Roadha Mihaaru
ކޮވިޑާ ހެދި ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރަށް ވެއްޓުމެއް

ކޮވިޑާ ހެދި ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރަށް ވެއްޓުމެއް

19 ޖެނުއަރީ 2021

ޒިއުރިކް (ޖެނުއަރީ 19) - ކޮވިޑް-19ގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިކަމާ ހުރެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރަށް 23.4 ޕަސެންޓުގެ ވެއްޓުމެއް އައި ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ބުނެފި އެވެ.

ޒިއުރިކް (ޖެނުއަރީ 19) - ކޮވިޑް-19ގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިކަމާ ހުރެ ފުޓްބޯޅަ ޓްރާންސްފާ ބާޒާރަށް 23.4 ޕަސެންޓުގެ ވެއްޓުމެއް އައި ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ބުނެފި އެވެ.

ފީފާ އިން އަހަރަކު އެއް ފަހަރު ނެރޭ ގްލޯބަލް ޓްރާންސްފާ މާކެޓް ރިޕޯޓްގައި ވާގޮތުން 2019 ވަނަ އަހަރު ފުޓްބޯޅަ ކުޅުންތެރިންގެ ޓްރާންސްފާ އަށް ކުރި ހަރަދު އުޅެނީ 5.63 ބިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު މިދިޔަ އަހަރު މަދުވި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. މިއީ 2016 ވަނަ އަހަރަށް ފަހު އެއް އަހަރުން އަނެއް އަހަރަށް ގްލޯބަލް ޓްރާންސްފާ މާކެޓްގެ ރިިޕޯޓްގައި ވެއްޓުމެއް ފާހަގަކުރެވުނު ފުރަތަމަ ފަހަރުކަން ވެސް ފީފާގެ ރިޕޯޓްގައިވެ އެވެ.

ގައުމުތަކަށް ބަލާއިރު ކުޅުންތެރިންގެ ޓްރާންސްފާ އަށް އެންމެ ބޮޑު ހޭދައެއް މިދިޔަ އަހަރު ވެސް ކުރީ އިނގިރޭސި ކްލަބްތަކުންނެވެ. އިނގިރޭސި ޓީމުތަކުން ކުޅުންތެރިން ހޯދަން 1.63 ބިލިއަން ޑޮލަރު ހަރަދުކުރި އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހަރަދެއްކުރީ 731.5 މިލިއަން ޑޮލަރު ހަރަދުކުރި އިޓަލީގެ ކްލަބްތަކުންނެވެ. ކުޅުންތެރިންގެ ޓްރާންސްފާ އިން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ސްޕެއިނުގެ ޓީމުތަކުންނެވެ. ސްޕެއިން ޓީމުތަކަށް ކުޅުންތެރިންގެ ޓްރާންސްފާތަކުން 785.7 މިލިއަން ޑޮލަރު ލިބުނެވެ.

ފީފާ އިން ވަނީ މިދިޔަ އަހަރު 17،077 ކުޅުންތެރިންގެ ޓްރާންސްފާތައް ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު 18،047 ކުޅުންތެރިން ރަޖިސްޓްރީކުރި އެވެ. މިދިޔަ އަހަރު ވެފައި މި ވަނީ 2010 ވަނަ އަހަރަށް ފަހު ކުޅުންތެރިން ރަޖިސްޓްރީކުރި އަދަދަށް ބަލާއިރު ވެއްޓުމެއް ފާހަގަވި ފުރަތަމަ ފަހަރެވެ.

ސީދާ އަދަދެއް ރިޕޯޓްގައި ބަޔާންކުރުމެއްނެތި ފީފާ އިން ބުނެފައިވަނީ މިދިޔަ އަހަރު ކުޅުންތެރިން ގަންނަން އެންމެ ބޮޑު ހަރަދެއް ކުރީ ޗެލްސީން ކަމަށެވެ. ދެން ލިސްޓުގައި ހިމެނޭ ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ބާސެލޯނާ، ޔުވެންޓަސް އަދި ލީޑްސް ޔުނައިޓެޑް އެވެ.

މިދިޔަ އަހަރު އެއް ކްލަބަކުން އެންމެ ގިނަ ކުޅުންތެރިން ދޫކޮށްލި ޓީމަކީ މެންޗެސްޓާ ސިޓީ އެވެ. ސިޓީން ވަނީ 45 ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އެންމެ އަގުބޮޑު ކުޅުންތެރިއެއްގެ ގޮތުގައި މިދިޔަ އަހަރު ކްލަބް ބަދަލުކުރި ދެ ކުޅުންތެރިންނަކީ ބަޔާ ލެވަކޫސަން ދޫކޮށް ޗެލްސީއާ ގުޅުނު ކައި ހަވާޓްޒް އާއި ބާސެލޯނާ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި އާތޫރު މެލޯ އެވެ. ހަވާޓްޒް ޗެލްސީއާ ގުޅުނީ 92 މިލިއަން ޑޮލަރަށެވެ. އާތޫރު ޔުވެންޓަސްއާ ގުޅުނީ 91 މިލިއަން ޑޮލަރަށެވެ.

މިދިޔަ އަހަރުގެ ރިޕޯޓަށް ބަލާއިރު ފީފާ އަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ޓްރާންސްފާތަކުގެ ހަރަކާތްތައް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދާން ފެށުމެވެ. އެ ގޮތުން އަންހެން ކުޅުންތެރިންގެ ޓްރާންސްފާ ހަރަދުތައް ވަނީ 27 ޕަސެންޓަށް ކުރިއަރައިފަ އެވެ. ފީފާ އިން ބުނީ އޭގެ އެންމެ ބޮޑު ސަބަބަކީ ޕްރޮފެޝަނަލީ އަންހެން ފުޓްބޯޅަ އިހުތިޔާރުކުރާ މީހުންގެ ނިސްބަތް އިތުރުވަމުން ދިއުން ކަމަށެވެ.