Roadha Mihaaru
ބައިޑެންގެ ރޮލެކްސް ގަޑި ބަހުސަކަށް ވެއްޖެ

ބައިޑެންގެ ރޮލެކްސް ގަޑި ބަހުސަކަށް ވެއްޖެ

24 ޖެނުއަރީ 2021

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައިސްކަމާ ހަވާލުވެވަޑައިގަތް ޖޯ ބައިޑެންގެ އަތުކުރީ ގަޑިއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި މާ ގަދައަކަށް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައިސްކަމާ ހަވާލުވެވަޑައިގަތް ޖޯ ބައިޑެންގެ އަތުކުރީ ގަޑިއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި މާ ގަދައަކަށް ދެކެވެން ފަށައިފި އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިޑެން އަޅުއްވައިގެން ހުންނެވި ގަޑީގެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް އައީ އޭގެ ބޮޑު އަގާ ގުޅުވައިގެންނެވެ. އެ ގަޑި އަކީ 7،000 ޑޮލަރު (107,870ރ.) ކަމަށް ބުނެ ބައެއް މީހުން އެ ވާހަކަ ޓްވިޓާގައި ދައްކާފައިވެ އެވެ.

އެމެރިކާގެ ރައީސްކަން މި ފަހުން ކުރެއްވި އެހެން ރައީސުން ވެސް އަގު ބޮޑު ގަޑި އަޅުއްވާފައިވެ އެވެ. އޭގެ ތެރޭގައި ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު ބުޝްގެ އިތުރުން ބިލް ކްލިންޓަން ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު ބައެއް މީހުން ބުނެފައި ވަނީ އެ ބޭފުޅުން އެޅުއްވި ގަޑިތަކާ އަޅާބަލާ އިރު، ބައިޑެންގެ ގަޑިއަކީ މާ އަގު ބޮޑު ގަޑިއެއް ކަމަށެވެ.

"މިކަމުން ދައްކުވައި ދެނީ ބައިޑެންގެ ވެރިކަމުގެ ދައުރުގައި ވެސް އޭނާ އަކީ ވަރަށް ހަރަދު ބޮޑު ބޭފުޅަކަށް ވާނެކަން،" ޓްވިޓާގައި މީހަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައީ ބޮޑެތި ހަމަނުޖެނުންތަކެއްގެ ތެރެއިން ބޮޑެތި މާލީ ގެއްލުންތަކެއް ވެސް ދީފައި ވަނިކޮށެވެ. އަނެއްކޮޅުން ވެރިކަމަށް އަލަށް ވަޑައިގެންނެވީ ވެސް އަގުބޮޑު ރޮލެކްސް ގަޑި އަޅުއްވާ ބޭފުޅަކަށް ވާތީ ރައްޔިތުން ކަންބޮޑުވާނެ ކަމަށް ބުންޏެެވެ.

އެހެން ޓްވީޓެއްގައި މީހަކު ބުނެފައި ވަނީ ބައިޑެން އަކީ ދައުލަތަށް ހިދުމަތް ކުރުމުގައި ބައި ގަރުނުވެފައިވާ ބޭފުޅެއް ކަމަށާއި އޭނާ އަށް އަމިއްލަ ފައިސާ އިން ރޮލެކްސް ގަޑިއެއް ގަތުމަކީ އަޖައިބެއް ނޫން ކަމަށެވެ.

"ރޮލެކްސް ކަހަލަ އަގު ބޮޑު ބްރޭންޑެއްގެ ގަޑިއެއް ބައިޑެން ހަޔާތުގެ މި ހިސާބުގައި އޭނާ އަށް ނުގަނެވޭނެ ނަމަ މާނަ އަކީ އާމްދަނީ މެނޭޖްކުރަން އެނގިވަޑައިނުގަންނަވާ ބޭފުޅެކޭ،" ޓްވީޓެއްގައި މީހަކު ބުންޏެވެ. "އެހެންވީމަ ރީތި އަގުބޮޑު ގަޑިއެއް ބައިޑެން އެޅުއްވުމަކީ ޝޮކަކަށްވާކަށް ނުޖެހޭ. އެ ވަރުގެ ގަޑިއެއް ބައިޑެން އަށް ހޯދޭނެ."

ރިޕޯޓްތައް ބުނާ ގޮތުން ބައިޑެން، 78، ގެ ގަޑި ކަލެކްޝަންގައި އޮމެގާ ސްޕީޑްމާސްޓާ މޫންވޮޗް ޕްރޮފެޝަނަލް ގަޑިއަކާއި އޮމެގާ ސީމާސްޓާ ޑްރައިވް 300 އެމްގެ ގަޑިއެއް ވެސް ހިމެނެ އެވެ. އެ ގަޑިތަކުގެ އަގު އުޅެނީ 5،000-6،000 ޑޮލަރާ ދެމެދުގަ އެވެ.