Roadha Mihaaru
އޭސީސީން ބަލަނީ ލާލޭގެ ބެލެނިވެރިން ހުށަހެޅި މައްސަލަ

އޭސީސީން ބަލަމުން ދަނީ ލާލޭގެ ބެލެނިވެރިން ހުށަހެޅި މައްސަލައެއް

09 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތް އެހެން ބަޔަކަށް ދިނުން ފަސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެއް، ލާލޭގެ ބެލެނިވެރިން ހުށަހެޅުމުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތް އެހެން ބަޔަކަށް ދިނުން ފަސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގީ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައެއް، ލާލޭގެ ބެލެނިވެރިން ހުށަހެޅުމުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ފަރީދިއްޔާ ސްކޫލުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހުޅުވާލި ބިޑު ކާމިޔާބު ކޮށްފައިވަނީ ކޮލިޓޭޓް އެޑިއުކޭޝަން ކިޔާ ކުންފުންޏަކުންނެވެ. އަދި ސްރީ ލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި އަންނަ އަހަރު އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ނިންމާފައިވާ ކަމަށް ކޮލިޓޭޓުން ވަނީ އިއުލާނުކޮށްފަ އެވެ.

އެކަމަކު އެ ކުންފުންޏާ ސްކޫލު ހަވާލުކުރުން ފަސްކުރުމަށް އޭސީސީން އެންގީ، ސްކޫލު ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވަން ތައްޔާރުވެފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ގޮތުގައި އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފެށީ ސްކޫލުގެ ބިޑު ކޮލިޓޭޓް އެޑިއުކޭޝަނަށް ކާމިޔާބު ވުމާއި ބިޑިން ޕްރޮސެސް ދިޔަ ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ ލާލޭގެ ބެލެނިވެރިން މައްސަލަ ހުށަހެޅުމުންނެވެ.

ކޮލިޓޭޓް އެޑިއުކޭޝަނުންގެ ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަނބިން ވެސް ހިމެނެ އެވެ. އެކަމަކު ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އަދި އެ މީހުންގެ އަނބިންނަށް، ބޭރު މީހުންނާ ގުޅިގެން އެއްވެސް ވިޔަފާރިއެއް ނުކުރެވޭނެ އެވެ.

ލުތުފީ ވިދާޅުވީ މައްސަލަ ތަހުގީގު ކުރާއިރު، ކޮލިޓޭޓުން ގާނޫނާ ގަވައިދުތަކާ ހިލާފުވޭތޯ ބަލާނެ ކަމަށާއި ފަނޑިޔާރުންގެ އަނބިން، ބޭރު މީހުންނާ ގުޅިގެން ވިޔަފާރި ކުރާ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

"މައްސަލަ ހުށަހެޅި ބެލެނިވެރިން ބުނި އެ ކުންފުނި (ކޮލިޓޭޓް)އަކީ ރަޖިސްޓްރީ ނުކުރާ ކުންފުންޏެކޭ ވެސް. އެކަމަކު އަޅުގަނޑު ވަގުތުން އެކަން ޗެކުކޮށް، ބެލެނިވެރިންނަށް އެންގިން އެއީ މި އަހަރުގެ ޖޫން މަހު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް،" ލުތުފީ ވިދާޅުވި އެވެ.

އެކަމަކު އެ ކުންފުނި އުފައްދާފައިވަނީ ބިޑު ހުޅުވާލިތާ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ފަރީދިއްޔާ ސްކޫލުގައި މީގެ އަށް އަހަރު ކުރިއްސުރެ ހިންގަމުން އައި ލާލޭ ސްކޫލުގެ މެނޭޖްމެންޓަށް ވެސް އޭސީސީން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ލުތުފީ ވިދާޅުވީ ފަރީދިއްޔާ ސްކޫލުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެޑިއުކޭޝަނުން ލާލޭ ހިންގާ ބިޒް އެޓޯލްސް އަށް ދިނީ ވަކި މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގައި އާ ސްކޫލެއް ހުޅުވާގޮތަށް ކަމަށެވެ. އެކަމަކު ދެ ފަހަރު މުއްދަތު އިތުރު ކުރި އިރު ވެސް އެކަން އެ ކުންފުންޏަށް ނުވި ކަމަށާއި ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ސްކޫލު ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރީދިއްޔާ ސްކޫލްގެ އިމާރާތް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނަށް ސަރުކާރުން ދިނީ 15 އަހަރުގެ މުއްދަތަށެވެ. އެކަމަކު އެއްބަސްވުމުގައިވާ ގޮތުން 12 ވަނަ އަހަރު އެ ކުންފުނިން ހުޅުމާލޭގައި އާ ސްކޫލެއް އަޅަން ޖެހެ އެވެ.

ލާލޭ ސްކޫލު، އެތަން މިހާރު ވެސް ހިންގަމުން އަންނަ ބިޒް އެޓޯލްސްއާ ހަވާލުކުރަން އެދި އެ ސްކޫލުގެ ގިނަ ބެލެނިވެރިންތަކެއް މީގެ ކުރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.