Roadha Mihaaru
ޕަރިނީތީ އަކީ "އެނިމަލް" ގައި ރަންބީރްގެ އަންހެނުން

ޕަރިނީތީ އަކީ "އެނިމަލް" ގައި ރަންބީރްގެ އަންހެނުން

23 ޖެނުއަރީ 2021

މި މަހުގެ ކުރީކޮޅު އިއުލާންކުރި ރަންބީރްގެ ކަޕޫރްގެ އާ ފިލްމު "އެނިމަލް" ގައި ޕަރިނީތީ ޗޯޕްރާ ކުޅޭނީ ރަންބީރްގެ އަންހެނުންގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު އިއުލާންކުރި ރަންބީރްގެ ކަޕޫރްގެ އާ ފިލްމު "އެނިމަލް" ގައި ޕަރިނީތީ ޗޯޕްރާ ކުޅޭނީ ރަންބީރްގެ އަންހެނުންގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެހާސް ނަވާރައިގައި ޝާހިދު ކަޕޫރާ އެކު "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ދެވަނަ ހިންދީ ފިލްމަކީ ރަންބީރާއި ޕަރިނީތީ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. އެގޮތުން "އެނިމަލް" ގައި ދެ ތަރިން ދެމަފިރިންގެ ރޯލުން ފެނިގެންދާ އިރު، ދެ މީހުންގެ ކެރެކްޓާ ވެސް ވަރަށް ތަފާތުވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ރަންބީރް ކުރިން ވަނީ ޕަރިނީތީގެ ދެބެއިންގެ ދެ ދަރި ޕްރިޔަންކާ ޗޯޕްރާއާ އެކު ދެ ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ "އަންޖާނާ އަންޖާނީ" އާއި "ބަރްފީ" ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އެނިމަލް" ގެ ރޯލަކުން ރަންބީރާ އެކު މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ކާމިޔާބު ފިލްމު "ބުލްބުލް" ގެ ބަތަލާ ތުރިޕްތީ ދިމްރީ ވެސް ފެންނާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

"އެނިމަލް" ގައި ފިލްމުގައި ރަންބީރްގެ ބައްޕަގެ ރޯލް ކުޅޭނީ އަނިލް ކަޕޫރެވެ. "އެނިމަލް" ގައި އޭނާ ކުޅޭނީ ވަރަށް ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ރޯލެވެ. ބޮބީ ޑިއޯލް އަކީ ފިލްމުގެ ވިލަން އެވެ.

ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ "އެނިމަލް" އަކީ ރަންބީރް މިހާތަނަށް ކުޅޭ އެންމެ ތަފާތު ފިލްމަށް ވާނެ އެވެ. މިއީ ޑާކް ތުރިލާއެކެވެ. ފިލްމަށް "އެނިމަލް" ގެ ނަން ދީފައި ވަނީ އޭނާ ކުޅޭ ކެރެކްޓާ ޖަނަވާރެއްގެ އުސޫލުތަކާ އެއްގޮތްވާތީ ކަމަށް މީޑިއާތަކުން ބުނެ އެވެ.