Roadha Mihaaru
ޓްރަމްޕުގެ ވަކީލްއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފި

ޓްރަމްޕުގެ ވަކީލްއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފި

26 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 26) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަކީލް ރުޑޮލްފް ޖިއުލިއާނީއާ ދެކޮޅަށް ރިޔާސީ އިންތިޚާބަށް ވޯޓިން މެޝިން ފޯރުކޮށްދިން ކުންފުނިން އަބުރުގެ ދައުވާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 26) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަކީލް ރުޑޮލްފް ޖިއުލިއާނީއާ ދެކޮޅަށް ރިޔާސީ އިންތިޚާބަށް ވޯޓިން މެޝިން ފޯރުކޮށްދިން ކުންފުނިން އަބުރުގެ ދައުވާކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ވޯޓިން މެޝިން ފޯރުކޮށްދީފައި ވަނީ ޑޮމިނިއަން ވޯޓިން ސިސްޓަމްސް އިންނެވެ. ޓްވިޓާ އާއި މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ޖިއުލިއާނީ ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލައި، ވައްކަންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ޑޮމިނިއަން އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ވަނީ 1.3 ބިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފަ އެވެ.

ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ޓްރަމްޕް އަދިވެސް ވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.

ޖިއުލިއާނީ ވިދާޅުވީ ޑޮމިނިއަން އިން އަބުރުގެ ދައުވާ ކުރުމަކީ އޭނާގެ ތުހުމަތުތައް ސާބިތުކޮށްދޭން ލިބުނު ފުރުސަތެއް ކަމަށެވެ.

އިންތިޚާބަށް ފަހު ޖިއުލިއާނީ ވިދާޅުވަމުން ގެންދެވީ ޑޮމިނިއަން އަކީ ވެނެޒުއެލާގެ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ދިން މެޝިންތަކުން ޓްރަމްޕަށް ލާފައިވާ ވޯޓުތައް ބައިޑަން އަށް ބަދަލުވެފައިވާ ކަމަށެވެ. އެކަމަކު އެ ތުހުމަތު ވަނީ އެމެރިކާގެ އެތައް ސްޓޭޓެއްގެ ކޯޓުތަކުން ވެސް ދޮގުކޮށްފަ އެވެ.

ޓްރަމްޕުގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރާ ތުހުމަތުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ބައިޑަންގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސް އިން ވަނީ މި މަހު 6 ވަނަ ދުވަހު ރަސްމީކޮށް ފާސްކޮށްފަ އެވެ.

ޑޮމިނިއަން އިން ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުން ޖިއުލިއާނީ ހެއްދެވި "ބޮޑު ދޮގު"ގެ ސަބަބުން އެ ކުންފުނީގެ މެޝިންތަކުން ލާފައިވާ ވޯޓު އޮޅުވާލާފައިވާ ކަމަށް އެތައް ބަޔަކު ގަބޫލް ކުރި ކަމަށެވެ. ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެ ހިންގި ހަމަނުޖެހުމަށް ފަހު ވެސް ޖިއުލިއާނީ ގެންދެވީ ދޮގު ތަކުރާރު ކުރައްވަމުން ކަމަށް ޑޮމިނިއަން އިން ބުނެފައިވެ އެވެ.

ޑޮމިނިއަން އިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ބުނެފައި ވަނީ ޖިއުލިއާނީގެ ދޮގުތަކާ ގުޅިގެން ލިބެމުން ދިޔަ އިންޒާރުތަކާ ގުޅިގެން، ކުންފުނީގެ ސެކިއުރިޓީ ވަރުގަދަ ކުރަން 500،000 ޑޮލަރު ޚަރަދު ކުރަން ޖެހުނު ކަމަށެވެ.

ޓްރަމްޕުގެ އެހެން ވަކީލެއް ކަމަށްވާ ސިޑްނީ ޕޮވެލްގެ ފަރާތުން ވެސް ބަދަލު ހޯދަން ޑޮމިނިއަން އިން ވަނީ ދައުވާކޮށްފަ އެވެ. ޕަވަލް ވެސް ވަނީ ޖިއުލިއާނީ ކުރައްވާފައިވާ ފަދަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ޑޮމިނިއަން އިން ވަނީ ދެ ވަކީލުންގެ ދޮގު ވާހަކަތައް އަނބުރާ ގެންދިއުމަށް އެދިފަ އެވެ.