Roadha Mihaaru
ފުލުހުން ސުވާލުކުރީ ހާޑް ޑްރައިވާ ގުޅޭ ގޮތުން: ނާދިރާ

ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރީ ގެއްލުނު ހާޑް ޑްރައިވާ ގުޅޭ ގޮތުން: ނާދިރާ

14 ނޮވެމްބަރ 2016

ފުލުހުންގެ އިދާރާ އަށް މިއަދު މެންދުރު ހާޒިރުކޮށް ސުވާލުކުރީ، ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ހާޑް ޑްރައިވެއް ގެއްލިގެން އުޅޭ މައްސަލާގައި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ އިދާރާ އަށް މިއަދު މެންދުރު ހާޒިރުކޮށް ސުވާލުކުރީ، ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ހާޑް ޑްރައިވެއް ގެއްލިގެން އުޅޭ މައްސަލާގައި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލުކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނޭ. އަޅުގަނޑަށް އެނގިފައި އޮތް ކަމެއް ނޫނޭ ފުލުހުން ތި ސުވާލު ކުރަނީ،" ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ އިސް ވެރިންނަށް އެންގުމަކާ ނުލައި އެތަނުން ތަކެތި ނެރެގެން ގެންދިޔަ މީހުންނަށް އެ ހާޑް ޑްރައިވް ވީ ތަނެއް އެނގޭނެ ކަމަށް ދެންނެވި ކަމަށެވެ. އަދި އެތަނުން ތަކެތި ގެންދިޔަ ކަމަށް، އެކަން ކުރެއްވި ބައެއް ބޭފުޅުން އެއްބަސްވެފައިވާ އޯޑިއޯއެއް ވެސް ލީކުވެފައިވާ ކަމަށް ބަޔާން ދެއްވި ކަމަށް ނާދިރާ ވިދާޅުވި އެވެ.

"އެކަން ބައްލަވާނެ ކަމަށް ފުލުހުން ވިދާޅުވި،" ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އޮފީހުގައި ހުރި މުދާ ގެންދިޔައީ ފުލުހުންގެ ހިމާޔަތުގައި ކަަމަށާއި އެތަނުން ޑިސްކެއް ގެއްލިފައިވާ ނަމަ އޭނާ އަށް ވުރެ ރަނގަޅަށް އެކަން ވީ ގޮތް ފުލުހުންނަށް އެނގޭނެ ކަމަށް ވެސް ދެންނެވި ކަމަށެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު އެތަނުގައި ހުރި މުދާތައް ގެންދިޔައީ އެމަނިކުފާނު ފެކްޝަނަށް ނިސްބަތްވާ ބައެކެވެ. އެކަމަކު އޮފީހުން މުހިއްމު ލިޔެކިޔުންތައް މަދު ކަަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަނުންނެވެ.

އެ ހާޑް ޑްރައިވް ހޯދަން ކޯޓު އަމުރެއްގެ ދަށުން ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހާއި އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަލައި ފާސްކޮށްފައިވެ އެވެ. އަދި އަލީމް ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.