Roadha Mihaaru
ބައިޑެންގެ ސިޓީ: ވަޒީފާއަށް ވުރެ އިސްވާނީ އާއިލާ!

ބައިޑެންގެ ސިޓީ: ވަޒީފާއާ ހެދި އާއިލީ ގުޅުން ކުޑަވުން ގަބޫލެއް ނުކުރާނަން

13 ނޮވެމްބަރ 2020

އެމެރިކާގެ ރައީސްކަމަށް އިންތިހާބުވަޑައިގެންފައިވާ ޖޯ ބައިޑަން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު މުވައްޒަފުންތަކަކަށް ފޮނުއްވި ސިޓީއެއް އަލުން ތިލަވެ، އޭގައި ދައްކަވާފައި ހުރި ވާހަކަތަކާ ގުޅިގެން ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސްކަމަށް އިންތިހާބުވަޑައިގެންފައިވާ ޖޯ ބައިޑަން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު މުވައްޒަފުންތަކަކަށް ފޮނުއްވި ސިޓީއެއް އަލުން ތިލަވެ، އޭގައި ދައްކަވާފައި ހުރި ވާހަކަތަކާ ގުޅިގެން ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.

ރައްޔިތުންނަށް ވަރަށް ހެޔޮ ރައީސެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބައިޑަންގެ އެ ސިޓީ އަކީ މީގެ ހަ އަހަރު ކުރިން ނޮވެމްބަރު 7، 2014 ގައި ލިޔުއްވާފައި ސިޓީއެކެވެ. ކުރު ސިޓީ ބައިޑެން "މައި ވޮންޑަންފުލް ސްޓާފް" ގެ ނަމުގައި އެޑްރެސްކޮށް ލިޔުއްވާފައިވާ ގޮތުގައި މަސައްކަތްތަކާ ހެދި އާއިލީ ހަފުލާތަކުން މުވައްޒަފުން މަހުރޫވުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.

"އާއިލާގެ މީހަކު ބަލިވުން ނުވަތަ މަރުވުން ފަދަ ކަންކަމާ އެެއްގޮތަށް މުވައްޒަފުންގެ އުފަން ދުވަހާއި ކައިވެނީގެ ހަފުލާތަކާއި އެނަވާސަރީތަކާއި ދީނީ ކަންކަން ފާހަގަކުރަން ބާއްވާ ކަންކަމަކީ މުވައްޒަފުންނަށް އާއިލާތަކާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބެން ޖެހޭނެ ކަންކަން،" ބައިޑަން ވިދާޅުވެފައިވެ އެވެ. "އަދި އަހަންނަކީ ވެސް އެ ބާވަތުގެ ކަންކަން ވަރަށް ހާއްސަ ކަންކަމުގެ ގޮތުގައި ދެކޭ މީހެއް. އެހެންވީމާ މުވައްޒަފުން މާޔޫސްވާނެ ގޮތަކަށް މަސައްކަތުގެ އެއްވެސް ކަމެއް ބައްޓަންކުރާކަށް ބޭނުމެއް ނޫން."

އޭނާ ވިދާވެފައިވާ ގޮތުގައި އެ އުސޫލަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު ވެސް ހިފަހެއްޓެވި އުސޫލެކެވެ.

"ތިޔަ ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސިޓީ ނިންމަވާލައްވަމުން ބައިޑަން ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް ބައިޑަން ހޮވިވަޑައިގެންފައިވާތީ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސިޓީގައި ވިދާޅުވެފައި ހުރި ވާހަކަތައް ދެން އޮތީ އަމަލީ މައިދާން ފެނުމުގެ ދުވަސްތަކެއް ކަމަށް ބުނެ، އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ސިޓީގެ ކޮޕީއާ ވެސް އެކު ޓްވިޓާގައި ބައެއް މީހުން ވަނީ ބައިޑަންގެ ވެރިކަމުގައި ރައްޔިތުންނަށް ހިނިތުވުން ގެނެސްދޭނެ ކަމަށް އުންމީދު ބޮޑު ކަމަށާއި ސިޓީގައި ހުރި ވާހަކަތަކުން އެކަން ތަސައްވުރުކޮށްދޭ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ތާރީހުގައި ރިއާސީ އިންތިހާބު ކާމިޔާބުކުރެއްވި އުމުރުން އެންމެ ދުވަސްވީ ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ ބައިޑަން، 77، ގެ ހަޔާތުގައި ވަރަށް ހިތްދަތި ދުވަސްތަކެއް މާޒީވެގެން ގޮސްފައިވެ އެވެ. އެންވެ އާއިލާ ގުޅުންތަކާއި އާއިލީ ޒިންމާތަކުގެ އަގު އޭނާ އަށް ވަރަށް ބޮޑަށް ވަޒަންކުރެއްވެ އެވެ.

އަލަތު އަނިބަކަނބަލުން ނީލިއާ ހަންޓާ އާއި 13 މަހުގެ ދަރިކަނބަލުން ނިއޯމީ، ބައިޑަން އަށް ގެއްލިވަޑައިގަތީ ކާރު އެކްސިޑެންޓެއްގައި އެ މީހުން 1972 މަރުވުމުންނެވެ. އޭގެ އަހަރުތަކެއް ފަހުން 2015 ގައި ދަރިކަލުން ޖޯސެފް (ބިއު) ބައިޑެން 3 އަވަހާރަވީ ކެންސަރު ބަލީގަ އެވެ.

ބައިޑަންގެ މިހާރުގެ އަނބިކަނބަލުންނަކީ 1977 ގައި ކައިވެނި ބައްލަވައިގަތް ޖިލް ޖެކޮބްސް، 69، އެވެ. ޖޯ އަށް ޖުމްލަ ހަތަރު ދަރިން ލިބިވަޑައިގަތް އިރު، ދުނިޔޭގައި މިހާރު ތިއްބެވީ ހަންޓާ ބައިޑަން، 50، އާއި އޭޝްލީ ބައިޑަން، 39، އެވެ. އޭޝްލީގެ މަންމާފުޅަކީ އެމެރިކާގެ އާ ފަސްޓްލޭޑީ އެވެ.