Roadha Mihaaru
އެހެން ޓީމަކަށް ނުހެދުނު ރެކޯޑަކާ އެކު ސިޓީ ސެމީއަށް

153 އަހަރުވީ އިރު ވެސް އެހެން ޓީމަކަށް ނުހެދުނު ރެކޯޑަކާ އެކު ސިޓީ ސެމީއަށް

17 މާޗް 2024

މެންޗެސްޓާ (މާޗް 17) - ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ވިދިވިދިގެން ހަ ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ޓީމުގެ ރެކޯޑް ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަދައިފި އެވެ.

މެންޗެސްޓާ (މާޗް 17) - ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ވިދިވިދިގެން ހަ ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ޓީމުގެ ރެކޯޑް ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަދައިފި އެވެ.

މި ރެކޯޑަކީ، 153 އަހަރުވީ އެފްއޭ ކަޕުގައި މީގެ ކުރިން އެހެން ޓީމަކަށް ހެދިފައި ނެތް ރެކޯޑެކެވެ.

މެޗުގައި ސިޓީގެ ދެ ލަނޑު ޖެހީ ވެސް ބެނާޑޯ ސިލްވާ އެވެ. ނިއުކާސަލްގެ އެލެގްޒެންޑާ އިސާކް ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު ސްޓެފަން އޯޓެގާ ދިފާއު ކުރި އެވެ.

ޕްރިމިއާ ލީގުގައި، އެންމެ ފަހުން ސިޓީ ކުޅުނު މެޗުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ޓީމަށް ކޯޗު ޕެޕް ގާޑިއޯލާ ފަސް ބަދަލެއް ގެނެ އެވެ. އާލިން ހާލަންޑާއި ޖެރްމީ ޑޮކޫ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނެވެ. އޭގެ ބޭނުން ނުކުރެވުނަސް، ސިޓީ އަށް ކަންބޮޑުވުމެއް ނެތެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑާ އެކު ސެމީގެ ޖާގަ ޔަގީންވި އެވެ.

"ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. ކޯޗު ބޭނުންވި ކަންތައް އަހަރެމެން ކޮށްފިން. ރީތި ގޯލްތަކެއް ޖަހައިފިން. އެއީ މުހިންމު ގޯލްތަކެއް. ވަރަށް ރަނގަޅަށް ދިފާއުކޮށްގެން އަދި ހަމަލާ އުފެއްދުމުގައި ވެސް ވަރަށް ރަނގަޅަށް އަހަރެމެން ކުޅުނިން،" މެޗަށް ފަހު ޑޯކޫ ބުންޏެވެ.

ސިޓީގެ އިތުރުން ސެމީން ޖާގަ ހޯދި އަނެއް ޓީމަކީ ކޮންވެންޓްރީ ސިޓީ އެވެ. އެ ޓީމު ސެމީ އަށް ދަތުރު ކުރީ ވުލްވްސް ބަލި ކުރުމަށް ފަހު އެވެ. ސެމީގެ އަނެއް ދެ ޖާގަ ހޯދަން މިއަދު، ޗެލްސީ އާއި ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑާ ލިވަޕޫލް ވާދަކުރާނެ އެވެ.