Roadha Mihaaru
އާސިމް މަރުވި އެކްސިޑެންޓް އަންނަނީ ތަހުގީގުކުރަމުން

އާސިމް މަރުވި އެކްސިޑެންޓް އަންނަނީ ތަހުގީގުކުރަމުން: ޝާހިދު

17 ޖެނުއަރީ 2021

މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތުގައި އުޅުނު އަބްދުﷲ އާސިމް މަރުވަން ދިމާވި ނުރައްކާތެރި އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތުގައި އުޅުނު އަބްދުﷲ އާސިމް މަރުވަން ދިމާވި ނުރައްކާތެރި އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ އާސިމް އިއްޔެ މަރުވީ މި މަހު ހަތް ވަނަ ދުވަހުގެ ރޭ ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅެނިކޮށް އޭގެ ތެރެއިން ޕެލެޓެއް ވެއްޓި އޭގެ ދަށުވެގެން ލިބުނު ޒަހަމްތަކުގަ އެވެ. އައިޖީއެމްއެޗުގައި ފުރަތަމަ ފަރުވާ ދިން އިރު ކުޑަކޮށް ރަނގަޅުވުމުން ވޯޑަށް ވެސް އޭނާ ބަދަލުކުރި އެވެ. އެކަމަކު އޭގެ ފަހުން ހާލަތު ގޯސްވުމުން އައިސީޔޫގައި ފަރުވާދޭން ފެށި އެވެ.

ބިއްލޫރި ބޮޑެތި އެތައް ޝީޓެއް ހިމެނޭ ޕެލެޓެއް ވެއްޓި، ފުނޑުފުނޑުވި ބިއްލޫރިތަކުގެ ތެރެއިން އާސިމް ނެރުނީ ކޮންޓޭނަރު ކީހާލައިގެންނެވެ.

ޝާހިދު ވިދާޅުވީ އެ ހިތާމަވެރި ހާދިސާގެ ތަހުގީގުގައި، ވަކި ކަމަކަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ސަލާމަތީ ކަންކަން ރަނގަޅު ކުރަން ދިމާވާ ދަތިތައް ވެސް ގިނަ އެވެ. އެގޮތުން ކޮންޓޭނަރުތަކުން މުދާ ނެރެން ޖެހެނީ ވެސް އެ އެއްޗެހި ބާލާފައި ބަހައްޓާ ސަރަހައްދުގައި ކަމަށް ވުމުން ވަރަށް ބޮޑެތި ދަތިތަކާ ދިމާވާ ކަމަށް ވިދާޅުވި އެވެ.

"އެހެން އެކަން ކުރަން ޖެހެނީ ވެސް ޖާގައިގެ ދަތިތަކާ ހެދި،" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ސޭފްޓީ މެޝާސްތައް އެންމެ ފުރިހަމައަށް އެޅޭތޯ. އެކަމަކު ޖާގައިގެ ދަތިތަކާ ހެދި އެންމެ ފުރިހަމައަށް ފިޔަވަޅެއް ނޭޅޭ."

ޝާހިދު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭނީ ގުޅީފަޅުގައި ހަދާ އާ ވިޔަފާރި ބަނދަރާ އެކު ކަމަށެވެ. އިންޑިއާ ސަރުކާރުގެ ބޮޑު ލޯނަކުން ހަދާ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގައި ވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެމްޕީއެލްގެ މުވައްޒަފުންނާއި މަޖޫރީން ވެސް އަންނަނީ ހޭލުންތެރިކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް އޭގެ ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.