފައިވާ ގޮތުގައި ކައިވެނި ރުޖޫއަ ކުރުމާ ބެހޭ ގޮތުން ފެންނަން ހުރި، އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ ލިޔުންތަކާއި އެކަމާ ގުޅޭ ގޮތުން ފެންނަން ހުރި ފޮތްތަކަށް އަދި ދަންނަބޭކަލުންގެ ރައުޔުތަކަށް ބެލުމުން، ކައިވެނި ރުޖޫއަ ކުރެވޭ ގޮތްތައް އެއީ ގަތުއީ ނައްސަކުން އަދި ގަތުއީ ދަލާލަތަކުން ސާބިތުވެ ކަނޑައެޅިފައިވާ ކަމެއް ނޫންކަން އެނގޭ ކަމަށެވެ. އަނގަބަހުން ރުޖޫއަ ކުރެވިދާނެ ކަމަށް ގިނަ އިލްމުވެރިން އެއްބަސްވާއިރު، އަމަލުން ރުޖޫއަ ކުރުމާ މެދު އިލްމުވެރިންގެ މެދުގައި ދެބަސްވުން އޮވެ އެވެ.

މިގޮތަށް ވަކިކަމެއް ވަކި ގޮތަކަށް އަމަލު ކުރުން ލާޒިމްވެނުވާ ކަންކަމުގައި ފަސާދަ ދުރުކޮށް މަސްލަހަތެއް ގެެނެސްގަތުމަށްޓަކައި، އަދި ޖަމާއަތުގެ މަސްލަހަތަށްޓަކައި ވަކި ގޮތަކަށް އަމަލު ކުރަން އެންގުމަކީ ގާނޫނު ހަދާ ފަރާތްތަކުގެ މައްޗަށް ލިބިގެންވާ ބާރެއް ކަމާއި އެފަދައިން އަމަލު ކުރަން އެންގުމަކީ ހުކުމްގައިވާ ގޮތުން، ދީނީ ގޮތުން މަނާ ކަމެއް ވެސް ނޫނެވެ.

"ދިވެހިރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނުގައި ވެސް ކައިވެނި ކުރުމާއި ވަރިކުރުމާއި ކައިވެނި ރުޖޫއަކުރުމަށްޓަކައި ކޯޓަށް ހުށަހަޅައި އެކަން ކޯޓުގައި ރަޖިސްޓްރީ ކުރަން ގާނޫނުން ލާޒިމްކޮށްފައިވަނީ ކުރިމަތިވެދާނެ ފަސާދައަކުން ދުރުކުރުމަށްޓަކައި އެކަމުގައި މަސްލަހަތެއް ގެނެސްދިނުމަށްޓަކައި،" ތިން ފަނޑިޔާރުން ނެރުއްވި ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ ކައިވެނިތަކާއި ވަރި އަދި ކައިވެނި ރުޖޫއަކުރުން ފަދަ ކަންކަން ކޯޓު މެދުވެރިނުކޮށް އަމިއްލަ އަމިއްލައަށް ކުރެވޭ ނަމަ އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ފަދަ އެތައް އެތައް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އޭގެ ތެރޭގައި:

- ނަސަބު އޮޅިގެންދިޔުން

- ހަރަދު ކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތަކެއް ނެތް ދަރިންތަކެއް އުފަންވުން

- އަނބި ފިރިން ޔަގީންނުވުން

- އިއްދަ ކަށަވަރު ނުވުން ފަދަ އިޖުތިމާއީ އެތައް އޮޅުންބޮޅުންތަކެއް.

އެހެންކަމުން، މި ފަސާދަ އިން މުޖުތަމައު ސަލާމަތް ކުރަން ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަމަކީ ހަމައެކަނި ކޯޓަށް ގޮސްގެން ނޫނީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައެޅުމަކީ ކުރަން ޖެހޭ ކަމެއް ކަން ހުކުމްގައި ފާހަގަކޮށްފައިވަނީ އިސްލާމީ ފިގުހުގެ މުހިންމު ދެ ގަވާއިދަކަށް ވެސް ރިއާޔަތްކޮށެވެ.

އެއީ، "އެކަމާ ނުލައި ވާޖިބު ކަންތައް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ". އަދި "ސައްދުއްޒަރީއާ ނުވަތަ ނުބައިކަމަކަށް އޮތް ދޮރު ބަންދުކޮށްލުން" މި ގަވާއިދެވެ. މީގެން ނެރެވޭ ޖުމްލަ މާނައަކީ، ހުކުމްގައި ބުނެފައިވާ ގޮތުގައި އިސްލާމް ދީނުގައި އެކަމެއް ކުރަން މަނާކޮށްފައިނުވާ އަމަލެއް ކުރުމުގެ ނަތީޖާއަކީ ފަސާދައަށް ނުވަތަ ނުބައިކަމަކަށް ދޮރު ހުޅުވާލުން ކަމަށްވާ ނަމަ، އެ އަމަލެއް ކުރުން މަނާ ކުރަން ޖެހުން ކަމާއި އަދި އެކަމަކާ ނުލާ ވާޖިބެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމެއް ވެސް ލާޒިމް ކުރަން ޖެހުމެވެ.

"...ދެމަފިރިއެއްގެ ކައިވެންޏެއް ރޫޅުމަށް ފަހު އެ ކައިވެނި ކުރިކަން އިއުލާން ކުރުމެއް ނެތި އަދު އެކަން ކޯޓުގައި ރަޖިސްޓްރީ ކުރުމެއް ނެތި އެ ދެމީހުން އަމިއްލައަށް ހިންގާ ގުޅުމެއްގެ ސަބަބުން ކައިވެނި ރުޖޫއަ ކުރެވުނީ ކަމުގައި ކޯޓުތަކުން ބަލައިގަންނަނީ ނަމަ، އެއީ ފަހަރުގައި އެކަމުގެ ސަބަބުން ފަސާދައަށް މަގު ހުޅުވިގެން ހިނގައިދާނެ އަދި އެކަމުގެ ސަބަބުން ނުބައި ނަތީޖާތަކެއް ނުކުންނާނެ ކަމެއް،" ހުކުމްގައިވެ އެވެ.

މީގެ މިސާލަކަށް؛ މިފަދަ ގުޅުމެއް ހިންގުމަށް ފަހު އެ ކައިވެނި ރުޖޫއަ ކުރި ކަމުގެ މައްޗަށް ދެ މީހުންގެ ތެރެއިން އެކަކު އިންކާރުކޮށްފި ނަމަ، އެ ކައިވެންޏެއް ރުޖޫއަވިކަން ސާބިތު ކުރެވޭނެ ގޮތެއް ނެތުމާއި އަދި މިފަދަ ހާލަތުގައި ބަނޑުގައިވާ ދަރިފުޅުގެ ނަސަބު ނަފީވެ އެ ދަރިފުޅުގެ ނަސަބު ކަށަވަރުކުރަން ދަތިވުން ފަދަ ތަފާތު އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ.

އެހެންކަމުން، މި ޒަމާނަށް ބަލައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ކައިވެނި، ވަރި އަދި ކައިވެނި ރުޖޫއަ ފަދަ ކަންކަން، މި ކަންކަމުގެ ޝަރުއީ މަގުސަދުތައް ހާސިލުކުރުމުގެ ބޭނުމުގައި އެ ކަންކަން ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރަން ލާޒިމް ކުރެވޭނެ ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

މިހާ ބޮޑު ކަމެއް މިހާރު އަހަރެމެންގެ ތެރޭގައި ވަނީ އާދައިގެ ކަމަކަށް ވެފަ އެވެ. ވަރި އާއި ރުޖޫއަ އަކީ އެފަަހަރަކު އެ މީހަކު ބޭނުންވި ގޮތަކަށް މާނަކޮށްގެން ޖަހާ ސަކަރާތަކަށް ވަނީ އެވެ.