Roadha Mihaaru
ދެ ހަފުތާ ތެރޭ ރަޝިއާއިން 10،000 ޓޫރިސްޓުން

ދެ ހަފުތާ ތެރޭގައި ރަޝިއާއިން 10،000 އަށްވުރެ ގިނަ ޓޫރިސްޓުން

15 ޖެނުއަރީ 2021

މި އަހަރުގެ މިހާތަނަށް ރަޝިއާ އިން 10،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަަށް ޒިޔާރަތްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ މިހާތަނަށް ރަޝިއާ އިން 10،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 37،926 ޓޫރިސްޓުންނެވެ. ރަޝިއާ އަކީ 10،002 ޓޫރިސްޓުންނާ އެކު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެއީ 5،727 ޓޫރިސްޓުންނެވެ. އަދި 3،472 ޓޫރިސްޓުންނާއެކު ޔޫކްރެއިން އޮތީ ލިސްޓުގެ ތިންވަނައިގަ އެވެ.

ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ. ނަމަވެސް މިދިޔަ އަހަރު އެ ގައުމުގެ ބޯޑަރު ކޮވިޑާ ހެދި ބަންދުކުރުމުން ރާއްޖެއަށް ޓޫރިސްޓުން އައުން އޮތީ މަޑުޖައްސާލައިފަ އެވެ. އެގޮތުން، ކޮންމެ އަހަރަކު އެއްވަނައިގައި އޮންނަ ޗައިނާ މިދިޔަ އަހަރު ވަނީ ލިސްޓުގެ ހަ ވަނައަށް ވެއްޓިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ 15 ޖުލައި 2020ގަ އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 26 އެއާލައިނަކުން ވަނީ ރާއްޖެއަށް އަލުން ދަތުރު ފަށައިފަ އެވެ. މިއަހަރު އިތުރު އެއާލައިންތަކުން ވެސް ރާއްޖެއަށް އަލުން ދަތުރު ފަށާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިވަގުތު 578 ޓޫރިސްޓު ފެސިލިޓީއަކުން އަންނަނީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި 141 ރިސޯޓާއި 11 ހޮޓަލާއި 133 ސަފާރީ އަދި 293 ގެސްޓުހައުސް ހިމެނެ އެވެ.