Roadha Mihaaru
ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް

މި ވަގުތަށް ބަލާއިރު ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް

22 ޖެނުއަރީ 2021

މި ސީޒަނަށް ޓީމު އެކުލަވާލާފައިވާގޮތާއި މި ވަގުތު އޮތް ފޯމަށް ބަލާއިރު ގްރީން ސްޓްރީޓްސް އޮތީ ޓީސީ އަށް ވުރެ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ސީޒަނަށް ޓީމު އެކުލަވާލާފައިވާގޮތާއި މި ވަގުތު އޮތް ފޯމަށް ބަލާއިރު ގްރީން ސްޓްރީޓްސް އޮތީ ޓީސީ އަށް ވުރެ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ޝާޒް ބުނީ ގްރީން ސްޓްރީޓްސް އަކީ ލީގު ހޯދަން އެންމެ ފުރަތަމަ ވެސް ޓީމު ހެދި ބައެއް ކަމަށެވެ. މިހާތަނަށް އައިއިރު ގްރީން ސްޓްރީޓްސް އޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު، ގްރީން ސްޓްރީޓްސް ބަލިނުވެ ރަނގަޅަށް ޕާފޯމްކުރުމަކީ ވެސް ޓީސީ އަށް ވުރެ މި ވަގުތު ގްރީން ސްޓްރީޓްސްގެ ހާލަތު ރަނގަޅުކަމަށް ދެކެވޭނެ ސަބަބެއް ކަމަށް ޝާޒް ދެކެ އެވެ. .

"ގްރީން އެ ހުރީ މޯޓިވޭޓްވެފައި. މާޒިޔާ އާއި ވެލެންސިއާ ދެކޮޅަށް ތައްޔާރުވި ގޮތަށް ތައްޔާރުވެގެން ނޫނީ ޓީސީ އަށް އުނދަގޫވާނެ މި މެޗު. ގްރީންގެ މުޅި ސްކޮޑަށް ބަލާނަމަ ގްރީން ވަރުގަދަވާނެ. ޗޭންޖާއި ހުރިހާ ކަމަކަށް ބަލާއިރު. ޓޭބަލްގައި ވެސް ކުރީގައި. މާޒިޔާ އާއި ވެލެންސިއާ އާއި ގާތްގަނޑަކަށް އެއް ހަަމައެއްގައި ރޭޓްކުރެވިދާނެ ގްރީން. މި ބުނީ މުބާރާތައް ތައްޔާރުވިއިރު އެ މީހުން ހޯދި ކުޅުންތެރިންނާއި އެކަންކަމަށް ބަލާއިރު ގްރީން އަކީ ލީގަށް ފައިޓްކުރަން ނުކުތް ބައެއް،" ޝާޒް ބުންޏެވެ.

ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު ޝާޒް ބުނީ ޓީމަކަށް ކާމިޔާބެއް ލިބެނީ ވަރަށް ގިނަ ކަންކަން ފުރިހަމަވެގެން ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ކޯޗުގެ ރޯލު ކަމަށެވެ. މި ވަގުތު ޓީސީގައި އޮތް ސްކޮޑަށް ބަލާއިރު މިއީ ކޯޗިން ކެރިއަރުގައި އެންމެ ހިތްހަމަޖެހޭ އެއް ސްކޮޑޭ ބުނެވިދާނެ ކަމަށް ޝާޒް ބުންޏެވެ.

"ޓީސީގެ ކުޅުމާއި ޕާފޯމްކުރާ ލެވަލާ ދެމެދު ހިތްހަމަޖެހޭ. އެކަމަކު އެކްސްޕެކްޓޭޝަން އަމިއްލަ އަށް ޖަޖްކުރާއިރު މި އުޅެނީ އެހެން ހިސާބެއްގައި. އެ ހިސާބަށްނުދެވޭތީވެ ހިތްހަމަނުޖެހުން އެބައިން. މުޅި އޯވަރޯލް ކުޅުމާ މެދު ހިތްހަމަޖެހޭ. މެޗަކަށް ފަހު މެޗެއް ރަނގަޅުވެ ވާދަކުރެވޭވަރު ވެސް އެބަ ރަނގަޅުވޭ. އެ ކަމަށް ކުޅުންތެރިންނަށް ވަރަށް ކްރެޑިޓް ދެން،" ޝާޒް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ އެ ޓީމު ނުކުތީ ޓީސީ އެކޭ އެއްގޮތަށް ގަދަ ހަތަރަކަށް ޓާގެޓްކޮށްގެން ކަމަށެވެ. ނަތީޖާތަކަށް ބަލާއިރު ޓީސީ ވެސް ގޯހެއް ނޫން ކަމަށާއި އެ ޓީމުން ވެލެންސިއާއާ އެއްވަަރުކުރުމަކީ އޭގެ ހެއްކެއް ކަމަށް ނިސްތާރު ދެކެ އެވެ.

ނިސްތާރު ބުނީ ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ބަލިނުވެ އަދި އެންމެ ފަހުން އީގަލްސް އަތުން ރަނގަޅު މޮޅެއް ލިބިފައި އޮތުމަކީ ޓީސީއާ ދެކޮޅަށް ނުކުންްނަައިރު ހިތްހަމަޖެހުމެއް ކަމަށެވެ.

"ކޮންފިޑެންސް ލެވަލް ވަރަށް ރަނގަޅަށް މީނީ،" ނިސްތާރު ބުންޏެވެ.

ނިސްތާރު ވަނީ ކޯޗިން ކެރިއަރުގައި ޝާޒްއާ އެކު މަސައްކަތްކޮށްފަ އެވެ. ނިސްތާރު ބުނީ ޝާޒް އަކީ އޭނާ އަށް ކޯޗިން ކިޔަވައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކޯޗެއް ކަމަށެވެ.

"ޝާޒް ވަރަށް ބޮޑަށް މަސައްކަތްކުރާނެ އަޅުގަނޑު ރީޑްކުރަން. އެ ގޮތަށް އަޅުގަނޑު ވެސް. އަޅުގަނޑަކަށް ނޭނގެ މިހާރު ޝާޒް ކުޅޭނެ ގޮތެއް. ހީވަނީ ޕެކްކޮށްފައި ކައުންޓާ އަށް ވިސްނައިފާނެހެން. އެކަމަކު މާޒިޔާ މެޗުގައި ވަރަށް އޯޕަންކޮށް ޓީސީ ނުކުތީ. އެހެންވީމަ މި މެޗަށް ބަދަލުކޮށްލާނެ ގޮތެއް ނޭނގެ ބުނަން. އަޅުގަނޑަށް ޝާޒް ކައިރިން ފެނުނު އެއްޗަކީ ވަރަށް އަވަހަށް ޓީމު ކުޅޭގޮތް ބަދަލުކޮށްލާކަން،" ނިސްތާރު ބުންޏެވެ.

ދެ ޓީމު ވެސް މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު ގްރީން ސްޓްރީޓްސް ފަސް ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ޓީސީ ހަ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ނިސްތާރު ބުނީ މިއީ ފުރަތަމަ ބުރުގެ ފަހު މެޗު ކަމަށްވެފައި ޓީސީ މޮޅުވެއްޖެނަމަ ގްރީން ސްޓްރީޓްސް އަށް ވުރެ މައްޗަށް އެރުމުގެ ފުރުސަތު ވެސް އޮތުމުން ދެކެނީ މިއީ ފައިނަލެއްގެ ގޮތުގައި ކަމަށެވެ.

ލީގުގައި ގްރީން ސްޓްރީޓްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.