Roadha Mihaaru
ފިޓް 14 ކުޅުންތެރިން ހަމަވާނަމަ މެޗު ކުޅޭނެ: އެފްއޭ

ފިޓް 14 ކުޅުންތެރިން ހަމަވާނަމަ މެޗު ކުޅޭނެ: އެފްއޭ

08 ޖެނުއަރީ 2021

ލަންޑަން (ޖެނުއަރީ 8) - އިންގްލެންޑުގައި ކޮވިޑް-19ގެ އާ ސްޓްރެއިން ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު މި ހަފްތާގައި ފަށާ އެފްއޭ ކަޕްގެ މެޗުތައް ކުޅެވޭނެ ހާލަތްތައް އިނގިރޭސި އެފްއޭ އިން ހާމަކޮށްފި އެވެ.

ލަންޑަން (ޖެނުއަރީ 8) - އިންގްލެންޑުގައި ކޮވިޑް-19ގެ އާ ސްޓްރެއިން ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު މި ހަފްތާގައި ފަށާ އެފްއޭ ކަޕްގެ މެޗުތައް ކުޅެވޭނެ ހާލަތްތައް އިނގިރޭސި އެފްއޭ އިން ހާމަކޮށްފި އެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ މެޗުތަކުގެ ކުރިން ޓީމުތަކުން ކުރި ކޮވިޑް-19ގެ ޓެސްޓުން ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވެފައިވާއިރު މެޗުތައް ކެންސަލްކުރަން ޖެހިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެފްއޭ އިން ވަނީ އުސޫލެއް ހާމަކޮށްފަ އެވެ.

އެ ގޮތުން އެފްއޭ ކަޕަކީ މެޗުތައް ފަސްކޮށްގެން ކުރިއަށްގެންދެވޭނެ މުބާރާތަކަށް ނުވާތީ އެފްއޭ އިން އަންގާފައިވަނީ ފިޓްކޮށް 14 ކުޅުންތެރިން ހަަމަވާނަމަ މެޗު ކުރިއަށްގެންދަން ޖެހޭނެ ކަމަށެވެ. ފިޓް ކުޅުންތެރިން ހަމަކުރާއިރު ބަލަންޖެހޭނީ ހަމައެކަނި ފުރަތަމަ ޓީމަށް ނޫން ކަމަށާއި ކްލަބްގެ ސްކޮޑަށް ކަމަށް އެފްއޭ އިން ވަނީ ކަނޑައަޅައިފަ އެވެ. މާނަ އަކީ ކްލަބްތަކުގައި ތިބި 23 އަހަރުން ދަށު ޓީމު (ރިޒާވް ޓީމު)ގެ ކުޅުންތެރިން ގިނަ މެޗުތަކަކުން ފެނުމުގެ ފުރުސަތު އޮތުމެވެ.

ކޮވިޑާ އެކު ނިއުނޯމަލް އުސޫލުގެ ތެރެއިން ފުޓްބޯޅަ އަލުން ފެށިއިރު ޔުއެފާ އިން ހެދި ގައިޑްލައިންތަކުގައިވާ ގޮތުން މެޗުތައް ކުރިއަށްގެންދަން ބޭނުންވަނީ ގޯލްކީޕަރެއް ހިމެނޭ ގޮތަށް ފިޓްކޮށް ތިބި 13 ކުޅުންތެރިންނެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިރޭ އެސްޓަން ވިލާ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ކުރިއަށް ނުގޮސްފާނެ ކަމަށް ކުރިން އޮތީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. އެއީ އެސްޓަން ވިލާގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ގިނަ ޕޮޒިޓިވް ކޭސްތަކެއް އުޅޭތީ އެ ޓީމުގެ ޓްރެއިނިން ދަނޑު ވެސް ބަންދުކޮށްފައިވާތީ އެވެ.

އެކަމަކު ޕްރިމިއާ ލީގާއި އެފްއޭ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު އެސްޓަން ވިލާ އިން އަންނަނީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެސްޓަން ވިލާ އިން މިއަދު އިތުރު ކޮވިޑް ޓެސްޓްކެއް ކުރުމަށް ފަހު މެޗު ކުޅެވޭނެ ކުޅުންތެރިންގެ އަދަދު ވީ އެންމެ އަަވަހަށް ކަނޑައަޅާނެ އެވެ.

އެފްއޭ އިން ވަނީ ކޮވިޑް-19ގެ ސަބަބުން މެޗެއް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެނަމަ އެއްވެސް ޓީމަކަށް އޮޓޮމެޓިކުން އަނެއް ބުރުން ފުރުސަތު ނުދޭނެ ކަމަށާއި މީގެ އެކި އުސޫލުތަކަށް ބަލަންޖެހޭ ކަމަށް ބުނެފަ އެވެ.