Roadha Mihaaru
ޝިމާޒަށް ކުރާ ތުހުމަތުގެ ތަފްސީލް ރިޕޯޓް މައުމޫނަށް

ޝިމާޒަށް ޒަރިޔަންދު ކުރެއްވި ތުހުމަތުގެ ތަފްސީލް ރިޕޯޓް މައުމޫނަށް

03 ޖެނުއަރީ 2021

އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒް އަލީ އަށް ޓެންޑަ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފްސީލް ރިޕޯޓެއް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިއަދު އޭނާ ފޮނުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒް އަލީ އަށް ޓެންޑަ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފްސީލް ރިޕޯޓެއް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިއަދު އޭނާ ފޮނުއްވައިފި އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ޒަރިޔަންދު، ޝިމާޒަށް ތުހުމަތުތަކެއް ކުރެއްވީ، ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން މައްސަލަ ފަޅާއަރައި ފިނޭންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ހުއްޓުވާފައި ވަނިކޮށެވެ.

ޒަރިޔަންދު "މިހާރު"އަށް ވިދާޅުވީ މައުމޫން އެދިވަޑައިގަތް ތަފްސީލުތައް ހެރިޓޭޖް މިނިސްޓަރު އަދި އެމްއާރުއެމްގެ ނައިބު ލީޑަރު ޔުމްނާ މައުމޫންއާ ރިޕޯޓަކުން ހިއްސާކުރައްވާފައިވާ ކަމަށެވެ. ޝިމާޒަށް ކުރެއްވި ތުހުމަތުތަކާއި އެ ތުހުމަތުތަކަށް ބާރުދޭ ލިޔެކިޔުންތަކާ އެކު އެ ރިޕޯޓް، ރައީސް އޮފީހާއި ކަމާ ގުޅޭ އިދާރާތަކަށް ވެސް ޒަރިޔަންދު ފޮނުއްވި އެވެ.

ތުހުމަތުގެ ރިޕޯޓެއް ޒަރިޔަންދު އަމިއްލަ ގޮތުން ހެއްދެވީ މައުމޫންގެ އެދިވަޑައިގަތުމަށެވެ.

އެމްއާރުއެމްގެ ޑެޕިއުޓީ މިނިސްޓަރުގެ އަމަލުތަކުން، ދައުލަތުގެ ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަން ހާމަވަމުންދާ ކަމަށް މައުމޫން ޓެގު ކުރައްވައި ޒަރިޔަންދު ޓުވީޓް ކުރެއްވުމުން މައުމޫން އެދިވަޑައިގަތީ ތަފްސީލް ހިއްސާކުރައްވާށެވެެ.

މައުމޫނަށް ފޮނުއްވި ސިޓީގައި، އޭނާގެ އުމުރުން 18 އަހަރުގައި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ މައުމޫންގެ ވެރިކަމުގައި ކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ ޚިދުމަތުގެ 34 އަހަރުގެ ތެރެއިން 21 އަހަރު ކުރެއްވުނު ތަޖުރިބާގައި މައުމޫނަކީ ފުރިހަމަ އިދާރީ އިންތިޒާމަކަށް ބިނާކޮށް، ރޭވުންތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ވެރިއަކަށް ވާތީވެ އެ ރިޕޯޓާ ގުޅިގެން ވެސް ގައުމަށް ފައިދާ ހުރި ނިންމެވުންތައް ނިންމަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ޒަރިޔަންދުގެ ރިޕޯޓުގައި، މުޅި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއާ ހަވާލުކުރުމާއި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާއި އެ ނޫން ވެސް ކަންކަމުގައި ކޮރަޕްޝަނަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ދޮރު ހުޅުވި ގޯސްތަކެއް ހިންގާފައިވާ ކަމުގެ ތަފްސީލް ހިމަނުއްވާފައިވެ އެވެ.

އެއްގަމު ދަތުރުފަތުރާ ހަވާލުވެވަޑައިގެން ހުންނެވި ޝިމާޒްގެ ނުފޫޒާއި ބާރު ގަދަކަން މިނިސްޓްރީގެ ތެރޭގައި އޮތް ވަރު ހާމަކޮށްދޭން ރިޕޯޓުގައި ޒަރިޔަންދު ވަނީ 2019 ގައި އިނގިރޭސިވިލާތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ކުރެއްވި ދަތުރެއްގެ ވާހަކަ ލިއުއްވައިފަ އެވެ. ޝިމާޒްގެ މަގާމުގެ މަސްއޫލިއްޔާ ގުޅުން ނެތް އެ ދަތުރުން އޭނާ އަށް ފުރުސަތު ލިބިވަޑައިގަތީ، އިންޓާނަލް މެމޯއެއް ނެރެ، ކުއްލި ގޮތަށް އޭނާ މެރިޓައިމް ޑިޕާޓްމެންޓަށް ބަދަލުކުރައްވައިގެން ކަމަށް ރިޕޯޓުގައި އެ މެމޯއާ ހަވާލާދީ ލިއްވާފައިވެ އެވެ.

ޝިމާޒަށް ކޮށްފައިވާ ތުހުމަތުތައް

- ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޒިންމާއެއްގެ ތެރެއިން އެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތަކަށް އެއްބާރުލުން ދިނުމާއި އެ އަމަލުތަކުގެ ތެރެއިން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކުރުން.

- ގާނޫނާ ޚިލާފު ޕްރޮކިއުމެންޓް ހަރަކާތެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް އެވޯޑު ކުރި މަސައްކަތެއްގެ އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ ޚިލާފު އަދި އެ އެގްރީމެންޓް ހިންގުމުގައި ރައްޔިތުންނާއި ދައުލަތަށް ގެއްލުމެއް ކުރިމަތިވެދާނޭ ފަދަ ކަމެއް ކަން އެނގޭ ހިނދު އެ އެގްރިމެންޓް ބާތިލްނުކޮށް ބޭއްވުމަށް ބާރު އެޅުން. އަދި އެ މަސައްކަތާ މަތިކޮށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއްގެ ބަދަލު ދިނުމުގެ ފުރުސަތެއް ހުޅުވަން މަގުފަހިކުރުމުގެ ރޭވުމެއް އޮތް އަމަލެއް ހިންގުން.

- އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ ދޫކުރުމުގެ އިސް މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުރެ އެ ޚިދުމަތް ދިނުމުގައި ދައުލަތުގެ މުވައްޒަފުންނާއި މުވައްޒަފުން ނޫން ފަރާތްތައް މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ އަތުލަމުން ދިއުމުގެ އަމަލު ހިންގުމަށް މަގުފަހިކުރުން.

ޝިމާޒަށް ތުހުމަތުތަކެއް ޒަރިޔަންދު ކުރެއްވި ނަމަވެސް ވަސާޖިއޯ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ޑިސެމްބަރު މަހު "މިހާރު"ން ސުވާލުކުރުމުން ޝިމާޒް ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާއަށް ކުރާ ތުހުމަތުތަކަކީ ހިޔާލުތަފާތުވާ ބަޔަކު ހިންގާ ސިޔާސީ ގޮތުން އަބުރު ކަތިލުމުގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ޒަރިޔަންދުގެ ރިޕޯޓުގައި، ޝިމާޒް އިސްވެ ހުންނަވައި ނަމްބަރު ޕްލޭޓް ހަދަން ހަވާލުކުރުމުގައި ޓްރާންސްޕޯޓަށް ގާނޫނީ ގޮތުން ބާރު ލިބިގެން ނުވާ ބައެއް ކަންކަން ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައިވެ އެވެ. އެއް ކަމަކަށް، މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރީ ގާނޫނުގައިވާ ގޮތަށް ރައްޔިތުންގެ އަތުން ހިނގާނެ ޚަރަދުގެ މިންވަރު ބަޔާންކުރުމަށް ފަހުގައި ނޫން ކަމަށާއި ބަޔަކާ އެ މަސައްކަތް ހަވާލުކުރީ އެންގުމެއް އަދި ދުރާލައި ތައްޔާރުވާނެ ވަގުތު ވެސް އާއްމުނުކޮށް ކަން ފާހަގަކުރެއްވި އެވެ.

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދަން ހުޅުވާލުމުން ކުރިމަތިލީ ތިން ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގު އަދި ތަޖުރިބާ ހުރި ކުންފުނީގެ މައްޗަށް އަލަށް އެ މަސައްކަތުގެ ތެރެއަށް ވަންނަ، ބޮޑު އަގު ހުށަހެޅި ވަސާޖިއޯ ކުރި ހޯދަން މިނިސްޓްރީ ތެރެއިން ފަހިކޮށްދީފައިވާ ކަންކަމުގެ ތަފްސީލް ރިޕޯޓުގައިވެ އެވެ. އަދި ބީލަމުގެ މަރުހަލާގައި އެ ކުންފުނީގެ އިސް ވެރިންނާ އެކު ޝިމާޒް އެކި ރެސްޓޯރެންޓްތަކުން ފެނުނު ކަން ބައެއް މީހުންނާ ހަވާލާދީ ރިޕޯޓުގައި ލިއެފައިވެ އެވެ. ފިނޭންސް މިނިސްޓްރީގައި އޮންނަ ބިޑް ރިވިއު ކޮމިޓީން މައްސަލަ ބަލައި މަސައްކަތް އަލުން ބީލަމަށް ލާން އަންގާފައި އޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.

ވަސާޖިއޯއާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލިއިރު ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 64 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއްބަސްވުން އޮތީ އިތުރު އެހެން ބަޔަކަށް އެކަން ނުކުރެވޭ ގޮތަށް ހަމައެކަނި އެ ކުންފުންޏަށް އެ މަސައްކަތުގެ ފައިދާ ލިބޭ ގޮތަށެވެ.

މައުމޫންގެ އިތުރުން ވެސް ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ހުށަހެޅުއްވީ، ޒަރިޔަންދު ވިދާޅުވި ގޮތުގައި، ތަހުގީގީ އިދާރާތަކުގެ ތަހުގީގުތަކަށް އެހީތެރިކަމެއް ދިނުމާއި އެ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް އެ މިނިސްޓްރީގެ އިދާރީ ނިޒާމުގެ ތެރެއިން އެކަހެރިކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމަށެވެ.