Roadha Mihaaru
މި ވަގުތަށް 5ޖީ ހުއްޓުވާލަން ގޮވާލައިފި

މި ވަގުތަށް 5ޖީ ނެޓްވޯކް ހުއްޓުވާލަން ގޮވާލައިފި

20 ޖެނުއަރީ 2021

މިހާރު ވައިގައި ހިފައި ފުޅާވަމުން އަންނަ އިންޓަނެޓްގެ އާ ޖީލު، 5ޖީ ނެޓްވޯކުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަކަށްޓަކައި އެކަމާ ގުޅުން ހުރި ދިރާސަތަކާއި ތަހުގީގުތަކަށް އެ ނެޓްވޯކް މި ވަގުތު ހުއްޓާލަންޖެހޭ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވައިގައި ހިފައި ފުޅާވަމުން އަންނަ އިންޓަނެޓްގެ އާ ޖީލު، 5ޖީ ނެޓްވޯކުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަކަށްޓަކައި އެކަމާ ގުޅުން ހުރި ދިރާސަތަކާއި ތަހުގީގުތަކަށް އެ ނެޓްވޯކް މި ވަގުތު ހުއްޓާލަންޖެހޭ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އެޑިންބަރާ ޔުނިވަސިޓީގެ އަޝާ އިންސްޓިޓިއުޓްގެ ޕްރޮފެސަރު ޖޯން ވިލިއަމް ފްރޭންކް "އެޕިޑަމޮލޮޖީ ކޮމިއުނިޓީ ހެލްތު ޖާނަލް" ގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ގައުމުތަކުގައި 5ޖީ ނެޓްވޯކް ފުޅާކުރަން ބަހައްޓާ އެންޓަނާތަކުގެ މަސައްކަތްތައް މި ވަގުތުން ވަގުތަށް ހުއްޓާލަން ބުއްދިވެރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ އެންޓަނާތަކުގެ ރޭޑިއޯ ފްރިއެކްއެންސީ އިލެކްޓްރޯމެގްނެޓިކް ފީލްޑްސް (އާރްއެފް-އީއެމްއެފްއެސް) އިން "ސިއްހީ ބޮޑެތި މައްސަލަތެއް ދިމާވެދާނެ ކަމަށް ޝައްކުކުރެވޭ" ކަމަށެވެ.

"އެހެންވެ އެބަޖެހޭ މި މައްސަލާގައި ކުރިން ވެސް ސައިންސްވެރިންނާއި އިންޖިނިއަރުންނާއި ޑޮކްޓަރުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ދޭތެރޭ ވިސްނާލަން،" ފްރޭންކް ވިދާޅުވި އެވެ. "މީގައި މި ވަގުތަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ 5ޖީ ނެޓްވޯކްގެ ރައްކާތެރިކަމާ ދޭތެރޭ އުފެދިފައިވާ ޝައްކުތައް ފިލުވަން އިތުރު ދިރާސާތަކެއް ހަދައި މި މައްސަލާގައި އިތުރަށް ބަހުސްކޮށް މީގެ ހަގީގަތް ހޯދަން ފުނަށް ފީނުން."

އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ ސިއްހަތަށް ގެއްލުންވެދާނެ ކަމަށް ބެލެވޭ ކަމަކާ ދޭތެރޭ ފަރުވާކުޑަކޮށްލެވިގެން ނުވާނެ އެވެ.

"މީގައި އިސްކަން ދޭން ޖެހެނީ ޕަބްލިކް ސޭފްޓީ އަށް. އެހެންވެ ފުރަތަމަ ކަމަކަށް އެބަޖެހޭ 5ޖީ ނެޓްވޯކަކީ ޝައްކެއް ނެތް މިންވަރަށް ރައްކާތެރި ވަސީލަތެއްކަން ކަށަވަރުކުރަން،" ފްރޭންކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރްއެފް-އީއެމްއެފްއެސް އިން ދިމާވެދާނެ އެންމެ ބޮޑު ބިރަކީ އިންސާނުންނަށް ބައޮލޮޖިކަލް ގޮތުން މައްސަލަތަކެއް ދިމާވުމެވެ. އެހެންވެ ކުރިމަގުގެ ޖީލަށްޓަކައި ވެސް 5ޖީ ނެޓްވޯކާ މެދު އުފެދިފައި ހުރި ޝައްކުތަކާއި ބިރުތަކަށް ސާފު ޖަވާބެއް ހޯދުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް 5ޖީ ނެޓްވޯކާގެ ރައްކާތެރިކަމާ ދޭތެރޭ އެކި ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ބައެއް އިދާރާތައް ވެސް ހިމެނެ އެވެ. އަދި ބައެއް ގައުމުތަކުން 5ޖީ ނެޓްވޯކް އެ ގައުމުތަގައި ބިނާކުރަން ދެކޮޅު ހަދައި، އެކަމާ ދެކޮޅަށް އަޑު ވެސް އުފުލައި، 5ޖީ އެންޓަނާތަކުގައި އަލިފާން ރޯކޮށް ގެއްލުން ދީފައިވެ އެވެ.

އިނގިރޭސިވިލާތުގައި މިދިޔަ އަހަރު 5ޖީ ނެޓްވޯކާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ދިސާރާއެއްގައި ބުނެފައިވާ ގޮތުގައި އެ ނެޓްވޯކަކީ އިންސާނުގެ ސިއްހަތަށް އޮތް ނުރައްކަލެއް ނޫނެވެ. އެ ދިރާސާ ހެދި އެ ގައުމުގެ މުވާސަލާތީ ހިދުމަތް ރެގިއުލޭޓްކުރާ ކުންފުނި އޮފްކޮމުން ބުނިގޮތުގައި ޖީ5 ނެޓްވޯކްގެ ރޭޑިއޭޝަން ލެވެލް ހުރީ އިންސާނުންގެ ސިއްހަތަށް ނުރައްކާވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ކުޑަކޮށް ކަމަށެވެ.

އެތަނުން ބުނި ގޮތުގައި އެ ނެޓްވޯކްގެ ރޭޝިއަން ލެވެލަށް އެކްސްޕޯޝާވާން އެންމެ މަތީ މިންވަރަކީ 0.039 ޕަސަންޓެވެ. އެހެންވެ އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ.

އިންޓަނޭޝަނަލް ކަމިޝަން އޮން ނޮން-އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން (އައިސީއެންއައިއާރްޕީ) އިން ވެސް ރިކަމަންޑްކުރާ މިންވަރަކީ ވެސް އެއީ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި ރޭޑިއޭޝަން ލެވެލް 0.039 ޕަސަންޓްގައި ހުރުމަކީ އިންސާނާގެ ޑީއެންއޭ އާއި ސެލްތަކަށް ވެސް ގެއްލުންވާނެ މިންވަރެއް ނޫނެވެ.