Roadha Mihaaru
ޔޫވީ އަތުން ގްރީން ސްޓްރީޓްސް އަށް މުހިއްމު މޮޅެއް

ޔޫވީ އަތުން ގްރީން ސްޓްރީޓްސް އަށް މުހިއްމު މޮޅެއް

27 މާޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ކޮވިޑް ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މިދިޔަ މަހު ތިން ވަނަ ދުވަހު މެދުކަނޑާލި ދިވެހި ޕްރިމިއާ ލީގުގައި ކުޅުން މިއަދު ހަވީރު ފެށީ ފަންސާސް ދުވަހުގެ ބްރޭކަކަށް ފަހު އެވެ. ހަވީރު ކުޅުނު މެޗުން އީގަލްސް ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-1 އިން މޮޅުވެ، ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

މިރޭގެ މެޗަށް ގްރީން ސްޓްރީޓްސް ނުކުތްއިރު އީގަލްސް ވަނީ އެ ޓީމާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު ޔުނައިޓެޑް ވިކްޓްރީ އަތުން ގްރީން ސްޓްރީޓްސް މޮޅުވުމުން އެ ޓީމަށް ވަނީ ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ނުވަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ނުވަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އީގަލްސް ފަސް ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓާ އެކު އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް މި މެޗަށް އައީ ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ޕޮއިންޓު ތާވަލު އޮތްގޮތަށް ބަލާއިރު މިއީ ގްރީން ސްޓްރީޓްސް އަށް ރަނގަޅު މޮޅެއްކަން ނިސްތާރު ފާހަގަކުރި އެވެ.

"ގްރީންގެ ހުރިހާ ޕްލޭޔަރުންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ޖޮބް ޑަންއޭ ހަމަ. އަޅުގަނޑުމެން މި ބްރޭކްގައި މަސައްކަތްކުރީ ކުރިން ކޮށްފައި ހުރި މަސައްކަތް މެއިންޓެއިން ކުރެވޭތޯ މި ވަގުތު މާ ގޮތްތަކެއް ނުހަދާ. އެއީ (ލީގު ފަށަން) ހުއްދަ ލިބޭނެތޯ ނުލިބޭނެތޯ ވެސް ޔަގީންކަމެއް ނެތް. އެހެންވެ މެއިންޓެއިން އެއް ކުރީ ޓެކްޓިކަލީ ވެސް ފިޒިކަލީ ވެސް،" ނިސްތާރު ބުންޏެވެ.

މެޗުގެ ފުރަތަމަ އެގާރަ އަށް ބަލާއިރު ގްރީން ސްޓްރީޓްސް އިން ވަނީ އެންމެ ފަހުން ނިމުނު ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރިއިރު، އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މާ ރަނގަޅު ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. މި ހާފުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. އޭރިއާތެެރެއިން ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އަންކޮ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީ ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ހާފް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން މި ހާފްގެ ކުރީކޮޅުގައި އެ ޓީމުން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާބޭރުން ހަސަން ނަޒީމް ގާސިމް (ޗޯޓު) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން މަހުމޫދު ސައީދު ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ނާޖިހު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ ފަަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ގްރީން ސްޓްރީޓްސް އިން މެޗުގެ ހަމައެކަނި ގޯލު ޖެހީ 59 ވަނަ މިނިޓްގަ އެވެ. މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ހުސްކޮށްލާފައި ދިން ބޯޅަ ގޯލު ކުރިމަތީގައި މުޅިން ހުސްކޮށް ހުރި ޗޯޓު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ލީޑުފުޅާކުރަން ގްރީން ސްޓްރީޓްސްގެ އަލީ ޝާމިއު (މައިތޯ) އަށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނަތީޖާ ހަމަހަމަކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީން ފަހުން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އިސްމާއިލް އީސާ (މެސީ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) ކުޅެން އަރުވައިފަ އެވެ. އެހެން ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.

ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ޔުނައިޓެޑް ވިކްޓްރީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ޓީމު ލީގުގެ އެންމެ ފުލުގައި އޮތީ މެޗަކުން މޮޅެއް ނުލިބި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗަކުން މޮޅެއް ނުލިބި މި ގޮތަށް ދާތީ އޭގެ އަސަރު ކުޅުންތެރިންނަށް އެކި ގޮތްގޮތުން ކުރާނެ ކަމަށާއި މީގެ ކިރިޔާ ވެސް ހައްލެއް ލިބެން އޮތީ މޮޅެއް ލިބޭ ހިސާބުން ކަމަށެވެ.

"އުއްމީދުކުރި ވަރުގެ ކުޅުމެއް ނުދެއްކުނު. އޭގެ ތެރޭގައި އެއް ސަބަބެއް ޓީމުގެ އެގާރައިގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ބަކާ އާއި އާދިލް ނެތުން. އެ ދެ ކުޅުންތެރިން ނެތްތަން ފޫބައްދަން އުނދަގޫވި،" ސާންތީ ބުންޏެވެ.

"އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަނީ ޔޫވީގެ މި ޓީމަކީ މި ނަތީޖާގައި އޮންނަން ޖެހޭ ޓީމެއް ނޫން. ދެން މީގެ މި އުޅޭ ކަމެއް އަޅުގަނޑަކަށް ވެސް ނޭނގެ މޮޅެއް ނުވާހާ ހިނދަކު މި ކަހަލަ ގޮތަކަށް ދާނީ. މިއީ ކުޅުންތެރިން ވެސް އޮންނަން ބޭނުންވާ ހިސާބެއް ނޫން. ކުޅުންތެރިން ވެސް ވަރަށް މަސައްކަތްކުރޭ،"

ސާންތީ ބުނީ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ވިކްޓްރީން އާ ކުޅުންތެރިން ގެނެސްގެން ކަންތައްތަކެއް ކުރަން ނުވިސްނީ ގޮތްނޭނގޭ ޕްލޭޔަރުންތަކެއް މި ހާލަތުގައި ސޮއިކޮށްގެން އިތުރު ރިސްކެއް ނަގަން ބޭނުންނުވާތީ އާއި މާލީގޮތުން ވިސްނަން ޖެހޭ ބައެއް ކަހަލަ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ހަވީރު އީގަލްސް ކުޅޭނީ ދަ ގްރާންޑޭއާ އެވެ. އަދި އެރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.