Roadha Mihaaru
"ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި ފާސްކުރުމުން"

ޑްރަގުގެ ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި، ގާނޫނާ ހިލާފަށް ފާސްކުރުމުން: ޕީޖީ

02 ޖޫން 2022

މާފަންނު ގެއެއްގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި، ގާނޫނު ހިލާފަށް ފާސްކުރުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފަންނު ގެއެއްގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލީ ކޯޓު އަމުރެއް ނެތި، ގާނޫނު ހިލާފަށް ފާސްކުރުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ މާޗު މަހު ހިންގި އޮޕަރޭޝަނުގައި މ. ލަވްނެސްޓް އިން ހެރޮއިން ފެނުނު މައްސަލައިގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ނަޝީދެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން، މައިގަނޑު ތިން ސަބަބަކާ ހެދި އެ ތަނުން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

ޕީޖީ އޮފީހުން ދެއްކި ސަބަބުތައް

1- ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި ވެސް ކޯޓު އަމުރަކާ ނުލައި ފާސްކުރުން.

- ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ ލަވްނެސްޓް ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާ ހިލާފަށް

2- އެ މައްސަލައިގެ ސީންގައި ކަންވީ ގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން.

3- މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލުކޮށްފައިވާކަން ޕީޖީ އޮފީހަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން.

- މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިއްމު ހެކިތަކެއް ހޯދާފައިނުވާތީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގާރީނާ ހޯދާފައި ނުވޭ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނީ އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ އަހުމަދަށް ކަމަށެވެ. އަދި އޭނާ ފިލަންވެގެން ފޯނާއި ފޯނު ނަންބަރު ބަދަލުކުރި ކަމަށް ބުނެފައިވެ އެވެ. ނަޝީދު އަތުން ގިނަ އަދަދެއްގެ ފައިސާ އަދި އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާ ގުޅުންހުރި ލިޔުންތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ އެކައުންޓް ސްޓޭޓްމަންޓުތަކަށް ބަލާއިރު މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުރަވެވޭ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.