Roadha Mihaaru
ހުޅުމާލޭ ސްކޫލު ކޮލިޓޭޓަށް ދިނީ 15 އަހަރަށް

ހުޅުމާލޭ ސްކޫލު ކޮލިޓޭޓަށް ދިނީ 15 އަހަރަށް

07 ނޮވެމްބަރ 2016

ލާލޭ ސްކޫލު ކުރިން ހިންގި ފަރީދިއްޔާ ސްކޫލްގެ އިމާރާތް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނަށް ސަރުކާރުން ދިނީ 15 އަހަރަށް ކަން އެނގިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލާލޭ ސްކޫލު ކުރިން ހިންގި ފަރީދިއްޔާ ސްކޫލްގެ އިމާރާތް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނަށް ސަރުކާރުން ދިނީ 15 އަހަރަށް ކަން އެނގިއްޖެ އެވެ.

މި ސްކޫލު ހިންގުމަށް 15 އަހަރަށް ކޮލިޓޭޓަށް ދިން ނަމަވެސް، އެއްބަސްވުމުގައިވާ ގޮތުން 12 ވަނަ އަހަރު އެ ކުންފުނިން ހުޅުމާލޭގައި އާ ސްކޫލެއް އަޅަން ޖެހެ އެވެ.

ސަރުކާރުން ހިންގަމުން އައި ފަރީދިއްޔާ ސްކޫލު، މީގެ އަށް އަހަރު ކުރިން ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލަށް ވެސް ދިނީ ހުޅުމާލޭގައި އެހެން ސްކޫލެއް އިމާރާތް ކުރާ ގޮތަށެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އާ ކުރިއިރު ވެސް ލާލޭ ހިންގަމުން އައި ބިޒް އެޓޯލް އިން އެހެން ސްކޫލެއް އަޅާފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް އެޑްރެސްކޮށް ގޭޓްވޭ ކޮލެޖުން ފޮނުވި ސިޓީއެއްގެ ކޮޕީ "މިހާރު" އަށް ލިބިފައި ވާއިރު، އެ ސިޓީގައި ބުނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ސްކޫލު ހިންގަން ކޮލިޓޭޓާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ ތަން ހިންގާނީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ކަމަށް ވެސް އެ ކޮލެޖުން ބުނެފައިވެ އެވެ.

ކޮލިޓޭޓުން ކުރިން ބުނެފައިވާ ގޮތުގައި އާ ސްކޫލުގެ ކިޔެވުން އަންނަ އަހަރުގެ ދިރާސީ އަހަރާ އެކު ފަށާނެ އެވެ. އަދި ފުރަތަމަ ދެ އަހަރު، ދަރިވަރުންގެ އަތުން ނަގާނީ މިހާރު ވެސް ނަގަމުން އަންނަ ފީ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ކޮލިޓޭޓް އެޑިއުކޭޝަނުން ހުށަހެޅި ބިޑުގައިވާ ގޮތުން އެ ތަނުން ހިންގާ ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އަތުން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 2،833ރ. އެވެ. އަދި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީގެ ގޮތުގައި 3،076ރ. ކަނޑައަޅާފައިވާއިރު، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފީއަކީ 4،047ރ. އެވެ.

ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލުންނެވެ. ދެވަނަ އަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.

އެކަމަކު ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ.