Roadha Mihaaru
މައްސަލަ ހޫނުވެ ވަޓްސްއެޕްގެ އާ އުސޫލު ފަސްކޮށްފި

މައްސަލަ ހޫނުވެ ވަޓްސްއެޕްގެ އާ އުސޫލަށް އަމަލުކުރުން ފަސްކޮށްފި

17 ޖެނުއަރީ 2021

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ވަރަށް ގިނަ މައުލޫމާތު އެ އެޕް ހިންގާ ފޭސްބުކާ ހިއްސާކުރަން ޖެހޭ ގޮތަށް ނިންމައި އެ އުސޫލަށް އަންނަ މަހުގެ ކުރީކޮޅު އަމަލުކުރަން ނިންމުމާ އެކު އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ހެދި އެކަން ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ވަރަށް ގިނަ މައުލޫމާތު އެ އެޕް ހިންގާ ފޭސްބުކާ ހިއްސާކުރަން ޖެހޭ ގޮތަށް ނިންމައި އެ އުސޫލަށް އަންނަ މަހުގެ ކުރީކޮޅު އަމަލުކުރަން ނިންމުމާ އެކު އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ހެދި އެކަން ފަސްކޮށްފި އެވެ.

އަންނަ މަހުގެ 8 ގެ ފަހުން، ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް "މަޖުބޫރުކޮށްގެން" އަމަލުކުރަން ނިންމިި އުސޫލާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެ ޕްލެޓްފޯމާ ފެއަށް ޖެހި، ޓެލެގްރާމާއި ސިގްނަލްއާ ދިމާއަށް މިސްރާބު ޖަހާފައިވެ އެވެ.

ނަމަވެސް އާ އުސޫލަށް އަމަލުކުރަން ފެށުން ފަސްކޮށް ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު އިތުރަށް މުރާޖަައާކުރަން ނިންމާފައިވާތީ ކުރިއެކޭ އެއްގޮތަށް ވަޓްސްއެޕްގެ އަހުލުވެރިން އެ އެޕް ބޭނުންކުރެވޭނެ ކަމަށެވެ.

މިކަމަށް ދީފައި ވަނީ ތިން މަސް ދުވަހުގެ މުހުލަތެކެވެ. މާނަ އަކީ އާ އުސޫލަށް އަމަލުކުރަން ފެށުން އަންނަ މަހުގެ 15 އާ ހަމައަށް ފަސްކުރުމެވެ.

ވަޓްސްއެޕުން ބުނެފައިވާ ގޮތުގައި އާ އުސޫލުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތެވެ. އެކަމަކު މިކަން ބޮޑު މައްސަލައަކަށްވީ ހަގީގަތް އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ފެތުރިގެން ދިއުން ކަމަށް ބުންޏެވެ. ދެހާސް ސާދައިގެ ފަހުން ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނިގޮތުގައި އާ އުސޫލުގެ މައިގަނޑު މަގުސަދަކީ އެފްބީގެ ދަށުން ހިންގާ އެހެން ޕްލެޓްފޯމްތައް ވެސް އެއާ ގުޅުވާފައި އޮންނަ ގޮތަށް ގުޅުވުމުގެ މަސައްކަތްކުރުމެވެ.

ނަމަވެސް ވަޓްސްއެޕް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ވަނީ ފޭސްބުކާ އެ މީހުންގެ މައުލޫމާތު ހިއްސާކުރަން ޖެހުމަކީ ވަރަށް ބޮޑު މައްސަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އާ އުސޫލަށް އެއްބަސްވާން ފޮނުވާ ނޮޓިފިކޭޝަނަށް ވެސް އިޖާބަ ނުދީފަ އެވެ.

ވަޓްސްއެޕުން ބުނީ އާންމުންގެ މެދުގައި އާ އުސޫލާ މެދު ކަންބޮޑުވުން އުފެދުނީ އޮޅުންބޮޑު މައުލޫމާތުތަކާ ހެދި ކަމަށެވެ. އެހެންވެ އަދިވެސް ކަށަވަރުކޮށްދޭ ކަމަކީ އެ އެޕަށްދޭ އެއްވެސް މައުލޫމާތެއް ފޭސްބުކާ ހިއްސާކުރަން ނުޖެހޭނެ ކަމެވެ. އަދި ވަޓްސްއެޕަކީ ބޭނުންކުރަން ރަައްކާތެރި "އެންޑް-ޓު-އެންޑް-އެންކްރިޕްޓެޑް" ޕްލެޓްފޯމެއް ކަމަށް ވެސް ބުންޏެވެ.

ދެހާސް ނުވައެއްގައި ވުޖޫދަށް އައި ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު 2 ބިލިއަނަށް ވުރެ ގިނަ އެވެ.