Roadha Mihaaru
ކޮވިޑް ތެރޭގައި އެޕަލް އަށް ރެކޯޑް އާމްދަނީއެއް

ކޮވިޑް ތެރޭގައި އެޕަލް އަށް ރެކޯޑް އާމްދަނީއެއް

29 ޖެނުއަރީ 2021

މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި އަށް ބޮޑު ލޮޅުންތަކެއް އެރި ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ތާރީހުގައި ވެސް ނުލިބޭ ވަރުގެ ރެކޯޑް އާމްދަނީއެއް ލިބިފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި އަށް ބޮޑު ލޮޅުންތަކެއް އެރި ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ތާރީހުގައި ވެސް ނުލިބޭ ވަރުގެ ރެކޯޑް އާމްދަނީއެއް ލިބިފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަހަރުގެ ފަހު ތިން މަހުގެ އާމްދަނީ އަށް 111.4 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތަކުން އަހަރު ނިމުނު އިރު 65 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އެޕަލް އިން ބުނީ އެންމެ ފަހުން ނެރުނު އައިފޯނުގެ ވިޔަފާރި ރަނގަޅުވި މައިގަނޑު ސަބަބަކީ ބޮޑު ބަލިމަޑުމަކެއްގެ ތެރޭގައި މުޅި ދުނިޔެ އޮތް އިރު ވެސް 5ޖީ ނެޓްވޯކް ވަރުގަދަ ފޯނުތަކަށް ކަސްޓަމަރުން ދީލައިލުމެވެ. އެގޮތުން އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އަށް އެންމެ ބޮޑަށް ޑިމާންޑް އުފުލުނީ ހޮންކޮންގް/ޓައިވާން (57 ޕަސެންޓް) އާއި ޔޫރަޕް (17 ޕަސެންޓް) އަދި އެމެރިކާ (11 ޕަސެންޓް) ގައި ކަމަށް އެޕަލް އިން ބުންޏެވެ.

އެޕަލްގެ މި އާމްދަނީ އަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާ އިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއާ އެކު އެޕަލް އިން ލަފާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ނިމޭ އިރު ވެސް ކުންފުނީގެ ވިޔަފާރީން ވަރަށް އުންމީދީ މަންޒަރެއް ފެންނާނެ ކަމަށެވެ.

"އަހަރެމެން މިހާރު މި ބަލަނީ މާޗް މަސް ނިމޭ އިރު ވިޔަފާރި އަށް އައިސްފައި އޮންނާނެ ބަދަލަކަށް،" އެޕަލްގެ ޗީފް ފައިނޭންޝަލް އޮފިސަރު ލޫކާ މައެސްޓްރީ ވިދާޅުވި އެވެ.

ދުނިޔޭގެ ޓެކް ކުންފުނިތަކުގެ އެންމެ ކުރީގައި އުޅޭ އެޕަލް އަކީ 1.37 ޓްރިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

އަގު ޓްރިލިއަން ޑޮލަރަށް އަރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެޕަލްގެ އިތުރުން ސައުދި އަރަބިއްޔާގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ އާއި މައިކްރޮސޮފްޓާއި އެމެޒޯންގެ އިތުރުން އަލްފަބެޓެވެ.