Roadha Mihaaru
ޕޯޓުގެ ހުރިހާ މަޖޫރީން ތަމްރީން ހަދަން ލާޒިމްކޮށްފި

ހަ މަސް ތެރޭގައި ތަމްރީން ނުހަދާ މަޖޫރީންނަށް ފާސް ދޫނުކުރަން ނިންމައިފި

24 ފެބުރުއަރީ 2021

ޕޯޓު ސަރަހައްދަށް ވަންނަ މަޖޫރީންނަށް ހާއްސަކޮށްގެން އެމްޕީއެލުން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައި އެ ތަމްރީން ނުހަދާ މީހުންނަށް ފާސް ނުދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕޯޓު ސަރަހައްދަށް ވަންނަ މަޖޫރީންނަށް ހާއްސަކޮށްގެން އެމްޕީއެލުން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައި އެ ތަމްރީން ނުހަދާ މީހުންނަށް ފާސް ނުދޭން ނިންމައިފި އެވެ.

"ޕޯޓް ވޯކާ އިންޑަކްޝަން ޕްރޮގްރާމް"ގެ ނަމުގައި މި ތަމްރީން ޕްރޮގްރާމް މި ފެށީ ޕޯޓުގައި މި އަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެ އެތަނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ.

އެމްޕީއެލް އިން ބުނީ މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގައި މަސައްކަތްކުރާ މަޖޫރީން މަސައްކަތުގެ މާހައުލުގައި ރައްކާތެރިވުމަށް ބާރު އެޅުން ކަމަށެވެ. މި ޕްރޮގްރާމުގައި ޕޯޓުގައި މަސައްކަތް ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މަޖޫރީން އަހުލުވެރި ކުރުވާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އައިއެލްއޯ ތަފާސްހިސާބުތަކަށް ބަލާއިރު ޕޯޓު ސަރަހައްދުތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ މަޖޫރީން މަސައްކަތް ކުރާއިރު ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް އަމަލުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެމްޕީއެލުން ވަނީ މަޖޫރީންނަށް މި ޕްރޮގްރާމް ނިންމުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މުއްދަތުގެ ފަހުން، ޕްރޮގްރާމް ނުނިންމާ އެއްވެސް މީހަކަށް ޕޯޓު ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދޭނެ ކަަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލުން ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމުގައި މަޖޫރީންތަކެއް ބައިވެރިވަނީ-- ފޮޓޯ: މިހާރު

އެމްޕީއެލުން ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމުގައި މަޖޫރީންތަކެއް ބައިވެރިވަނީ-- ފޮޓޯ: މިހާރު

"އަޅުގަނޑުމެންގެ އަމާޒަކީ ޕޯޓަށް ވަންނަ ކޮންމެ މީހަކީ އަޅުގަނޑުމެންގެ މުވައްޒަފުން ފަދައިން ތަމްރީން ވެފައިވާ ބަޔަކަށްވުން. ހަ މަސްފަހުން ޕޯޓުތެރެއަށް ވަންނަ ކްލިއަރިން ގްރޫޕެއްގެ މުވައްޒަފަކަށް ވިޔަސް ޑްރައިވަރަކަށް ވިޔަސް ޓްރެއިނިން ޕްރޮގްރާމް ނިންމަން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

"ޓްރެއިނިން ނެތި މަސައްކަތްކުރާ ކަމަށްވާ ނަމަ ހިތާމަވެރި ހާދިސާއެއް ހިނގުން ކައިރި. އެހެންކަމުން މި ޓްރެއިނިން ޕްރޮގްރާމާއެކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ މިފަދަ ހާދިސާތައް މަދުވާނެ ކަމަށް،"

އެމްޕީއެލްގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހަ ގަޑިއިރުގެ ސެޝަނެއް ކުރިއަށް ގެންދާނެ އެވެ. އަދި ސެޝަން ނިމުމުން ބައިވެރިންނަށް ކުއިޒެއް ދިނުމަށް ފަހު އެ ކުއިޒުން ފާސްވާ މީހުންނަށް ސެޓްފިކެޓް ދޭނެ އެވެ.

އެމްޕީއެލުން މަޖޫރީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕްރޮގްރާމެއް ފަށާފައިވާއިރު ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޕޯޓު ސަރަހައްދުގައި ނުރައްކާތެރި ދެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. މި ހާދިސާތަކުގައި އަނިޔާވި ދެ މީހަކު ވަނީ މަރުވެފަ އެވެ. މި ހާދިސާތައް އެމްޕީއެލް އާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.