Roadha Mihaaru
ޓްރަމްޕުގެ ވަކީލަށް ކޮވިޑް ޖެހި ހޮސްޕިޓަލްގައި

ޓްރަމްޕުގެ ވަކީލަށް ކޮވިޑް ޖެހި ހޮސްޕިޓަލްގައި

07 ޑިސެމްބަރ 2020

ވޮޝިންޓަން (ޑިސެމްބަރު 7) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގާނޫނީ ވަކީލް ރޫޑީ ޖިއުލިއާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 7) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގާނޫނީ ވަކީލް ރޫޑީ ޖިއުލިއާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ރިޔާސީ އިންތިޚާބުގައި ޓްރަމްޕުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި ގާނޫނީ މައްސަލަތަކުގައި އެންމެ އިސްކޮށް އުޅުއްވީ ޖިއުލިއާނީ އެވެ.

ޖިއުލިއާނީ، 76، އެޑްމިޓްކޮށްފައި ވަނީ ވޮޝިންޓަންގެ މެޑްސްޓާ ޖޯޖްޓައުން ޔުނިވާސިޓީ ހޮސްޕިޓަލްގަ އެވެ. ނިއު ޔޯކުގެ ކުރީގެ މޭޔަރު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އަށް ހެޔޮ އެދުން ފޮނުވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބަލިން ވަރަށް އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި މަސައްކަތް ކުރައްވާ، ޖިއުލިއާނީގެ ދަރިކަލުން އެންޑްރޫ ޖިއުލިއާނީ ވެސް ވަނީ ކޮވިޑް-19 އަށް މިދިޔަ މަހު ޕޮޒިޓިވްވެފަ އެވެ. އެންޑްރޫ ވެސް ވިދާޅުވެފައި ވަނީ އޭނާގެ ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޖިއުލިއާނީ އަށް ކޮވިޑް ޖެހުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބަށް ފަހު ޖިއުލިއާނީ ވަނީ ޓްރަމްޕުގެ ފަރާތުން ހުށަހެޅި މައްސަލަތަކުގައި ގާނޫނީ ލަފާދިނުމަށް ގައުމުގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައިފަ އެވެ. ޖިއުލިއާނީގެ ގިނަ އިވެންޓްތަކުގައި އޭނާ ފެނިފައި ވަނީ މާސްކް ނާޅުއްވައި އަދި ގައިދުރުކަމެއް ވެސް ނެތި އުޅުއްވަނިކޮށެވެ.

އޮކްޓޯބަރު މަހުން ފެށިގެން، ޓްރަމްޕުގެ ގާތް ގިނަ ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ޓްރަމްޕް ވެސް ވަނީ އޮކްޓޯބަރު މަހު ކޮވިޑް-19 އަށް ފަރުވާ ހޯއްދަވައިފަ އެވެ.