Roadha Mihaaru
މާޒިޔާގެ ޗެލެންޖް ވިޑަކޮވިޗަށް ފެންނަނީ ޝައުގުވެރިކޮށް

މާޒިޔާގެ ޗެލެންޖް ވިޑަކޮވިޗަށް ފެންނަނީ ޝައުގުވެރިކޮށް

10 ޖެނުއަރީ 2021

މިހާތަނަށް ފެނުނު މެޗުތަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ފެންނަނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި މާޒިޔާގައި އޭނާ ކުރަމުން ބޭނުންވާ މަސައްކަތް ޗެލެންޖެއްގެ ގޮތުގައި ނަގައި ކުޅުންތެރިންގެ މަސައްކަތާ އެކު ރަނގަޅަށް ކުރިއަށްގެންދަން ބޭނުންވާކަމަށް މާޒިޔާއާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮޗިޗް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިހާތަނަށް ފެނުނު މެޗުތަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ ފެންނަނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި މާޒިޔާގައި އޭނާ ކުރަމުން ބޭނުންވާ މަސައްކަތް ޗެލެންޖެއްގެ ގޮތުގައި ނަގައި ކުޅުންތެރިންގެ މަސައްކަތާ އެކު ރަނގަޅަށް ކުރިއަށްގެންދަން ބޭނުންވާކަމަށް މާޒިޔާއާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮޗިޗް ބުނެފި އެވެ.

ލީގުގައި ވެލެންސިއާ މެޗަށް ފަހު މާޒިޔާގެ ކޯޗަކަށް އޭރު ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެންމެ ފަހުން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާ އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. މާޒިޔާގެ ކޯޗުކަމަށް ގެނައި ސާބިއާގެ ގައުމީ ޓީމުގައި ކުރިން އެސިސްޓަންޓް ކޯޗަކަށް ހުރި ވިޑަކޮވިޗް ރަސްމީކޮށް ޓީމާ ހަވާލުވިތާ ހަފްތާއެއް ވެސް ނުވަނީސް ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.

ވިޑަކޮވިޗް ބުނީ އައި ގޮތަށް އެންމެ އިސްކަމެއްދީގެން މެޗަށް ތައްޔާރުވުމުގެ މަސައްކަތްތައް ކޮށްފައިވާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން އެންމެ ފަހުން މެޗުގައި ދަ ގްރާންޑޭއާ އެއްވަރުވުމުން މާޒިޔާ އަށް ޓޭބަލްގެ އެއް ވަނަ ގެއްލިފައިވުމުން މި މެޗާ ކުރިމަތިލާއިރު މިއީ ކުޅުންތެރިންނަށް ވެސް ކުރިއަށް ވުރެ ޕްރެޝަރު ހާލަތެއް ކަމަށް އޭނާ ބުންޏެވެ.

"މި ވަގުތަށް ބަލާއިރު އެންމެ ބޮޑު ތައްޔާރީއެއް އޮތީ ސައިކޮލޮޖިކަލީ. އަހަރެމެންނަކީ ފޭވަރިޓުންގެ ގޮތުގައި ދެކޭއިރު އެ ގޮތަށް އަހަރެމެންގެ ކުޅުން ވެސް މައްޗަށް ޖައްސަންޖެހޭ. އަހަންނަށް އެނގޭ ހުރިހާ ކުޅުންތެރިން މޮޅުވާން ބޭނުންވާ ހުރިހާ ކަމެއް ކުރާނެކަން،" ވިޑަކޮވިޗް ބުންޏެވެ.

"ބަދަލުތަކެއް ގެންނަން ކޮންމެވެސް ވަރަކަށް މަސައްކަތް އެބަކުރެވޭ. އެކަމަކު ގަބޫލުކުރަން ޖެހޭ މިހާރު މި އޮތް މުއްދަތުގެ ތެރޭގައި ފަސޭހައެއްނުވާނެކަން. އަހަރެން ކުރި މަސައްކަތުގެ ފަސް ޕަސެންޓް މި މެޗުގައި ފެނުނަސް އަހަރެން އުފާކުރާނަން. ވަރަށް އުނދަގޫވިޔަސް މީގެ އޮތީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދިއުން. ޓީމު އެންމެ މޮޅުވާނީ ވަކި އިރެކޭ ނުބުނެވޭނެ އެއީ އަބަދުވެސް ރަނގަޅުކުރަން ފުރުސަތު އޮންނާނެ ކަމަށް އަހަރެން ދެކެނީ."

މާޒިޔާގެ ކުޅުންތެރިން ފިޒިކަލީ ތިބީ ރަނގަޅު ހާލަތެއްގައި ކަމަށާއި މީގައި އޮތީ މެޗުތަކަށް ތައްޔާރުވުން ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"ކޮންމެ މެޗެއް ވެސް އަހަރެމެންނަށް އުނދަގޫވާނެ. އަހަރެމެންނަކީ އެންމެ ފަހުގެ ޗެމްޕިއަން. އެހެންވީމަ ކޮންމެ ޓީމެއް ވެސް އަހަރެމެންނާ ދެކޮޅަށް ނުކުންނާނީ 200 ޕަސެންޓް ދީގެން މޮޅުވާން. އަހަރެމެންނަށް ކުޑަ މެޗެއް އޮންނާނެ ކަމަށް ނުދެކެން،" ފިިލިޕީންސްގެ ސެރެސް އަށް ޖެހިޖެހިގެން ތިން އަހަރު ލީގު ކާމިޔާބުކޮށްދިން ވިޑަކޮވިޗް ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސް މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ބަލިނުވެ އެވެ. މާޒިޔާއާ ކުރިމަތިލާއިރު ސަަސް އޮތީ ނަތީޖާތަކަށް ބަލާއިރު ރަނގަޅު ހާލަތެއްގަ އެވެ. މާޒިޔާ އެންމެ ފަހުން ކުޅުނު ދެ މެޗުުން މޮޅެއް ނުލިބި އޮތްއިރު، މީގެ ސަސް އަށް އެޑްވާންޓޭޖެއް ނެގިދާނެތޯ އެހުމުން އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މީގެ މުޅިއަކުން އެޑްވާންޓޭޖަކަށް ވިސްނޭނެ ގޮތެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

"މާޒިޔާ ކަހަލަ ޓީމެއް ކައިރީގައި އަނެއްހެން އެޑްވާންޓޭޖެއް ނުނެގޭނެ. މާޒިޔާ އަކީ ބަލާލީމަ ވެސް އެނގޭނެ ރަނގަޅު ޓީމެއްކަން. ވަރުގަދަ ކުޅުންތެރިންކަން މި ތިބީ. އެހެން ނަމަވެސް އެ ޓީމާ އެކީގައި ކުޅެން ނުކުންނަ ޓީމު އެވަރަށް ތައްޔާރުވެގެން ނުކުމެއްޖެ ކަމަށްވާނަމަ ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ކުރާނެކަމަށް ވެސް ދެކެން،"

"މާޒިޔާ ޓީމަކީ ލީގަކީ ނެޝަނަލް ޕްލޭޔަރުން ގިނައިން ތިބި ވަރުގަދަ ޓީމެއް. ދެން އިރާދަކުރެއްވިއްޔާ ދަނޑުމަތީގައި ފެންނާނެ (އަޅުގަނޑުމެން) މި ކުރާ ހިތްވަރު."

ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ސަސް މި ވަގުތު އޮތީ ލީގު ޓޭބަލްގެ ހަތަރެއްގަ އެވެ. ނާދު ބުނީ މަގާމުގެ ގޮތުން ބަލާއިރު ސަސް މި ހިސާބުގައި އޮތުމަކީ ކާމިޔާބެއް ކަމަށެވެ. އެކަމަކު ކުޅުމަށް ބަލާއިރު އެންމެ ހިތްހަމަނުޖެހޭ އެއް ސަބަބަކީ ބޭނުންވާ ވަރުގެ ކުޅުންތެރިން ބައެއް މަގާމުތަކުގައި ނެތުމުން ކުޅުން ބޭނުންވާ ލެވަލަށް ނުގެންދެވުން ކަމަށް އޭނާ ބުންޏެވެ.

ސަސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.