Roadha Mihaaru
ޗެލެންޖެއްގައި ކުއްޖަކު މަރުވުމުން ޓިކްޓޮކަށް ނުރުހުން

ޓިކްޓޮކް ޗެލެންޖެއްގައި ކުއްޖަކު މަރުވުމުން އިޓަލީން ފިޔަވަޅު އަޅައިފި

25 ޖެނުއަރީ 2021

އިޓަލީގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރެއިން އެ ޕްލެޓްފޯމަށް އުމުރު ކަށަވަރުކޮށްނުދެވޭ މީހުންގެ އެކައުންޓްތައް ވަގުތީ ގޮތުން ބްލޮކްކުރަން އެ ގައުމުގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރެއިން އެ ޕްލެޓްފޯމަށް އުމުރު ކަށަވަރުކޮށްނުދެވޭ މީހުންގެ އެކައުންޓްތައް ވަގުތީ ގޮތުން ބްލޮކްކުރަން އެ ގައުމުގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ނިންމައިފި އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަށް މި ފިޔަވަޅު އަޅަން ނިންމީ އެ ޕްލެޓްފޯމުން ފެނުނު "ބްލެކްއައުޓް ޗެލެންޖް" އަމިއްލަ އަށް ބައިވެރިވި 10 އަހަރުގެ އަންހެން ކުއްޖަކު ނޭވާ ހާސްވެގެން މަރުވުމާ ގުޅިގެންނެވެ. އެ ޗެލެންޖަކީ ބެލްޓެއް ކަނދުރާގައި އޮޅައިގެން އަމިއްލަ އަށް ވީޑިއޯކުރަން ބުނާ ޗެލެންޖެކެވެ.

އުމުރު ކަށަވަރުކޮށް ނުދެވޭ މީހުންގެ އެކައުންޓްތައް ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެއީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

މި މައްސަލާގައި ޓިކްޓޮކުން ބުނީ މަރުވި ކުއްޖާ ބައިވެރިވި ކަމަށް ބުނާ "ބްލެކްއައުޓް ޗެލެންޖް" އަކީ އެ ޕްލެޓްފޯމްގެ ތެރޭގައި އޮތް އެއްޗެއްކަން ނޭނގޭ ކަމަށާއި އެފަދަ ޗެލެންގައި ބައިވެރިވާން އެއްވެސް މީހަކަށް ހިތްވަރު ވެސް ނުދޭ ކަމަށެވެ. އަދި ޓިކްޓޮކާ ހެދި ކުއްޖާ މަރުވި ކަމަށް ބުނާ ނަމަ އެކަމުގެ ތަހުގީގަށް އެެއްބާރުލުން ދޭނެ ކަމަށް ވެސް ބުންޏެވެ. ޓިކްޓޮކަކީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ބޭނުން ނުކުރެވޭ ގޮތަށް އުސޫލުތައް ކަނޑައަޅާފައި އޮންނަ ޕްލެޓްފޯމެކެވެ.

"ޕްރައިވެސީ އާއި ސޭފްޓީ އަކީ އަބަދު ވެސް އަހަރެމެން އިސްކަންދޭ ކަންތައްތައް. ހާއްސަކޮށް ޓިކްޓޮކް ބޭނުންކުރާ ޒުވާނުންގެ ސަލާމަތާއު ރައްކާތެރި ކަމަކީ އަބަދު ވެސް ކުންފުނީގެ ޕޮލިސީގެ ތެރެއަށް އަންނަ އެންމެ މުހިއްމު ކަންތަކަށް ވާނެ،" ޓިކްޓޮކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނިގޮތުގައި އުމުރު ކަށަވަރުނުކޮށް ދެވޭ މައްސަލާގައި އިޓަލީން ޓިކްޓޮކަށް ފިޔަވަޅު އެޅުމުގެ ނަތީޖާއަކަށް ވާނީ އެ މައްސަލާގައި ދާއިމީ ނިންމުމަކަށް ދާން އެ ގައުމުގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ އިތުރު ވިސްނުމަކަށް ވެސް ދިއުމެވެ.

ކަނޑައަޅާފައި އޮންނަ އުމުރުފުރާ އަށް ވުރެ ހަގު ކުދިންނަށް ޓިކްޓޮކްގެ އެކައުންޓް ހެދޭ މައްސަލަ އަކީ މި ފަހުން ވަރަށް ބޮޑަށް ހޫނުވެފައިވާ މައްސަލައެކެވެ. އަދި އޭގެ ކޮންޓެންޓްގެ ސަބަބުން ކުދިންނަށް އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ.

ކުޑަކުދިންގެ މައުލޫމާތު ރައްކާތެރިކޮށް ނުދޭ ކަމަށް ބުނެ އިނގިރޭސިވިލާތުގެ 12 އަހަރުގެ އަންހެން ކުއްޖަކު ދާދި ފަހުން ޓިކްޓޮކާ ދެކޮޅަށް ދައުވާ ވެސް ކޮށްފައިވެ އެވެ.