Roadha Mihaaru
އިމަޖެންސީ އޮތަސް، އިންތިޚާބު ބޭއްވޭ ބިލް ތަސްދީގު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް، އިންތިޚާބު ބޭއްވޭ ބިލް ތަސްދީގު ކުރައްވައިފި

21 ޖެނުއަރީ 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން މިދިިޔަ އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިޚާބު ޚާއްސަ ގާނޫނެއްގެ ދަށުން އެއް އަހަރަށް އޮތީ ފަސްކޮށްފަ އެވެ. އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހެ އެވެ.

އެހެން ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭތީ އިންތިޚާބު ލަސްވާ މައްސަލައަށް ހައްލެއް ގެންނަން އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.

އެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވައި، ގާނޫނަކަށް ވުމާ އެކު އިންތިޚާބުގެ ކަންކަން އިންތިޒާމުތައް ހަތް ދުވަސް ތެރޭގައި ފަށަން ޖެހޭނެ އެވެ. އެހެން ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށް ނުބޭއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަން ވެސް އެ އިސްލާހު ލާޒިމް ކުރެ އެވެ.