Roadha Mihaaru
ކޮންޓެއިނަރުތަކުން ހިތަދޫ ޕޯޓު ފުރާލައިފި

ކޮންޓެއިނަރުތަކުން ހިތަދޫ ޕޯޓު ފުރާލައިފި

20 ޖެނުއަރީ 2021

އެތައް އަހަރުތަކެއް ވަންދެން މަޑުޖެހިލައިފައި އޮތް އައްޑޫ ހިތަދޫ ވިޔަފާރި ބަނދަރަށް މިހާރު މަހެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ ކޮންޓެއިނަރު ބާލައި، ބަނދަރުގައި ކާގޯ މޫވްމަންޓް އެތައް ގުނައެއް އިތުރުވާން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެތައް އަހަރުތަކެއް ވަންދެން މަޑުޖެހިލައިފައި އޮތް އައްޑޫ ހިތަދޫ ވިޔަފާރި ބަނދަރަށް މިހާރު މަހެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ ކޮންޓެއިނަރު ބާލައި، ބަނދަރުގައި ކާގޯ މޫވްމަންޓް އެތައް ގުނައެއް އިތުރުވާން ފަށައިފި އެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މިިދިޔަ އަހަރުން ފެށިގެން ބަނދަރަށް ދާ ބޯޓުފަހަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށައިފައިވާ ކަމަށެވެ. އެގޮތުން ބީއެޗްއެމް އާއި ޔޫރޯ ސްޓޯރު ފަދަ ކުންފުނިތަކުގެ ގިނަ ޝިޕްމެންޓްތައް މާލޭގެ ވިޔަފާރި ބަނދަރަށް އައުމުގެ ބަދަލުގައި މިހާރު ދަނީ ހިތަދޫ ބަނދަރަށެވެ.

އިބްރާހިމް ވިދާޅުވީ، އެހާ ބޮޑަށް އެ ޕޯޓަށް ދާ ބޯޓުތައް އިތުރުވީ އަތޮޅު ޕޯޓުތަކަށް އެތެރެ ކުރާ މުދަލުން 50 ޕަސެންޓް ކުޑަކުރުމުންނެވެ. މި ބަދަލާ އެކު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ނުވަ ވަރަކަށް ކޮންޓެއިނަރު ބަނދަރަށް ބާލަ އެވެ.

ހިތަދޫ ޕޯޓަށް ގާތް ކޮށްފައި އޮތް ބޯޓެއް-- ފޮޓޯ: އެޗްޕީއެލް

ހިތަދޫ ޕޯޓަށް ގާތް ކޮށްފައި އޮތް ބޯޓެއް-- ފޮޓޯ: އެޗްޕީއެލް

ވޭތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި ހިތަދޫ ޕޯޓުގައި މާބޮޑު ވިޔަފާރީގެ މުއާމަލާތްތަކެއް ނުހިނގަ އެވެ. އޭރު އެހެން ގޮސް ހަދަނީ ޓްރާންސިޓް ބޯޓުތަކެވެ. އިބްރާހިމް ވިދާޅުވީ، ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު މިދިޔަ އަހަރުން ފެށިގެން ބަނދަރަށް ގާތްކުރާ ކުރާ މުދާ ބޯޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެކަމަކު ބޮޑު ގެއްލުމެއްގައި ހިންގަމުން އައި ކުންފުނީގެ ގެއްލުން މިދިޔަ އަހަރު ވަނީ ލައްކައެއްހާ ރުފިޔާ އަށް ކުޑަކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު މި ގޮތަށްދާ ނަމަ މާ ބޮޑަށް ވެސް ޕްރޮފިޓް މޭކް ކުރެވޭނެ. ބަނދަރުގެ ކާގޯ މޫވްމެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

ހިތަދޫ ޕޯޓަށް ގާތް ކޮށްފައި އޮތް ކޮންޓެިނާ ބޯޓެއް--ފޮޓޯ:އެޗްޕީއެލް

ހިތަދޫ ޕޯޓަށް ގާތް ކޮށްފައި އޮތް ކޮންޓެިނާ ބޯޓެއް--ފޮޓޯ:އެޗްޕީއެލް

ހިތަދޫ ބަނދަރު ހުޅުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖޭގައި ސާކް ސަމިޓް ބޭއްވި ދުވަސްވަރު އައްޑޫގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައި ވާތީ ބަނދަރުގެ ބޭނުން ވަރަށް ބޮޑަށް ކުރަން ފެށި އެވެ. ސާކް ސަމިޓްގެ ދުވަސްވަރަށް ފަހު އެ ބަނދަރު އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ވޭތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި އެ ބަނދަރަށް މަދުން ނަމަވެސް ގެންގޮސްފައި ވަނީ ރާއްޖެ އަށް އެތެރެ ކުރާ ވެހިކަލްތަކެވެ. އެގޮތަށް ވެހިކަލް ގެންދަނީ އެ ބަނދަރުން ކްލިއާ ކުރާ ވެހިކަލްގެ ޑިއުޓީ 30 ޕަސެންޓް ކުޑަވާތީ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން އިން އިންޑިޔާގެ ޓުޓިކޮރިން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި މިހާރު ގެންދަނީ ހިތަދޫ ބަނދަރަށެވެ. އެހެންވެ ކާބޯތަކެތި ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވެފައިވެ އެވެ. އޭގެ ތެރޭގައި ފިޔާ، އަލުވި އަދި ބިހާއި އެނާޖީ ޑްރިންގެ ބާވަތްތަކުގެ އިތުރުން ކެއުމަށް ބޭނުން ކުރާ އެހެން ބައެއް ބާވަތްތަކުގެ އަގުތައް ވެސް ވަނީ ހެޔޮވެފަ އެވެ.

ބަނދަރުގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ އެ ބަނދަރުގައި ގިނަ ދުވަސްވެ، އެންމެ ރަނގަޅަށް މެއިންޓެނެންސް ނުބެލެހެއްޓި ހުރި ވެހިކަލްތައް އާ ކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.