30 ނޮވެމްބަރ 2018
މިއަދު ހަވީރު ނިއު ރޭޑިއަންޓާ 4-4 އިން މާޒިޔާ އެއްވަރުވުމާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބި، އެ ޓީމުން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ތަށްޓެއް ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ނިއު ރޭޑިއަންޓާ 4-4 އިން މާޒިޔާ އެއްވަރުވުމާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބި، އެ ޓީމުން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ތަށްޓެއް ކާމިޔާބުކޮށްފި އެވެ.
މިއަދުގެ މެޗުން މާޒިޔާ މޮޅުވި ނަމަ މިރޭ އީގަލްސް އަތުން ޓީސީ ބަލިވެއްޖެ ނަމަ ތަށި ލިބޭނީ މާޒިޔާ އަށެވެ. އެކަމަކު އެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ތިން ލަނޑު ޖަހާފައި އޮއްވާ ނިއު އިން ފަހަތުން އަރައި ހަމަކުރުމުން އެ ފުރުސަތު ގެއްލުނީ އެވެ.
ޓީސީ އިން ލީގު ކާމިޔާބުކުރީ 39 ޕޮއިންޓާ އެކު އެވެ. އަދި މިރޭ އީގަލްސް އަތުން މޮޅުވެ އިތުރަށް ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. މިއަދު ހަވީރުގެ މެޗުން ލީގު ޗެމްޕިއަންކަން ކަނޑައެޅުނު ނަމަވެސް މިރޭގެ މެޗުގެ މުހިއްމުކަން އެއްކޮށް ނުކެނޑެ އެވެ. އެއީ 35 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އީގަލްސް އަށް މިރޭ މޮޅުވެ ދެ ވަނަ ހޯދެން އޮތުމުންނެވެ. މާޒިޔާ އޮތީ 38 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.
މުހިއްމު ކަމެއް ނެތް މެޗުން ނިއު ހޯދި ޕޮއިންޓާ އެކު އެ ޓީމުން ލީގު ނިންމާލީ 28 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮވެ އެވެ.
ނިއުގެ ގޯލްކީޕަރު ކައިރިން މާޒިޔާގެ ސްޓެވާޓް (ކ) ނައްޓާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޓީސީން މި ކާމިޔާބުކުރީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާތާ ހަތަރު ވަނަ އަހަރެވެ. މީގެ ކުރިން ދެ ފަހަރު ލީގުގެ ދެ ވަނަ ހޯދިއިރު ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް ޓީސީ ވާދަކުރި މުބާރާތްތަކަށް ބަލާއިރު ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތަކުން ލިބުނީ ދެ ވަނަ އެވެ. އެ ޓީމަށް ލިބުނު ހަމައެކަނި ތަށްޓަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕެވެ.
ނިއުގެ ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ނުދޭތީ އާއި ޕްރެކްޓިސް ވެސް ނުކުރާތީ އަދި ފަހަކަށް އައިސް ނެރެފައިވާ ނަތީޖާތަކަށް ބަލައި ގިނަ ބަޔަކު ނިންމައިގެން ތިބީ މިއަދު މާޒިޔާ ފަސޭހަކަމާ އެކު މޮޅުވާނެ ކަމަށެވެ. ފުރަތަމަ ކަންވީ ވެސް އެހެންނެވެ. މާޒިޔާ އިން ފުރަތަމަ 25 މިނެޓުގެ ތެރޭ ތިން ގޯލް ޖެހި އެވެ.
ފުރަތަމަ ގޯލް ނުވަ ވަނަ މިނެޓުގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ހަމަޖެހިލާއި މަޑުމަޑުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި 15 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށް އަސަދުﷲ ދެ ވަނަ ގޯލް ޖެހި އެވެ. ތިން ވަނަ ގޯލަކީ 23 ވަނަ މިނެޓުގައި ނިއުގެ ގޯލްކީޕަރު ހަސަން އަބްދު ހަކީމް ކައިރިން ނައްޓާލުމަށް ފަހު ކޮނޭލިއަސް ސްޓެވާޓް ޖެހި ގޯލެކެވެ.
މަންޒަރު ބަދަލުވާން ފެށީ 36 ވަނަ މިނެޓުގައި ނިއުގެ އާމިރު ގުރުބާނީ ކާމިޔާބުކުރި ލަނޑުންނެވެ. އޭރިއާ ތެރެއިން އޭނާ މާޒިޔާގެ ދެ ކުޅުންތެރިން ވިއްދާފައި ތިއްބާ ވަރަށް ހަނި އޭންގަލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އަލީ ފާސިރު (ސެންޓޭ) ޖައްސާލި ބޯޅައަކުން ހަމްޒާ މުހައްމަދު (ހަމްޕު) ނިއު އަށް ތަފާތު ކުޑަކޮށްދިނެވެ. އޭރު މާޒިޔާ އޮތީ ފުރަތަމަ ގިން ގޯލާ އެކު ވަރަށް ބޮޑަށް ފަސޭހަކޮށްލައިފަ އެވެ. ގިނަ ވަގުތު ބޯޅަ ގެންއުޅެ މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ވެސް ނިއު އިންނެވެ.
މާޒިޔާގެ އަސަދުﷲ (ކ) އަތުން ބޯޅަ ހޯދަން ނިއުގެ އަކްރަމް ޓެކްލްކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނިއު އިން ނަތީޖާ ހަމަހަމަކުރީ 56 ވަނަ މިނެޓުގައި ގުރުބާނީ ކާމިޔާބުކުރި ގޯލުންނެވެ. ރިހާމް އަބްދުލްގަނީ (ބޮބީ) މަތިން ވައްޓާލި ބޯޅަ އޭރިއާ ތެރެއިން ގުރުބާނީ ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.
މި ގޯލާ އެކު މާޒިޔާ އިން ބަދަލުތަކެއް ގެނެސް ކުޅުން ވަރުގަދަކުރި އެވެ. އަދި ނާއިޒް ހަސަން (ދާދު) ނެގި ކޯނަރަކުން އިސްމާއިލް އީސާ ބޮލުން ގޯލް ޖަހައި މާޒިޔާ އަށް އަލުން ލީޑު ނަގައިދިނެވެ. އޭގެ ފަހުން އަނެއްކާ ވެސް އެއްވަރުކުރަން ނިއު އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ގުރުބާނީ އަށް މާޒިޔާ ކުޅުންތެރިޔަކު އޭރިއާ ތެރެއިން ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ސެންޓޭ ޖެހުމުން މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް މަތަކުރި އެވެ.
މެޗުގެ ފަހުކޮޅަށް އެޅިއިރު މާޒިޔާ ލީޑުގައި އޮތަސް އެ ޓީމުން ދިޔައީ އިތުރު ގޯލެއް ޖަހައި ތިން ޕޮއިންޓް ކަށަވަރުކުރަން މަސައްކަތްކުރަމުންނެވެ. އޭގެ ފައިދާ ނަގައި ނިއު އިން ދިޔައީ ކައުންޓާ އެޓޭކުގައި ނުރައްކާކުރަމުންނެވެ. އަދި 85 ވަނަ މިނެޓުގައި ހަސަން އަދުހަމް (ސަޑޭ) ދިން ބޯޅައަކުން އަހުމަދު އަތީގް ގޯލް ޖަހައި ނިއު އަށް އަލުން އެއްވަރުކޮށްދިނެވެ.
އެ ހިސާބުން މާޒިޔާ ވަރަށް ބޮޑަށް މާޔޫސްވި އެވެ. އެކަމަކު ހުއްޓުމެއް ނެތި ދިޔައީ އެޓޭކްކުރަމުންނެވެ. އޭގެ ތެރެއިން ބޯޅައެއްގައި ނިއުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ އެ ޓީމުން ޕެނަލްޓީއަކަށް އެޕީލް ވެސް ކުރި އެވެ. އެކަމަކު މެޗު ނިމިގެން ދިޔައީ މާޒިޔާ އަށް ހިތްދަތި ގޮތަކަށެވެ. މެޗަށް ފަހު މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު ރެފްރީއާ ދިމާލަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި އޭނާ އެއް ފަހަރު ރެފްރީ ކޮއްޕާލިއިރު، އޭނާ ހުއްޓުވަން އައި ބަދަލު ރެފްރީ ވެސް، ރުޅިވެރިކަމާ އެކު ދުރަށް ޖެއްސި އެވެ. މާޒިޔާގެ އެހެން އޮފިޝަލުން ވެސް ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
މާޒިޔާ ބަލިކޮށް ޓީސީ އަލުން އެއް ވަނަ އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ