Roadha Mihaaru
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް

ޓެކް ކުންފުނިތަކާ ދެކޮޅަށް އޮސްޓްރޭލިއާ އިން ހަރުކަށި ބިލެއް

26 އޮކްޓޯބަރ 2021

ސޯޅަ އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބޭނުން ކުރެވޭނީ ސީދާ ބެލެނިވެރިއެއްގެ ބައިވެރިވުމެއް އޮވެގެން ކަމަށް ހަދަން ޓެކް ކުންފުނިތަކަށް މަޖުބޫރުކުރާ ބިލެއްގެ މަސައްކަތް އޮސްޓްރޭލިއާ އިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޅަ އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބޭނުން ކުރެވޭނީ ސީދާ ބެލެނިވެރިއެއްގެ ބައިވެރިވުމެއް އޮވެގެން ކަމަށް ހަދަން ޓެކް ކުންފުނިތަކަށް މަޖުބޫރުކުރާ ބިލެއްގެ މަސައްކަތް އޮސްޓްރޭލިއާ އިން ފަށައިފި އެވެ.

އޮންލައިން ޕްރައިސީ ކޯޑްގެ ދަށުން ޓެކް ކުންފުނިތަކަށް އަމަލުކުރަން ޖެހޭ އުސޫލުގައިވާ ގޮތުން ކުންފުނިތަކުން އުސޫލާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ނުކުރާ ނަމަ މަދުވެގެން 10 މިލިއަން ޑޮލަރު (7.5 މިލިއަން އޮސްޓްޓޭލިއާ ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ބާރު ބިލުން ދޭން ނިންމާފައި ވަނީ އޮސްޓްރޭލިއާގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.

އޮސްޓްރޭލިއާ އިން މިފަދަ ބިލެއް އެކުލަވާލައި އެ ގާނޫނަކަށް ހެދުމަށް މަސައްކަތްކުރަނީ ސޯޝަލް އެޕްތަކުގެ ސަބަބުން ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ނުރައްކާތަކާއި ގެއްލުންތަކުން އެ ކުދިން ސަލާމަތް ކުރުމުގެ ގޮތުންނެވެ. ދާދި ފަހުން ވެސް ފެންމަތިވި އެއް މައްސަލަ އަކީ ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ސަބަބުން ފުރާވަރުގެ ކުދިންނަށް ނަފުސާނީ އެތައް މައްސަލަތަކެއް ކުރިމަތިވާކަން އެތަނުގެ އެތެރޭގެ ސާވޭއަކުން ވެސް ދެއްކުމެވެ. އެކަމަކު ކުންފުންޏަށް ލިބުދާނެ މާލީ ގެއްލުމަކަށްޓަކައި އެކަންކަން އޮތީ ސިއްރުކޮށްފަ އެވެ.

ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ފޭސްބުކުން ވަކިވި އިސް މުވައްޒަފަކު ވަނީ ފޭސްބުކްގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން މީޑިއާތަކަށް ކިޔައި ދީފަ އެވެ. އެގޮތުން ފުރާވަރު ކުދިން ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރަން ހިތްވަރު ދެވޭ ގޮތަށް ކަންކަން ބައްޓަން ކުރުމާއި އެކަންކަން މާލީ ފައިދާތަކަށްޓަކައި ސިއްރުކޮށްގެން އުޅޭ ކަމަށް ބުނެފައިވެ އެވެ.

އޮސްޓްރޭލިއާގެ މެންޓަލް ހެލްތު އެންޑް ސުއިސައިޑް ޕްރިވެންޝަންގެ އެސިސްޓަންޓް މިނިސްޓަރު ޑޭވިޑް ކޯލްމަން ވިދާޅުވި ގޮތުގައި ފޭސްބުކްގެ އެތެރޭގެ ސާވޭ އިން ހާމަވި ކަންކަމަކީ ވަރަށް ބޮޑަށް ފާރަވެރިވެ، ގާތުން ކަންކަން ބެލުން މުހިއްމުކަން އަންގައިދޭ ސިގްނަލެކެވެ.

އޮސްޓްރޭލިއާ އިން ބުނި ގޮތުގައި ޓެކް ކުންފުނިތަކުން ބޭނުންހާ ގޮތަކަށް މަންފާ ހޯދަން ދޫކޮށްލުމަކީ ކުރިމަގުގެ ޖީލު ހަލާކުގެ ތެރެއަށް ވައްޓައިލުމެވެ. އެހެންވެ އެ ގައުމުން ޓެކް ކުންފުނިތަކުގެ މަސައްކަތްތައް ލުއިކޮށް ނުނަގާނެ ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ އެޓާނީ ޖެނެރަލް މިކޭލިއާ ކޭޝް ވިދާޅުވީ އޮސްޓްރޭލިއާގައި ޓެކް ކުންފުނިތަކަށް މަސައްކަތް ކުރެވޭނީ އެ ގައުމުގެ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކާއި އެ މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށް ދެވޭ ނަމަ ކަމަށެވެ.

އޮސްޓްރޭލިއާގެ އޭޖީ.

އޮސްޓްރޭލިއާގެ އޭޖީ.

"އެ ނޫން ކަމަށް ވަންޏާ މި ގައުމަކު [އޮސްޓްރޭލިއާ] ގައި އެ ފުރުސަތެއް ނޯންނާނެ. އަހަރެމެންގެ ސްޓޭންޑާޑްތަކަށް ކުންފުނިތަކުން ތަބާނުވާ ނަމަ ހަރުކަށި އަބަދުތަކާ ކުރިމަތިލާން ޖެހޭނެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

ފޭސްބުކްގެ އޮސްޓްރޭލިއާ/ނިއު ޒީލެންޑްގެ ޕަބްލިކް ޕޮލިސީ ޑިރެކްޓަރު މިއާ ގާލިކް ވިދާޅުވީ އޮސްޓްރޭލިއާ އިން ހުށަހަޅާ ބިލް ރިވިއުކޮށް އޭގައި ބުނާ ކަންކަން ކުންފުނިން ދިރާސާ ކުރާނެ ކަމަށެވެ.

"މީގައި ބެލުން އެންމެ މުހިއްމު އެއް ކަމަކަށްވާނީ އާ ޓެކްނޮލޮޖީތަކާއި އާ ކުރިއެރުންތަކާ ގުޅުން ހުރި ހިދުމަތްތައް ދޭން ބިލުން ހުރަސް އަޅާތޯ،" އޭނާ ވިދާޅުވި އެވެ. "އެބަހުރިތޯ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ ފުށުއަރާ ކަންތައްތަކެއް ބިލްގައި."