Roadha Mihaaru
ވަޓްސްއެޕާ ނުރުހި ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވަނީ

ވަޓްސްއެޕްގެ އާ އުސޫލާ ހެދި ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވަނީ

14 ޖެނުއަރީ 2021

ވަޓްސްއެޕުން މަޖުބޫކުރާ އާ އުސޫލަކާ ހެދި އެ އެޕް ދޫކޮށްލާ މީހުން އިތުރުވަމުންދާ އިރު، ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕުން މަޖުބޫކުރާ އާ އުސޫލަކާ ހެދި އެ އެޕް ދޫކޮށްލާ މީހުން އިތުރުވަމުންދާ އިރު، ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވާން ފަށައިފި އެވެ.

ޓެލެގްރާމުން ބުނި ގޮތުގައި މީގެ ކުރިން އެ ޕްލެޓްފޯމަށް ބާރު ބޮޑު ނުވާ ވަރަށް ބާރު ބޮޑުވެ، ފާއިތުވި 72 ގަޑިއިރު ތެރޭގައި ޓެލެގްރާމް ބޭނުންކުރާ މީހުންގެ ނިސްބަތް 500 ޕަސަންޓަށް އިތުރުވެފައިވެ އެވެ. އެގޮތުން 72 ގަޑިއިރުގެ ތެރޭގައި ޓެލެގްރާމާ އަލަށް ގުޅުނު މީހުންގެ އަދަދު މިހާރު 30 މިލިއަނާ ގާތްކޮށްފައިވާ ކަމަށް ބުންޏެވެ.

"މިހާރު ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ފަސް ސަތޭކަ މިލިއަނުން މަތީގައި،" ޓެލެގްރާމްގެ ބާނީ ޕަވެލް ޑްރޯވް ވިދާޅުވި އެވެ.

ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ ވަޓްސްއެޕްގެ އާ އުސޫލުގެ ދަށުން އެ ބޭނުންކުރާ މީހުންގެ ޒާތީ ވަރަށް ގިނަ މައުލޫމާތުތައް ފޭސްބުކާ ހިއްސާކުރަން މަޖުބޫރުވެ އެވެ. އެގޮތުން އެ އުސޫލަށް އެއްބަސްވާން އަންގައި ވަޓްސްއެޕުން ނޮޓިފިކޭޝަން ފޮނުވަމުން އަންނަ އިރު، އެއަށް އެއްބަސްވުމާ މެދު އަންނަ މަހުގެ ކުރީކޮޅު ގޮތެއް ނިންމަން ޖެހެ އެވެ. ނޫން ނަމަ ވަޓްސްއެޕް ބޭނުންކުރުމުގެ ފުރުސަތު ވެސް ގެއްލުމުގެ ފުރުސަތެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދި، ބައެއް މީހުން ދަނީ ވަޓްސްއެޕް ބޮއިކޮޓްކުރަން ގޮވައިލަމުންނެވެ. ނަމަވެސް ވަޓްސްއެޕުން ބުނީ އަލަށް އަމަލުކުރަން ފަށާ އުސޫލަކީ ފޭސްބުކްގެ ދަށުން ހިންގާ އެހެން ޕްލެޓްރޯމްތައް އެއާ ގުޅުވާލާފައި އޮންނަ ގޮތަށް ވަޓްސްއެޕް ވެސް ގުޅުވައިލަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ޕްރައިވެސީ އާއި ޒާތީ މައުލޫމާތަކަށް ކުރާނެ އެއްވެސް ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށެވެ.

މިކަންތައްގަނޑުގެ ތެރެއިން ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވާން ފަށާފައިވާ އިރު އަންގާރަ ދުވަހު ޕަވެލް ވަނީ ވަޓްސްއެޕަށް ފާޑު ވެސް ކިޔައިފަ އެވެ. އޭނާ ވިދާޅުވީ ބޭނުންކުރާ މީހުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ޒާތީ މައުލޫމާތު ނަގަން އުޅުމަކީ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އަބަދު ވެސް އަހަރެމެން އެންމެ ބޮޑަށް ބަލާ ކަންކަމަކީ ސެކިއުރިޓީ އާއި ޕްރައިވެސީ،" ޕަވެލް ވިދާޅުވި އެވެ. "އެއީ އަހަރެމެން އިހުމާލު ނުވެ ސީރިއަސްކޮށް އަބަދު ވެސް ހިފަހައްޓާނެ އުސޫލެއް. މި ޒަމާނަކު އެއްވެސް މީހަކު ބޭނުމެއް ނުވާނެ ބަޔަކު ބޭނުންވާހާ ގޮތަކަށް ޒާތީ މައުލޫމާތު ޝެއާކުރާކަށް."

ޓެލެގްރާމަކީ 2013 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އެ އެޕަކީ މިދިޔަ އަހަރު 8 ވަނަ އަށް އެންމެ ގިނައިން ޑައުންލޯޑްކުރި އެޕެވެ.