Roadha Mihaaru
ލާލޭ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ލާލޭ ސްކޫލުގެ މުއްދަތު ހަމަވާތީ، އެތަން ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

09 ސެޕްޓެމްބަރ 2016

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގައި ހިންގަމުންދާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގެ މުއްދަތު ހަމަވާތީ، އެތަން ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުން ބީލަމަށް ހުޅުވާލައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލުގައި ހިންގަމުންދާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގެ މުއްދަތު ހަމަވާތީ، އެތަން ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުން ބީލަމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލް، ތުރުކީގެ ބަޔަކު ހިންގަމުން އަންނަތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް ލާލޭ ސްކޫލު ހިންގަމުން އައީ، ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގަ އެވެ.

ލާލޭ ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވާތީ، އަންނަ ބޮޑު އީދުގެ ބަންދަށް ފަހު ސްކޫލު އަލުން ބިޑަށް ލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު 20 ގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނަށް ބީލަން ހުށަހަޅަން އިއުލާނުގައި އެދިފައިވެ އެވެ.

އެޑިއުކޭޝަނުން ބުނި ގޮތުގައި ބީލަން ފޮތް އޮކްޓޯބަރު 16 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިވިޝަނުން ލިބޭނެ އެވެ. އަދި ޕްރީބިޑް މީޓިން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވެލާނާގޭ ނުވަ ވަނަ ބުރީގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް އިމާރާތް، ލާލޭ ހިންގާ ކުންފުނި، ބިޒް އެޓޯލްއާ 2008 ގައި ހަވާލު ކުރީ އެ ކުންފުނިން އެ އަވަށުގައި ސްކޫލެއް ހެދެން ދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެންމެ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު 2013 ގައި ހަމަވުމުން އަނެއްކާ ވެސް އެޑިއުކޭޝަނުން ވަނީ ޖެހިގެން އައި އަހަރު އެއްބަސްވުން އާކޮށް، ބިޒް އެޓޯލްއާ ސްކޫލުގެ ހިންގުން ހަވާލުކޮށްފަ އެވެ.

ލާލޭ ހިންގަން އެންމެ ފުރަތަމަ ހަވާލުކުރީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާ ކުރިން ވެސް ވަނީ އެތަން އަލުން ބިޑަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް އަންގައިފަ އެވެ.

ފަރީދިއްޔާ ސްކޫލުގައި 2008 ވަނަ އަހަރު ކިޔަވަމުން ދިޔަ ދަރިވަރުން، އޭރު ހުސްކޮށް އޮތް ގާޒީ ސްކޫލަށް ބަދަލުކޮށް އެތަން ލާލޭއަށް ދިނީ، ބިޒް އެޓޯލްއިން ހުޅުމާލޭގައި އިންޓަނޭޝަނަލް ބޮޑު ސްކޫލެއް އަޅާނެ ކަމަށް ބުނުމުންނެވެ. އެކަމަކު 25 އަހަރުގެ މުއްދަތަށް އެ ކުންފުންޏާ ހަވާލު ކުރި ބިމުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

އެޑިއުކޭޝަނުން ކުރިން ބުނެފައި ވަނީ އާ ސްކޫލް އެޅުމަށް ބިޒް އެޓޯލްއާ އެކު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދާނީތޯ ނުވަތަ ބާތިލް ކުރާނީތޯ އަދި ނުނިންމާ ކަމަށެވެ. އަދި އަލަށް ހުޅުވާލި ފުރުސަތުގައި ބިޑު ހުށަހަޅައި އެކަން ކާމިޔާބުކޮށްގެން ސްކޫލު ހިންގުމުގެ ފުރުސަތު މިހާރު އެ ސްކޫލް ހިންގަމުން އަންނަ ފަރާތަށް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.