Roadha Mihaaru
65 ޕަސެންޓަކީ ޑްރަގްސްއާ ގުޅޭ މައްސަލަ: ޕީޖީ

ދައުވާކުރަން ޕީޖީއަށް ފޮނުވާ 65 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް

27 ޖޫން 2021

ޖިނާއީ ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ ތެރެއިން 65 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖިނާއީ ދައުވާކުރަން ފޮނުވާ މައްސަލަތަކުގެ ތެރެއިން 65 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތާ ގުޅިގެން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑު ބަޔަކީ ޑްރަގާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތައް ބަލައި، ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ޑްރަގާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ 46 ޕަސެންޓަކީ މީހުންގެ އަތުން މަސްތުވާތަކެތި ފެނިގެން ދައުވާކުރަން ފޮނުވާފައިވާ މައްސަލަތައް ކަމަށެވެ. އެފަދަ ބާވަތްތަކުން ވިޔަފާރިކޮށްގެން 26 ޕަސެންޓް މައްސަލަ، އެ އެއްޗެހި ބޭނުންކޮށްގެން 14 ޕަސެންޓް މައްސަލަ، މަސްތުވާތަކެތި އެތެރެކޮށްގެން 10 ޕަސެންޓް މައްސަލަ އަދި އެހެނިހެން ދައުވާކުރަން ހަތަރު ޕަސެންޓް މައްސަލަ ފޮނުވި އެވެ.

އެކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަތުން މަސްތުވާތަކެތި ފެނިގެން ދައުވާކުރަން ފޮނުވާފައިވާ 46 ޕަސެންޓް މައްސަލައަށް އެހެން ހައްލެއް ހޯދައިދެވިއްޖެ ނަމަ ސިސްޓަމަށް ވެސް ފައިދާކުރާނެ ކަމަށެވެ. އެއާ އެކު، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅޭ 1،425 މައްސަލަ ފުރިޕޯޓުކުރި އެވެ. އެތަނުން 1،219 މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށްގެންގޮސްފައި ވެ އެވެ. އޭގެ ތެރެއިން 98 ޕަސެންޓަކީ ފިރިހެނުންނެވެ.

އެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ ޕަސެންޓަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި 18-34 އަހަރާ ދެމެދުގެ 70 ޕަސެންޓް އަދި 35 އަހަރުން މަތީގެ 28 ޕަސެންޓް މީހުން ހިއްސާވެ އެވެ.

ސްޓެޓިކްސް ބިއުރޯއިން ބުނީ މަސްތުވާތަކެއްޗާ ގުޅޭގޮތުން ފާއިތުވި ފަސް އަހަރު 12،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކުރި އެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2،000 ކޭސް އެވެ. މިދިޔަ އަހަރު އެކަނި ވެސް 2،850 މައްސަލަ ރިިޕޯޓުކުރި އެވެ.

ފުލުހުން 2019 ވަނަ އަހަރު 408 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އޭގެ ތެރޭގައި 54 ޕަސެންޓަކީ ހެރޮއިން އަދި 36 ޕަސެންޓަކީ ކެނަބިސް އެވެ.