Roadha Mihaaru
149 ކިލޯގެ ޑްރަގްގެ މައްސަލަ އިސްތިއުނާފެއް ނުކުރާނެ

149 ކިލޯގެ ޑްރަގްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

12 ޖެނުއަރީ 2021

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ކުރި ދައުވާ ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ކުރި ދައުވާ ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއް ތަނަކުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ހުންނެވިއިރު ގދ. ގައްދޫ ކޯޓަށް ހުށަހެޅުއްވި އެވެ. އެއީ، ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނިލް އާއި އެ ރަށު ރޮމޭންސް، ޝަފީޒް މުހައްމަދާއި ގއ. ނިލަންދޫ ފިރްޝާންވިލާ، އަލީ ޝާކިރުގެ އިތުރުން ގައްދޫ އެދުރުގޭ، ޔާމިހް ހާލިދާއި އެގޭ އަހުމަދު ޚަލީލަށެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މީހެއްގެ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެއާއެކު، އެ އެންމެން ދޫކޮށްލަން ކޯޓުން އަމުރުކޮށްފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލިއަސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭޕްރީލް، 2019 ގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ.

ޑްރަގްގެ ބޮޑު މައްސަލަ ގައްދޫ ކޯޓުން މިިދިޔަ އާދިއްތަ ދުވަހު ބޭރުކޮށްލި މައިގަނޑު ސަބަބަކީ ދައުވާ ކުރުމުގައި ދައުލަތުން އަމަލުކުރި ގޮތެވެ. އެ މައްސަލާގައި ފަސް މީހުންނާ ދެކޮޅަށް ފުރަތަމަ ދައުވާކުރީ ކްރިމިނަލް ކޯޓުގަ އެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ފަހުން މައްސަލަ ކޯޓަށް ފޮނުވުމުން ބަލައިނުގަތެވެ. އެއީ މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސް ހިނގާ މައްސަލައަކަށް ވުމުގެ އިތުރުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތަހުގީގު ބަޔާންތަކުގެ އަސްލު ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ.

އެއަށްފަހު ޕީޖީ އޮފީހުން އެ މައްސަލަ ގައްދޫ ކޯޓަށް ފޮނުވީ ޖިިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހަމަވިތާ ދެ މަސް ވާން ގާތްވެފައި ވަނިކޮށެވެ.

ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހެދި ގޯސްތަކެއްގެ ސަބަބުން ޑްރަގްގެ ބޮޑު މައްސަލައިގައި ހިމެނޭ ބަޔަކު މިނިވަންވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމުގަައި ހުރި އިހުމާލުތަކުގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ.