Roadha Mihaaru
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް

އެޕަލްގެ ޑިވައިސްތައް ސާފުކުރަން 19 ޑޮލަރުގެ ފޮތިކޮޅެއް

20 އޮކްޓޯބަރ 2021

އެޕަލްގެ އާ އުފެއްދުންތަކެއް ދައްކައިލަން ހޯމަ ދުވަހު ބޭއްވި "އަންލީޝްޑް" އިވެންޓްގައި އެ ކުންފުނީގެ އުފެއްދުންތައް ސާފުކުރަން ހާއްސަ ފޮތިކޮޅެއް ދައްކާލައި، އެ ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އާ އުފެއްދުންތަކެއް ދައްކައިލަން ހޯމަ ދުވަހު ބޭއްވި "އަންލީޝްޑް" އިވެންޓްގައި އެ ކުންފުނީގެ އުފެއްދުންތައް ސާފުކުރަން ހާއްސަ ފޮތިކޮޅެއް ދައްކާލައި، އެ ވިއްކަން ފަށައިފި އެވެ.

އެޕަލްގެ ލޯގޯ ހިމެނޭ އަދި ކުރިން އާންމުކޮށް ބޭނުންކޮށް އުޅުނު މައުސް ޕެޑަކާ ވައްތަރު ގޮތަކަށް އޮތް މި ފޮތިކޮޅަކީ އެޕަލްގެ އުފެއްދުމެއް ގަތުމުން އެ އެއްޗަކާ އެކީ ހިލޭ ލިބޭ އެއްޗެއް ނޫނެވެ. މިއީ ވަކިން ވިއްކާ އެޕަލްގެ ޕްރޮޑަކްޓެކެވެ. އެގޮތުން އެޕަލް ބްރޭންޑްގެ ޕޮލިޝިން ކްލޮތު ނުވަތަ ސާފުކުރާ ފޮތިކޮޅުގެ އަގަކީ 19 ޑޮލަރު (293ރ.) އެވެ.

އެޕަލް އިން ބުނި ގޮތުގައި މިއީ އެޕަލްގެ އެކިއެކި ޑިވައިސްތައް ސާފުކުރަން ބޭނުންކުރަން އެންމެ ރައްކާތެރި އެއްޗެވެ. އެހެންވެ އެޕަލްގެ ޑިވައިސްއެއް ގެންގުޅޭ ނަމަ މީގެ ފޮތިކޮޅެއް ހޯދަން ކުންފުނިން ލަފާދެ އެވެ.

މި އުފެއްދުމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ އޭގައި އެޕަލްގެ ލޯގޯ އިނުން ފިޔަވައި ސާފުކުރަން އާންމުކޮށް ބޭނުންކުރާ މައިކްރޮފައިބާ ފޮތިކޮޅަކާ މާ ބޮޑު ތަފާތެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ނަމަވެސް އެޕަލް އިން ބުނެފައި ވަނީ އެ ކުންފުނީގެ ބްރޭންޑެޑް ފޮތިކޮޅަކީ ކުންފުނީގެ ޑިވައިސްތައް "ލޯތްބާ އެކު" ސާފުކުރަން ހާއްސަ އެއްޗެއް ކަމަށެވެ. އަދި އެ އުފައްދާފައި ވަނީ ހާއްސަ ނަންއެބްރޭސިވް މެޓީރިއަލްއަކުން ކަމަށް ބުންޏެވެ. އެހެންވެ މި މަޑު ފޮތިކޮޅަކީ އެޕަލްގެ ޑިވައިސްތަކަށް ކޮންމެހެން ބޭނުން އެއްޗެއް ކަމަށް ބުންޏެވެ. އެޕަލްގެ ވެބްސައިޓުން އެ ގަނެވޭނެ އެވެ.

"އަންލީޝް" އިވެންޓްގައި އެޕަލް އިން ދައްކައިލި އުފެއްދުންތަކުގެ ތެރޭގައި މެކްބުކް ޕްރޯތަކާއި އެއާޕޮޑްސް 3 އާއި ހޯމްޕޮޑް މިނީގެ އިތުރުން ކުންފުނީގެ އާ ޗިޕް ހިމެނެ އެވެ.