Roadha Mihaaru
ކެފޭތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި

ކެފޭތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި

24 ޖެނުއަރީ 2021

ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އިކޮނޮމިކް މިނިސްޓްރީން ވަނީ ރެސްޓޯރަންޓާއި، ސައިހޮޓާ އަދި ކެންޓީން ފަދަ، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ޖެހޭ ވަގުތު 11:30 އަށް އަވަސްކޮށްފަ އެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން މިއަދުން ފެށިގެން ސައި ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ އެފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އެންމެ ފުރަތަމަ ނިންމީ ރެސްޓޯރަންޓުތައް އެއްގޮތަކަށް ވެސް ނުހުޅުވުމަށެވެ. ނަމަވެސް ފަހުން ރޭގަނޑު 9:30 ވަންދެން ހިދުމަތް ދެވޭ ގޮތް ހަދާފައި ވަނިކޮށް، ރެސްޓޯރަންޓުތަކާ ބެހޭ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރޭގަނޑު 11:30 އަށް ވަނީ ވަގުތު އިތުރުކޮށްފަ އެވެ.

ކެފޭ ރެސްޓޯރަންޓުތަކާ ބެހޭ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާ ގޮތުން އެ ތަންތަން ހުންނަން ޖެހޭނީ ހިދުމަތް ހޯދާ މީހުންނަށް ތިން ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށެވެ. އަދި ރެސްޓޯރަންޓަށް ވަދެވޭނެ މީހުންގެ އަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.