Roadha Mihaaru
ވަގުތީ ކައުންސިލްގެ ބާރު ހަނިކުރާ ބިލް ތަސްދީގުކޮށްފި

ވަގުުތީ ގޮތުން ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ބާރުތައް ހަނިކުރާ ބިލް ތަސްދީގު ކުރައްވައިފި

02 ޖޫން 2020

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު މިއަދު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު މިއަދު ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރިއިރު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު މާދަމާ ހަމަވާނެ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބިި ކައުންސިލް މެމްބަރުން މަގާމުގައި ދެމިތިބޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ރޭ މެންދަމު ފާސްކުރި ބިލް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު އެ އިސްލާހު އޮތްގޮތުން ވަގުތީ ގޮތުން ކައުންސިލް މެމްބަރުން ދެމިތިބޭ މުއްދަތުގައި ބާރުތައް ބޭނުން ކުރުމާ ބެހޭ ވަކި ގާނޫނެއް ފާސްކުރަން ޖެހޭނެ އެވެ.

އެހެންވެ، އެކަމަށްޓަކައި މަޖިިލީހުން ރޭ ފާސްކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލް 2020 މިއަދު ރައީސް ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ ބިލް މިއަދު ގާނޫނަކަށް ވުމާ އެކު، މާދަމާއިން ފެށިގެން ބައެއް ބާރުތައް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަށް ފަހު އެވެ. އަދި މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވައިލުމަށް ފަހު، ހަތް ދުވަހުގެ ތެރޭގައި އާ ބޯޑެއް ރައީސް އައްޔަން ކުރަން ވެސް އެ ގާނޫނު ލާޒިމްކުރެ އެވެ.

ގާނޫނު ބުނާގޮތުން މާދަމާ އިން ފެށިގެން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާންމު ޚިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

މީގެ އިތުރުން، ގާނޫނީ އަދަދު ހަމަނުވާ ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ ގޮތުގެ އުސޫލުތައް އެލްޖީއޭއިން އެކުލަވާލަން ޖެހޭއިރު، މަގާމެއް ހުސްވިޔަސް، ވަގުތީ ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރުން ވެސް އެ ގާނޫނުގެ ދަށުން މަނާ ކުރެ އެވެ.

ފުރަތަމަ ފަހަރަށް މެންދަމުގެ ވަގުތެއްގައި ބޭއްވި މަޖިލީހުގެ ރޭގެ ޖަލްސާގައި އެ ދެ ބިލް ފާސް ކުރިއިރު، ކައުންސިލް މެމްބަރުންގެ ދައުރު އިތުރުކުރުމާ ޚިޔާލު ތަފާތުވުން ބޮޑުވެ، ސުޕްރީމް ކޯޓުގެ ލަފައަކަށް ވެސް މަޖިިލީހުން އެދެން ޖެހުނެވެ. ސުޕްރީމް ކޯޓުން އެކަމުގައި ލަފާ ދިނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް، އެކަމަށް ހައްލު ނުހޯދޭނެ ކަމަށެވެ.